ދެ ބާރުގެ ވެރިންނަށާއި އާއިލާއަށް ގެކޮޅު ހަމަޖައްސަން ގާނޫނު އިސްލާހުކޮށްފި

ތިން ބާރުގެ ވެރިން (ކ-ވ): މަޖިލިސް ރައީސް އާއި އުއްތަމަފަނޑިޔާރަށް ގެކޮޅު ހަމަޖެއްސުމަށް ގާނޫނު ވަނީ އިސްލާހުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލރައީސް އަށާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާއަށް ގެކޮޅު ހަމަޖައްސަން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ދައުލަތުގެ ތިން ބާރު އޮންނަ އިރު, އޭގެ ތެރެއިން ދައުލަތުން ގެކޮޅު ހަމަޖައްސަނީ ހަމައެކަނި ވެރިކަން ކުރާ ބާރު, ރައީސުލްޖުމްހޫރިއްޔާއަށެވެ.

މިދިޔަ މެއި މަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއެކު, ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމަށް ވަކި ވަކި ދެ ގާނޫނަށް އިސްލާހު ހުށަހެޅީ, މެއި 26ގައި އެވެ.

މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖައްސަން އިސްލާހު ހުށަހެޅީ, މަޖިލީހުގެ އިމްތިޔާޒުތަކާއި ބރުތަކުގެ ގާނޫނަށެވެ. އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމައްސަން އިސްލާހު ހުށަހަޅާފައިވަނީ ފަނޑިޔާރުންގެ ގާނޫނަށެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި, އެ ދެބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވަކި ވަކިން އެހި އިރު, ދެ ބިލު ވެސް ފާސްކުރަން މެމްބަރުން ވޯޓު ދެއްވި އެވެ. އެ ދެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެ ގާނޫނަށް އެ އިސްލާހުތަކާއެކު, ދެން އެ ދެބާރުގެ ވެރިންނަށާއި އާއިލާއަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ދައުލަތައް ލާޒިމް ވާނެ އެވެ. އަދި އެ ގެއަށް ބޭނުންވާ "އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު" ދައުލަތުގެ ފަރާތުން ދޭން ޖެހޭނެ ކަމަށް ދެ ބިލުގައި ބުނެ އެވެ.

މަޖިލިސް ރައީސްގެ ގެކޮޅުގެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިންގެ މަޖިހުންނެވެ. އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންނެވެ. ގެކޮޅުގެ ސެކިއުރިޓީ ހަމަޖައްސާނީ އެމްއެންޑީއެފްއިންނެވެ. އަދި އެ ގެކޮޅަކީ, ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަށް ހުރި ގެއަކަށް ވާން ޖެހޭނެ ކަމަށް ދެ ބިލުގައިވެސް ބުނެފައިވެއެވެ.

ދެ ބިލަށްވެސް ކޮމިޓީން ގެނައީ އެންމެ ބަދަލެވެެ. ބިލު ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު އާއިލާގެ ގޮތުގައި މާނަކުރަނީ, އެ ވެރިއެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމަ އަދި ބައްޕަ އެވެ.

ދެ ބިލު ކޮމިޓީން ދިރާސާކޮށް ތަޅުމަށްފޮނުވި އިރު, ދަރިންގެ ގޮތުގައި މާނަކޮށްފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށެވެ. އަދި 18 އަހަރު ފުރިފައިވާ ދަރިއެއް ނަމަ, އެއީ ކައިވެނި ނުކުރާ ދަރިއަކަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވާން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ކޮމިޓީ ރިޕޯޓު ބުނާ ގޮތުން, އެ ގޮތަށް ބަދަލު ގެނައީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވެސް ދަރިން މާނަކޮށްފައިވަނީ އެގޮތަށް ކަމަށްވާތީވެ. އަދި ތިން ބާރުގެ ވެރިންނަށްވެސް ފޮރުކޮށްދޭ ކަންކަން އެއްގޮތް ކުރުމުގެ ބޭނުމުގައި ކަމަށް ރިޕޯޓުގައި ބުނެ އެވެ.

comment ކޮމެންޓް