އެމްޑީޕީ ދެބައިވެއްޖެ ހާލަތެއްގައި ހުންނާނީ ރައީސް ސޯލިހާއެކު: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު-- ސަން ފޮޓޯ/ އަހްމަދުަ ސައީދު

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގައި އެ ޕާޓީ ދެބައިވެއްޖެ ހާލަތެއްގައި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީއެންއެެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު އެމަނުކުފާނަށް ގޯސް ނޫން ކަމަށާއި އެހެން ގައުމުތަކާ އަޅާބަލާއިރު ގައުމު މެނޭޖް ކުރައްވަމުން ގެންދަވަނީ މާ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ކޮވިޑުގެ މި ހާލަތުގައިވެސް ފައިސާ ދައްކަވަމުންގެންދަވާ ކަން ސިޔާމް ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެމްޑީޕީ ދެބައިވެއްޖެ ހާލަތެއްގައި ހުންނަވާނީ ރައީސް ސޯލިހުގެ އަރިހުގައި ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ރައީސް ނަޝީދާއެކު މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. އެހެންނަމަވެސް އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަޅުގަނޑަށް ބޮޑަށް ސަޕޯޓް ކުރެވޭނީ އިބްރާހިމް މުހައްމަދު ސޯލިހުއަށް. އެމަނިކުފާނަކީ ވަރަށް މަޑުމައިތިރި ބޭފުޅެއް ހަގީގަތުގައި، އެބޭފުޅާއަށް ގިނަ ބަޔަކު ހަޖޫ ޖެހިޔަސް." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ މަޖިލީހުގައި މެމްބަރުކަން ކުރެއްވިއިރު އެންމެ އަހުލާގީ ގޮތުން ރަނގަޅު ބޭފުޅާ ކަމަށެވެ. އަދި ރައީސް ސޯލިހަކީ 20 އަހަރު ދުވަހު އެކުގައި މަސައްކަތް ކުރެއްވި، ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް