ނަފުރަތު ބިލު ފާސް ނުކުރަން އެމްޑީއޭއިން ގޮވާލައިފި

އެމްޑީއޭގެ ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސް ނުކުރުމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ގޮވާލައިފި އެވެ.

ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އެ ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އެވެ.

އެ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނީ, އެއީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑޫވުން ހުރި ބިލެއް ކަމަށެވެ. އެގޮތުން, ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ހިޔާލުފާލުކުރުމުގެ މިނިވަންކަމަށް އެ ބިލުގެ ސަބަބުން ހުރަސް އޭޅޭ ކަމަށް ގަބޫލު ކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އިސްލާމްދީނުގެ މުހިންމު އެއް އަސާސްކަމުގައިވާ މުންކަރާތްތައް ނަހީކުުރުމުގެ ދޮރު ބަންދުވެގެންދާގޮތަށް ބިލު ފަރުވާކުރެވިފައި އޮތް ކަމަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވިދާޅުވަމުން ގެންދަވާކަން އެ ބަޔާނުގައިވެސް ފާހަގަ ކުރި އެވެ.

"ވީމާ އަސާސީ ހައްގެއް ހަނިކުރުމުގައި އިސްލާމީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސް އެޅޭ ފަދަ ގޮތަށް ގާނޫނެއް ވުޖޫދަށް ގެނައުމަކީ, އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް ނުހެދުމަށް ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ)އިން ލާޒިމްކުރާ އުސޫލާ ހިލާފަށް ކުރެވޭ އަމަލަކަށް ވާނެ ކަމުގައި މި ޕާޓީން ދެކެމެވެ," އެމްޑީއެންގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ, މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނަމުގައި ޖަމާއަތެއް ހަދައިގެން މާތްاللهއަށާއި އިސްލާމް ދީނަށް އަދި ރަސޫކަށް ފުރައްސާރަކޮށް ރިޕޯޓެއް ލިޔެ އާންމު ކުރި ކަމަށެވެ. އެކަން އެހެން މީގެ ކުރިން ހިނގާފައިވާ އިރު, އެފަދަ ކަމެއް ދެން ތަކުރާރުނުވާނެ ކަމަށް ބެލެވޭކަށް ނެތް ކަމަށެވެ.

"ވީމާ މިފަދަ ގޮތަށް އޮތް ބިލެއް ފާސްވެއްޖެ ނަމަ, ކުރިމަގުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ރައްޔިތުންގެ ޝުއޫރުތައް ފާޅުކޮށް ކަމާބެހޭ ފަރާތްތަކާ ހަމައަށް އަޑުއިއްވުމުގެ ދޮރު ބަންދުވެގެންދާނެކަމަށް ގަބޫލުކުރެވެ," ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެޕާޓީން ގޮވާލީ, އެ ބިލު އަނބުރާގެންދިޔުމަށެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް