ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ފިލިޕީންސުން ބޭރުވުމަށް ޑުޓާޓޭ އަންގަވައިފި

ފިލިޕީންސްގެ ރައީސް ޜޮޑްރިގޯ ޑޫޓާޓެ

މެނީލާ (މޭ 22) : ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖަހަން ދެކޮޅު ހަދާ ފިލިޕީންސް ގެ ރައްޔިތުން ގައުުމުން ބޭރުވެ, އެމެރިކާއަށާއި އިންޑިއާއަށް ދިޔުމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އަމުރު ކުރައްވައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހުމަށް ފިލިޕީންސްގެ ވިލެޖު ސަރަހައްދުތަކުގެ ގިނަބަޔަކު ދެކޮޅު ހަދަމުން ގެންދާތީ އެކަމަށް ޚާއްސަކޮށްގެން ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޑުޓާޓޭ ވިދާޅުވީ ވެކްސިން ޖަހަން ދެކޮޅުހަދާ މީހުންނަށް ވެކްސިން ނުޖަހައި ތިބުމުގެ ފުރުސަތު އެމެރިކާއާއި އިންޑިއާއިން ފަހަރެއްގައި ލިބިދާނެކަމަށާ ނަމަވެސް އެމީހުންނަށް ފިލިޕީންސްގައި އެއްގޮތަކަށްވެސް އެފުރުސަތު ނޯންނާނެ ކަމުގައެވެ.

ވެކްސިން ޖެހުމަށް ދެކޮޅު ހަދާމީހުންނަށް އިންޒާރު ކުރައްވަމުން ޑުޓާޓޭ ވިދާޅުވީ އެމީހުންނަށް އޮތީ ދެގޮތް ކަމުގައެވެ. އެއީ އަވަހަށް އެމެރިކާއަށް ނޫނީ އިންޑިއާއަށް ދިޔުން ނޫނީ ޖަލަށް ވަނުން ކަމަށް އޭނާ ވިދާޅުވިއެވެ. ޖަލަށް ވަން ނަމަވެސް ގަދަބާރުން އެމީހުންގެ ގަޔަށް ވެކްސިން ޖަހާނެކަމަށާއި ގައުމު ދޫކޮށް ފުރައިގެން ގޮސްފިނަމަ އެމެރިކާއާއި އިންޑިއާ ފަދަ ގައުމުތަކުގައި އެމީހުންނަށް ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ފަހަރުގައި ލިބިދާނެ ކަމަށް ޑުޓާޓޭ ވިދާޅުވިއެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އަކީ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި އިންސާނީ ހައްގުތަކަށާއި ފަރުދީ މިނިވަންކަމަށް އެއްވެސް ވަރަކަށް ބައްލަވާ ބޭފުޅެއް ނޫނެވެ. އެފަދަ ކަންކަމުގައި އޭނާ ގެންގުޅުއްވަނީ ހަރުކަށި ކަމާއި ގޮއްމުށުގެ ބާރެވެ.

ފިލިޕީންސްގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން ގޭންގްތައް ހަދައިގެން ވައްކަން ކުރުމާއި މަގުފޭރުމާއި މީހުން ރަހީނުކުރުމާއި މިނޫންވެސް މިފަދަ ޖަރީމާތައް ބޮޑުވެ ދިގުލައިގެން ގޮސް ފިލިޕީންސްގެ އާންމު ރައްޔިތުންނަށް ދިރިނޫޅެވޭ ހިސާބަށް ކަންތައް ގޯސްވެފައި ވަނިކޮށް އޭނާ ވެރިކަމަށް ވަޑައިގެން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިފައި ހައްޔަރުކޮށް މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބަދަލުގައި ސިފައިންނާއި ފުލުހުން ހަތިޔާރާއެކު ނެރެގެން އެމީހުން ޖެހުނުތަނަކުން މެރުމަށް ވަރުގަދަ ހަނގުރާމަ އެއްފަށާފައެވެ.

މިހަނގުރާމައިގައި މިހާތަނަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 25,000 މީހުން ވަނީ އެއްވެސް ރަހުމެއްނެތި މަރާލާފައެވެ. މިމައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންތައް ޑުޓާޓޭއަށް އަމާޒުވި ނަމަވެސް އޭނާ ގެންދަވަނީ އެކަމަށް ބީރު ކަންފަތެއް ދެއްވައި ފަސްޖެހުމެއް ނެތި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވަމުންނެވެ. އަދި މަސްތުވާތަކެތީގެ ދަލުގައި ޖެހިފައި ތިބި ގިނަ ބަޔަކުވެސް ވަނީ ޖަލަށްވެސް ލާފައެވެ.

އެފަދަ މީހުންނަށް ބޮޑު ޚަރަދުކޮށްގެން ރިހެބިލިޓޭޓްކުރުމަކީ ބޭކާރު އިސްރާފެއްކަމަށް ޑުޓާޓޭ ވަނީ ވިދާޅުވެފައެވެ. ޑުޓާޓޭ ފައްޓަވާފައިވާ ހަނގުރާމައިގެ ސަބަބުން ފިލިޕީންސްގައި އަމަން އަމާންކަން ގާއިމުކުރެވި އާންމުންނަށްވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

ފިލިޕީންސްގައި 1.3 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެބަލީގައި 23 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ކޮވިޑް-19 އާ ދެކޮޅަށް ހިންގާ ވެކްސިން ޕްރޮގްރާމް ގެ ދަށުން ފިލިޕީންސްގައި 2.1 މިލިޔަން މީހުންނަށްވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ.

comment ކޮމެންޓް