ލަންކާގެ ސިފައިން މުސްލިމުންނަށް ދިން އަދަބެއް އަސްކަރިއްޔާއިން ތަހުގީގު ކުރަނީ

ލަންކާގައި މުސްލިމް ރައްޔިތުންތަކަކަށް ގަވާއިދާ ހިލާފަށް ސިފައިން އަދަބު ދިން މައްސަލައެއް ތަހުގީގު ކުރަން ވަނީ ފަށާފަ -- ފޮޓޯ: ދަ ހިންދޫ

ކޮލަމްބޯ (ޖޫން 21): ސްރީލަންކާގެ ސިފައިންގެ ބަޔަކު މުސްލިމް ރައްޔިތުންތަކަކަށް ގަވާއިދާ ހިލާފަށް ދިން އަދަބެއް އެގައުމުގެ އަސްކަރިއްޔާއިން ތަހުގީގު ކުރަން ފަށައިފި އެވެ.

ލަންކާގެ އަސްކަރިއްޔާއިން އެ ތަހުގީގު ފެށީ، ބަޓިކަލޯގެ އޭރަވުރު އަވަށުގައި ފުރަބަންދުގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބުނެ ސިފައިން މަޑުކުރުވި އަށް މީހަކަށް ދިން އަދަބެއްގެ ފޮޓޯ އާއްމުވުމުންނެވެ. އެ ފޮޓޯތަކުން ފެންނަނީ އެ އަށް މީހުން މަގުމަތީގައި ކަކޫ މައްޗަށް ތިރިވެ، ދެ އަތް އުފުލައިގެން ތިބޭ މަންޒަރެވެ.

އެ އަދަބު ލިބުނު މީހުން ވަނީ ސިފައިން އެމީހުންނަށް އަނިޔާކޮށް، ލަދުގެންނެވި ކަމަށް ބުނެފަ އެވެ. އެގޮތުން އިންޑިއާގެ ދަ ހިންދޫ ނޫހާ ވާހަކަ ދެއްކި މުހައްމަދު އިސްމާއީލް މަރްޒޫކް ބުނި ގޮތުގައި ސިފައިން އޭނާ ހިފެހެއްޓީ ބޭސް ގަންނަން ދިޔަ މަގުމަތީގަ އެވެ. އަދި އެއީ ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް ހުއްދަ ކަމެކެވެ.

ލަންކާގެ އަސްކަރިއްޔާގެ އޮފިޝަލުން ވަނީ އެފަދަ އަދަބެއް ދިނުމުގެ ބާރު ސިފައިންނަށް ދީފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އޭރަވުރުގައި ފުރައްސާރައިގެ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވުމާ ގުޅިގެން މިލިޓަރީ ޕޮލިސް ތަހުގީގެއް ވަނީ ފަށާފައި،" އަސްކަރިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ހާދިސާ ހިނގި ވަގުތު އިސްކޮށް ހުރި އޮފިސަރު މިހާރު ވަނީ މަގާމުން އެކަހެރިކޮށްފަ އެވެ. އަދި އެ ހާދިސާއާ ގުޅުން ހުރި ސިފައިން އެ އަވަށް ދޫކޮށް ދިޔުމަށް ވަނީ އަންގާފަ އެވެ.

ލަންކާގައި ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރުމާ ގުޅިގެން އެގައުމުގައި މިދިޔަ މަހު އެޅި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް މިއަދު ވަނީ ލުއި ކުރަން ފަށާފަ އެވެ. އެގައުމުން މިހާތަނަށް 239,689 މީހަކަށް ކޮވިޑް ޖެހި، ބަލީގައި 2،581 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް