ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ-- ފޮޓޯ/އެމްއެންޑީއެފް

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައި އެ މަސްބޯޓު ފެނިގެން ރިޕޯޓުކުރީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

އެކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައެވެ.

އެ މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އެ ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ލ. އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެ ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައި އިރު ބޯޓުގައި ފަސް ފަޅުވެރިން ތިއްބެވެ.

ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން އެ ބޯޓު ލ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

comment ކޮމެންޓް