ޔާރާއެ ލޯބިދޭށޭ... 48

ކައި ނިމެންދެންވެސް އިތުރު ވާހަކައެއް ދެމީހުންގެ ދޭތެރޭގައި ނުދެކެވެ އެވެ. ކައި ނިންމައިލިގޮތަށް ޖިލްވާ ވަރަށް އަވަހަށް ތެދުވި އެވެ. ޝާވީނަށް މަޑުކުރުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި ހޮޓަލުން ނުކުތެވެ. ޖިލްވާގެ ނޭވާއަށް އުނދަގޫ ވަނީ އެވެ. ވަށައިގެން މުޅި ތަން އެނބުރެމުން ދިޔަ އެވެ. މޭގައި ރިއްސުން ގަދަވެ، މުޅި ގައިން ދިލަ ނަގަން ފެށި އެވެ. ދެލޯ ފުރުނު ކަރުނަތަކުން ޖިލްވާއަށް މަންޒަރު ފުސްވިއެވެ. ދެފައިގެ ވަރު ދޫވަމުން ދިޔަ އެވެ. ކުރިއަށް ފިޔަވަޅެއް ނަގައިލެވެނީ ކިިރިޔާ އެވެ. އެއް އަތުން މޭގައި ބާރަށް ހިފަހައްޓައިގެން ހުރެ ޖިލްވާ ހިނގަމުން ދިޔަ އެވެ. ދެންމެ ދެންމެ ވެއްޓެނީއޭ ހީވާ ފަހަރުވެސް ދިޔަ އެވެ. ޖިލްވާގެ ފަހަތުން ނުކުތް ޝާވިންއަށް ޖިލްވާ ފެނުނީ ވަރަށް ދުރަށް ގޮސް ހުއްޓަ އެވެ. ޖިލްވާ ހިނގަމުންދިޔަ ގޮތުން ކަމެއް ގޯސްވެެއްޖެކަން އެނގި ފަހަތުން ޝާވިން ދިޔަ އެވެ.

ޖިލްވާއަށް ގެއަށް ވަދެވުނީ ކިރިޔާ އެވެ. ބަނޑުވަތަށް ވެއްޓިއްޖެ އެވެ.

********

ޖިލްވާގެ ހަރަކާތްތަކަށް ބަލަން ދުރުގައި މީހަކު ހުއްޓެވެ. އެމީހާގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރެކެވެ. ޖިލްވާއަށް ނޭނގުނު ނަމަވެސް، ބޭރަށް ނުކުތީއްސުރެ، އެމީހަކު ދިޔައީ ޖިލްވާއަށް ފާރަލަމުންނެވެ.

ޝާވިން ގޭތެރެއަށް ވަންއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޖިލްވާ ވެއްޓިފައި އޮތްތަން ފެނުމުން، އޭނައަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނަ އަވަހަށް ޖިލްވާ ނަގައި، މޭގައި ލައްކޮށްލިއެވެ.

"ޖިލް!..." ހަރަކާތް ހުސްވެފައިވާ ޖިލްވާގެ ދެކޮލުގައި ހިފައި މަޑުމަޑުން ތަޅުވައިލަމުން ޝާވިން ދެތިން ފަހަރަކު ގޮވިއެވެ. ޖިލްވާ އެއްވެސް ހަރަކާތެއް ނުކުރި އެވެ.

ޝާވިން ޖިލްވާ އޭނާގެ އަތްދަނޑިމައްޗަށް އުފުލައިލިއެވެ. ވަގުތަކީ، ޔޫން ނިންދަވާފައި ހަމްދާ އޭނާގެ ކޮޓަރިން ނުކުތް ވަގުތެވެ. ޖިލްވާ ގޮވައިގެން ބޭރަށް ނުކުންނަންދިޔަ ޝާވިން ހަމްދާއަށް ފެނުނީ ފުރަގަހުންނެވެ.

"އޭތް!..." ހަމްދާ ހަޅޭއްލަވައިގަތެވެ.

ޝާވިން ފަސްްއެނބުރި ބަލައިލުމުގެ ކުރިން، ހަމްދާ ދުވެފައި ގޮސް އޭނާގެ ގަމީހުގައި ހިފައި ފަހަތަށް ދަމައިގެންފި އެވެ. ޝާވީންއަށް އޭނާގެ ހަށިގަނޑު ވެއްޓުނަނުދީ ސަލާމަތް ކުރެވުނީ ކިރިޔާ އެވެ. އަވަހަށް ޖިލްވާ ގެންގޮސް ސޯފާގައި ބާއްވައިލި އެވެ.

"މަގޭ ދަރި..." ޖިލްވާ ފެނުމުން، ހަމްދާ ރޮއެގަތެވެ.

"ދައްތާ!... އަޑުއަހާބަލަ... ޖިލް ވެއްޓު..." ޝާވިން މަސައްކަތް ކުރީ ވީގޮތް ކިޔައިދޭށެވެ.

ހަމްދާ ޝާވިންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ތިރިކުރި އެވެ. އެވަރުން ނުވެގެން މޫނުމަތީގައި އެތައް ފަހަރަކު ޖެހިއެވެ.

"އަހަރެންގެ ދަރިފުޅު ކިޑްނެޕް ކުރެވޭނެ ކަމައްތަ ހީކުރީ... އޭނ!..." ހަމްދާ ހަޅޭއްލެވިއެވެ.

ރިފްއާން ނުކުތީ އަޑުގަދަވެގެންނެވެ. އޭނާ ދުވެފައި ގޮސް ހަމްދާ ދުރުކުރި އެވެ. ހަމްދާ ހަމައަކަށް އަޅުވާފައި ރިފްއާން އެނބުރުނީ ޝާވިން އާއި ދިމާއަށެވެ. ޝާވިން ފެނުމުން، ރިފްއާން ދިޔައީ ސިއްސައިގެންނެވެ. ހަމްދާ ދަމައިގަތުމުގެ ސަބަބުން، ޝާވިންގެ ބޮލުގެ އިސްތަށިގަނޑުން ތަންކޮޅުކޮޅު މައްޗަށް ހިއްލިފައި ހުއްޓެވެ. ހީވަނީ ކަރަންޓުގައި ޖެހިފައި ހުރި ހެންނެވެ. ނުހޭން ހުއްޓަސް، ރިފްއާނަށް ހެވުނެވެ.

********

ޖިލްވާ ހަސްފަތާލަށް ގެންދެވުނު ޚަބަރު ފުރަތަމަ ލިބުނީ ޒެނިލް އަށެވެ. އާމިރަށް ގުޅިގޮތަށް ރޮވޭވަރުން ހަމްދާއަކަށް ވާހަކައެއް ނުދެއްކުނެވެ. ޒެނިލްއަށް ގުޅާފައި ޚަބަރު ދިނީ ރިފްއާނެވެ. ޔޫން ބަލަން ގޭގައި ސަފީނާ މަޑުކުރާނެ ކަމަށް ބުނުމުން، އެހެން އެންމެން ތިބީ ޖިލްވާގެ ކައިރީގައި ހަސްފަތާލުގަ އެވެ.

"އެލާޖިކް..." ޑަކުޓަރުގެ ޖަވާބު އިވުމުން، އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެވެ.

"ޖިލްވާ އެލާޖިކް ވާނީ އެންމެ އެއްޗަކަށް... އެއީ ގެރިމަސް... އެކަމަކު، އޭނަ ގެރިމަހެއް ނުކާނެ... އަހަންނަށް ޔަގީން ކޮންމެވެސް މީހަކު އޭނައަށް ގަދަކަމުން ގެރިމަސް ކާންދިނީ..." ހަމްދާ ޝައްކުގެ އިނގިލި ދިއްކުރީ ޝާވިން އަށެވެ.

ޝާވިން ހުރީ ޝޮކެއްގައެވެ. ޖިލްވާ ގެރިމަސް ކެއީ އައި ރުޅިން ގަސްދުގައި ހެއްޔެވެ؟ އެކަމަކު، އެހެން މީހެއްގެ ސަބަބުން އަމިއްލަ ނަފުސަށް ގެއްލުން ދޭންވީ ކީއްވެ ހެއްޔެވެ؟ ޖިލްވާ އަކީ ކުރިން އެފަދަ ކަމެއް ކުރި މީހެއް ނޫނެވެ. ޝާވީނަށް ގަބޫލު ކުރަންވެސް ދަތިވިއެވެ.

އެންމެންނާއި ދުރުގައި ހުރި ޝާވިންގެ ކައިރިއަށް ދިޔައީ ރިފްއާނެވެ. ޖިލްވާއަށް ވީގޮތް އެންމެ ރަނގަޅަށް އެނގޭ މީހަކީ އެއީ ކަން ރިފްއާނަށް އެނގެއެވެ. ޝާވިން އަކީ ކާކުކަން ހަމްދާއަށް ނޭނގުނު ކަމުގައިވިޔަސް، ރިފްއާނަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

"ޖިލް އަމިއްލައަށް ބީފް ކެއީ..." ޝާވިން ބުންޏެވެ. "ޖިލް ވާހަކަ ދެއްކިގޮތުން އަހަރެން ހީކުރީ، ޖިލް މިހާރު ބީފްއަށް އެލާޖިކް ނުވަނީ ކަމަށް..."

"ޝާވިން!..." ރިފްއާން ގޮވައިލީ ބޮޑު ވާހަކައެއް ދައްކަން އުޅޭފަދަ ގޮތަކަށެވެ. ޝާވިންގެ ހިތް ތެޅިގަތެވެ. ރިފްއާން ބުނަން އުޅެނީ، އޭނަގެ ހިތް ނުތަނަވަސް ކުރުވާނެ ވާހަކައެއްކަން އެނގުމުންނެވެ.

"ޖިިލް އާއި ދުރުގަ ހުރޭ!..." ރިފްއާން އަމުރު ކުރިއެވެ. "އަހަރެންމީ ޖިލްގެ ބޭބެއެއްގެ ހައިސިއްޔަތުން މި ބުނަނީ، އޭނަ އާއި ދުރުގަ ހުރޭ... ޝާވިންގެ ސަބަބުން، ޖިލްއަށް ލިބެނީ އަނިޔާ... ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކައިރިން ފެންނަ މީހަކީ އަހަރެން...."

ޝާވިންގެ އަތް މުށްކެވުނެވެ. ކަތުރުކަށިގަނޑަށް ވާންވެލައިގެން ދިޔައެވެ. އެއްޗެއް ނުބުނެ ހުރެވޭތޯ ކިތަންމެ މަސައްކަތް ކުރި ނަމަވެސް، އޭނަގެ ކެތްތެރިކަން ކޮޅުންލިއެވެ. ރިފްއާން ބުންޏަސް، އެހާ ފަސޭހައިން ޖިލްވާ ދޫކޮށްލަން ޝާވިންގެ ހިތް އެއްބަސް ވާނީ ކިހިނަކުން ހެއްޔެވެ؟

"ލޭގެ ގުޅުމެއް ނެތް މީހަކަށް އަހަރެމެންގެ ގުޅުމަށް ހުރަހެއް ނޭޅޭނެ..." ޝާވިން ރައްދު ދިނެވެ.

"ގުޅުމޭ؟... ކޮން ގުޅުމެއްގެ ވާހަކަ ތި ދައްކަނީ؟..." މަލާމާތުގެ ހިނިގަނޑެއް ޖަހައިލަމުން ރިފްއާން ބުންޏެވެ. "ތި ދައްކަނީ މާ ކުރީގެ ވާހަކައެކޭ... އެގުޅުން ނިންމައިލި މީހަކީވެސް ތީއޭ... އަހަންނަށް އެނގޭ ޖިލް އަހަރެން ކައިރީ ރުއި ރުއިމާ، ކުރި ހިތާމަ... ޖިލްއަށް ދިމާވި ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ މީހަކީ ތީ.... ޖިލް އަކީ މިހާރު މަންމައެއް... ތޭންކްސް ޓު ޔޫ... އޭނަ ދެން ކައިވެނި ކުރާނީވެސް އެކުއްޖާގެ ބައްޕައާ... މިހާރު ކޮންމެހެން ޝާވިން އެ ދިރިއުޅުމުގެ ތެރެއަށް ވަންނަން އުޅޭނެ ކަމެއް ނެތް..."

ރިފްއާން ދިޔުމުން، އެތައް އިރަކު ހިމޭންވެފައި ޝާވިން ހުއްޓެވެ. އިވުނު ވާހަކަތަކަކީ ހަގީގަތެއްކަމަށް އޭނައަށް ގަބޫލު ކުރެވެއެވެ. އެކަމަކު، ޝާވިން ޖިލްވާ އާއި ދުރަށް ދިޔައީ ޖިލްވާދެކެ ލޯބި ނުވާތީކީ ނޫނެވެ. އޭނަ އެކަން ކުރީ، ޖިލްވާއަށްޓަކައެވެ. ޖިލްވާގެ މުސްތަގުބަލަށް ވިސްނާފަ އެވެ. އަމިއްލަ ކެރިއަރު ބިނާކުރުމަށް ޖިލްވާ ދެކެމުން އައި ހުވަފެންތައް އެންމެ ރަނގަޅަށް އެނގޭ މީހަކީ އޭނަ އެވެ. އޭނަގެ މަގުސަދަކަށްވީ، ފިލްމީ ދާއިރާއިން ޖިލްވާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމެވެ. އެކަމަކު، ސަނާހާގެ ނުފޫޒު ހިނގާހާ ހިނދަކު، ޖިލްވާ ފިލްމީ ދާއިރާގައި ފިޔަ ޖަހައިލާނޭ ފުރުސަތެއް ނުދޭނެ ކަން އޭނައަށް އޮތީ އެނގިފައެވެ.

ޝާވިން ޖިލްވާ އާއި ދުރުގައި މަޑުކުރީ ޖިލްވާ ބޭނުންވި ކާމިޔާބީ އާއި ހަމައަށް ވާސިލުވާނެ ދުވަހެއް އަންނަންދެނެވެ. އެކަމަކު، ކަންތައްވީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. ޖިލްވާ ފުރައިގެން ދިޔައީ، އޭނައަށް ނޭނގި އެވެ. އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. ސަނާހާ އޭނަގެ ފޯނުން އެންމެންނަށް ފެންނާނޭހެން ލޯބި އިއުލާންކޮށް، ޝާވިން އާއި ދެމީހުން އެކުގައި ނެގި ތަސްވީރުތައް މުޅި ދުނިޔެއަށް ހާމަކޮށްފަ އެވެ. އެއީ ސަނާހާ ގަސްދުގައި ރާވައިގެން، އެދެމީހުން ދުރުކުރުވުމަށް ކުރި ކަމެކެވެ.

********

ޖިލްވާގެ އަތުގައި ހިފާލައިގެން ޒެނިލް އިނެވެ. ކަންބޮޑުވެފައެވެ. ދޭތެރެއަކުން އެ އަތުގައި ބޮސްދެއެވެ. އެ މަންޒަރު ބަލަން ހުރެފައި އާމިރު ދޮރު ލައްޕައިލި އެވެ. ވޯޑުން ބޭރުގައި ބަހައްޓާފައިވާ ގޮނޑިބަރީގައި ހަމްދާ އިނެވެ. ރިފްއާން ވީ، ޖިލްވާއަށް ބޭނުންވާނޭ ބައެއް ތަކެތި ބަލައި، ބޭރަށް ގޮހެވެ. ސަފީނާ ދޭތެރެއަކުން ގުޅައިލާތީ، ހަމްދާ އިނީ ފޯނަށް ސަމާލުވެއެވެ. ޔޫންގެ ކަމެއްގައި ސަފީނާ ގުޅައިފިނަމަ، ވަގުތުން ވަގުތަށް ޖަވާބުދޭން ބޭނުންވާތީ އެވެ.

"އާމިރު!... ދެން އެމަންޖެއަށް ހިތްހެޔޮ ކުރަންވީނު..." ހަމްދާ އާމިރަށް ބަލަން އިނީ އާދޭހުގެ ނަޒަރަކުންނެވެ. "އެސޮރު ކިހާ ރަނގަޅު... މުއްސަންޖެއް އެއީ... އެކަމަކު މިކަހަލަ ކުޑަ ގައުމަކަށް އައިސް އަންހެނަކާހެދި އެހާވަރުން އުޅޭނެތަ ލޯބިނުވަންޏާ... އެހެންނޫނަސް، އެމީހުންގެ ދަރިއަކުވެސް އެބަހުރި... ކޮންމެ ގޮތަކަށް ލިބިފަ ހުއްޓަސް، އެއީ ހަމަ އަހަރެމެންގެވެސް ލޭ... ޅައުމުރުގެ ދެކުދިން އެއީ.... ރަނގަޅު ވިސްނުމެއްވެސް ނާންނާނެ އެ އުމުރުގަ އަދި... އާމިރަށްވެސް އެނގެއެއްނު އެމީހުންގެ ނިޔަތް ގޯހެއް ނޫންކަން... ދެން އަނެއްކާ މީގަ އެބައޮތޭ އަހަރެމެންގެ ތަރުބިއްޔަތުގެ މައްސަލަވެސް... ދަރިންނަށް ދީނުގެ ވާހަކަތައް ރަނގަޅަށް ކިޔާނުދެވުނީމަ، ވީގޮތެއް އެއީ... ކައިވެންޏަކީ ކިހިނެއް ކުރާ އެއްޗެއް ކަމާއި، ސައްޙަ ވާނެގޮތާ މިކަންކަން ބުނެނުދެވުނީ... އެމީހުންނަށް ނޭނގި ކުރެވުނު ފާފައެއް އެއީ... ދެން މިހާރު އެ ދެކުދިންވެސް ބޭނުމެއް ނުވޭ ދުރުގަ އުޅޭކަށް... ރީއްޗަށް އެ އެދެނީ ކައިވެންޏަށް... ދުލުން ނުބުންޏަސް، އެކުދިންގެ މޫނުން އަހަންނަށް އެބަ ފެނޭ، ކައިވެނި ކުރަން އެކުދިން ބޭނުންވެފަ ތިބި ވަރު... އެހެންވީމަ ފާފަތަކެއް ކުރަން ދޫކޮށްލަންވީ ކީއްކުރަން... އިސްލާމްދީނުގަ އަންގަވާފަވާގޮތަށް އަވަހަށް ދެމީހުން ކައިވެނި ކުރުވުން މާ ރަނގަޅުވާނެ... ނޫންތަ އާމިރު؟... އަހަރެން މި ދެއްކީ އަޅެ ދޮގު ވާހަކަތަކެއްތަ؟..."

އާމިރު ދޫކޮށްލީ ފުން ނޭވާ އެކެވެ. އާމިރު ދައްކަން ބޭނުންވާ ވާހަކައިގެ ބޮޑުކަން ހަމްދާއަށް އިހުސާސް ވިއެވެ.

"ހަމްދާ!... އަހަރެން އެގުޅުމަށް ދެކޮޅު ހަދަނީކީ ނޫނޭ..." އެތައް ދުވަހަކަށްފަހު، އާމިރުގެ ހިތުގެ ހާލު އަނބިމީހާގެ ކުރިމަތީގައި ހާމަކުރުމަށް ތައްޔާރުވެލި އެވެ.

"އަހަރެން ބޭނުންވި ކަންތައް އަހަންނަށް އެނގިއްޖެ... އިތުރަށް އެގުޅުމަށް ދެކޮޅުހަދާ މީހަކަށް ވާކަށް އަހަރެން ނެތިން...." އާމިރު އޭނާ ބުނަން އުޅުނު ވާހަކަ ކުރުކޮށްލި އެވެ.

ހަމްދާއަށް އެކަން އެނގުމުން، އެވާހަކަ ބުނުމަށް އެދެން ފެށި އެވެ. އާމިރު ނުބުނަނީސް، ހަމްދާ ކުރެއް ނުކުރި އެވެ.

"އަހަރެން ބޭނުންވީ، އަހަރެންގެ ދަރިފުޅު ކައިވެނި ކުރާ މީހަކީ، އެ ދަރިފުޅު ބެލޭނެވަރުގެ ގާބިލުކަމެއް ހުރި މީހެއްތޯ ބަލަން..." އާމިރު ބުންޏެވެ. "އެކަން އަހަންނަށް މިއަދު ޒެނިލް ދެއްކި ވާހަކައިން އެކަނިވެސް އެނގިއްޖެ... ކައިވެންޏަށް އިތުރު ހުރަހެއް ނެތް... އަހަރެން ރުހި ގަބޫލު..."

"އާމިރު!..." ހަމްދާ އުފަލުން އާމިރުގެ އަތުގައި ހިފައިލި އެވެ. "އެމަންޖެ ހޭއެރީމަ، އާމިރުގެ ދުލުން އެމަންޖެ ކައިރީ ތިވާހަކަ ބުނެބަލަ... ކިހާ އުފާވާނެތަ؟..."

********

ހޭއެރުމާއިއެކު، ޖިލްވާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، ކައިރީގައި އިށީނދެލައިގެން އިން އާމިރެވެ. ބައްޕަ ފެނުމުން، ޖިލްވާގެ ދެލޯ ބޮޑުވިއެވެ.

"ދަރިފުޅާ!... މިހާރު ކިހިނެއް؟..." އާމިރު ވާހަކަދެއްކީ އޯގާތެރި ރާގަކަށެވެ.

ޖިލްވާގެ ހައިރާންކަން އެތައް ގުނައެއް އިތުރުވިއެވެ. އޭނަ ހީކުރީ ހުވަފެނެއް ކަމަށެވެ. ދެލޯ މަރައިލާފައި ހުޅުވައިލުމުންވެސް، ހުވަފެން ބަދަލެއް ނުވިއެވެ. އާމިރު ހަމަ އޭނާ ކުރިންވެސް އިންތަނުގައި އިށީނދެލައިގެން އިނެވެ. މޫނުމަތީގެ އަސަރުތައްވެސް ހުރީ ހަމަ އެއްގޮތަކަށެވެ.

"ދަރިފުޅުމެންގެ ކައިވެންޏަށް ބައްޕަ ގަބޫލު..." އާމިރު ހިނިތުންވެލި އެވެ.

އާމިރު ދެއްކި ވާހަކަ، ޖިލްވާ އޮތް ކޮޓަރިތެރެއަށް ވަދެގެން އައި މީހާއަށް އިވުމާއިއެކު، މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. އަތުގައި އޮތް މާބޮނޑިއަށް ފިއްތައިލީނުން، ބައެއް މާތައް ޗިސްކޮށްލިއެވެ.

(ނުނިމޭ)

comment ކޮމެންޓް