ގުޅީފަޅު މަޝްވަރާތައް ނުފެށި ލަސްވާތީ ރައީސް ސޯލިހަށް މޭޔަރު މުއިއްޒުގެ ސިޓީއެއް

ރައީސް ސޯލިހު މޭޔަރު މުއިއްޒުއާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއް-- ފޮޓޯ: ރައީސް އޮފީސް

ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ތަނަކަށް ހެދުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް އަދިވެސް ފެށިފައި ނުވާތީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅާ ގުޅޭގޮތުން ސިޓީ ކައުންސިލާއެކު މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވިތާ ހަތަރު ހަފުތާ ވެގެންގޮސްފައިވާ ކަމަށެވެ.

"މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ލިބޭ ގޮތަށް ގުޅީފަޅުގެ ޕްލޭން ރިވައިސް ކުރުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވެ ހަތަރު ހަފުތާވާން ދާއިރުވެސް އެކަން ނުވާތީ މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ސިޓީ ލިޔެފައިވާނެ އެކަން އަވަސްކޮށްދިނުމަށް އެދި." މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ނިންމާފައި އޮތީ މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމަށެވެ. ނަމަވެސް މޭޔަރު މުއިއްޒު ވިދާޅުވަނީ ޕޯޓު ތިލަފުށީގައި ތަރައްގީކޮށް ގުޅީފަޅުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށެވެ.

ގުުޅީފަޅުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކޯޓަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މަދުވެގެން 30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

https://sun.mv/153094

comment ކޮމެންޓް