ކުލި ކޮންޓްރޯލް ކުރުމުގެ މައްސަލަ ހޫނުވެ، ސްވިޑެންގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ސްވިޑެންގެ ބޮޑުވަޒީރު ސްޓެފާން ލާވެންއަށް އިތުބާރު ނެތް ކަމަށް ޕާލިމެންޓުން ވަނީ ފާސްކޮށްފަ -- ފޮޓޯ: އީޕީއޭ

ސްޓޮކްހޯމް (ޖޫން 22): ސްވިޑެންގައި ކުލި ކޮންޓްރޯލް ކުރުމަށް ދޫދިނުމާ ބެހޭ ގޮތުން އުފެދުނު ދެބަސްވުމެއް ހޫނުވެ، ބޮޑުވަޒީރު ސްޓެފާން ލާވެންއަށް އިތުބާރު ނެތް ކަމަށް އެގައުމުގެ ޕާލިމެންޓުން ފާސްކޮށްފި އެވެ.

ސްވިޑެންގެ ޕާލިމެންޓުގައި އިއްޔެ ނެގި ވޯޓުގައި ލާވެންއަށް އިތުބާރު ނެތް ކަމަށް 181 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އޭނާ ވަނީ އެގައުމުގެ ތާރީހުގައި ވެސް އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމު ގެއްލުނު ފުރަތަމަ ބޮޑުވަޒީރަށްވެ ވަޑައިގެންފަ އެވެ.

އެ ވޯޓަށް ފަހު ލާވެންއަށް މަގާމުން އިސްތިއުފާ ދެއްވަން ނުވަތަ އާއްމު އިންތިހާބެއް ބާއްވަން ނިންމެވޭނެ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނަށް އަނެއްކާވެސް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އާ ސަރުކާރެއް އެކުލަވާލެވިދާނެ އެވެ.

"ކޮންމެ ގޮތަކަށް ވިޔަސް، އަޅުގަނޑާއި އަޅުގަނޑުގެ [ސޯޝަލް ޑިމޮކްރެޓިކް] ޕާޓީ އޮންނާނީ ގައުމު ހިންގުމުގެ ޒިންމާ ނަގަން ތައްޔާރަށް. އަޅުގަނޑު އަބަދު ވެސް އިސްކަން ދެނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް އިސްކަން ދޭނީ ސްވިޑެންއަށް އެންމެ ރަނގަޅު ގޮތަކަށް މަސައްކަތް ކުރުމަށް،" ލާވެން ވިދާޅުވި އެވެ.

ސްވިޑެންގައި 2018 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބަށް ފަހު ލާވެންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީން އެގައުމުގެ ގްރީން ޕާޓީއާ އެކު ކޯލިޝަން ސަރުކާރެއް އުފެއްދީ ސްވިޑެން ލެފްޓް ޕާޓީގެ ތާއިދާ އެކު އެވެ. ނަމަވެސް އެގައުމުގައި އަލަށް އަޅާ އިމާރާތްތަކުގައި ކުލި ކޮންޓްރޯލް ކުރުން ހުއްޓުވުމާ ބެހޭ ހުށަހެޅުމެއް ޕާލިމެންޓަށް ފޮނުވަން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކުރުމުން ލެފްޓް ޕާޓީން ވަނީ އެ ކޯލިޝަނަށް އޮތް ތާއިދު އަނބުރާ ގެންގޮސްފަ އެވެ. އެހެންކަމުން ބޮޑުވަޒީރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގަން އިދިކޮޅު ޕާޓީއަކުން ހުށަހެޅީ އެވެ.

ސްވިޑެންގެ ބޮޑެތި ސިޓީތަކުގައި ކުލި މާ ބޮޑަށް އިތުރު ކުރުން ހުއްޓުވުމަށް ޓަކައި އެގައުމުގައި ކުލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވެ އެވެ. ނަމަވެސް އޭގެ ސަބަބުން ކުއްޔަށް ދޭން އަޅާ އިމާރާތްތައް މަދުވެ، ކުއްޔަށް ދޫކުރާ ތަންތަނުގައި ދިރިއުޅެން ބޭނުންވާ މީހުންގެ ކިޔޫތައް ވަނީ ދިގުވެފަ އެވެ. އަދި މިހާރު އެގައުމުގައި ގެތަކާއި ބިން ވިއްކާ އަގުވެސް ވަނީ އުފުލިފަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްވިޑެންގެ ސަރުކާރުން ޕާލިމެންޓަށް ހުށަހަޅަން ނިންމާފައި ވަނީ އަލަށް އަޅާ އިމާރާތްތަކުގެ ކުލި ޑިމާންޑާ އެއްވަރަށް ބަދަލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ. އޭގެ ސަބަބުން ކުއްޔަށް ދޫކުރަން އަޅާ އިމާރާތްތައް އިތުރުވެގެން ދާނެ ކަަމަށް ސަރުކާރުން ބުނެ އެވެ.

ނަމަވެސް އެ އިސްލާހާ ދެކޮޅު ފަރާތްތަކުން ވަނީ އޭގެ ސަބަބުން ކުލި އަގުބޮޑުވެ، ކުއްޔަށް ދިރިއުޅޭ މީހުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލި، ގެދޮރުވެރިކަމުގައި ފަގީރުންނާއި މުއްސަނދިންނާއި ދެމެދު އޮތް ފަރަގު އިތުރުވެގެން ދާނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް