ކޮއްކޯފުޅުގެ ޖަނާޒާއަށް ރައީސް ދުބާއީއަށް ފުރާވަޑައިގެންފި

ރައީސް ސޯލިހް --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު، އަހްމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާނު ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒިޒު މިއަދު "ސަން"އަށް ބުނީ, އަމިއްލަ ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ދުބާއީއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. އެނބުރި ރައީސް މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ރައީސް ކުއްލި ގޮތަކަށް ދުބާއީއަށް މިއަދު ފުރާޑައިގަތީ, ދުބާއީގައި އަވަހާރުވި އެމަނިކުފާނުގެ ކޮއްކޯފުޅުގެ ޖަނާޒާއަށެވެ.

އުމުރުން 55 އަހަރުގައި އަހްމަދު މިއަދު އަވަހާރަވީ ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އާއިލާގެ ބޭފުޅަކާ ހަވާލާދީ "އަދަދު" ނޫހުގައި ބުނެފައި ވަނީ އަހްމަދު އަވަހާރަވީ ހާޓްއެޓޭކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ސޯލިހުގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަހްމަދު ހިމެނިވަޑައިގަންނަވާ ގޮތުން ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ.

އެ ހަތަރު ބޭފުޅުން ވެސް ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރެއްވި އިރު، އަނެއް ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އަހްމަދަށް ކޯސް ފުރިހަމަ ނުކުރެވުނީ ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.

comment ކޮމެންޓް