ކޮވިޑުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ވާނެ: އަމީރު

ކައުންސިލަރުން، ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފިނޭންސް

ކޮވިޑު19 ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް 36 ބިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުން، ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިދުވަސްވަރަކީ މުޅި ދުނިޔެވެސް އިގްތިސޯދީ ކާރިސާއެއްގައި އޮތް ދުވަސްވަރެއް ކަމަށާއި ހަރަދު ކުރުމުގައި ސަމާލުކަންދޭންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީ މެނެޖުކުރަން އިސްކަން ދޭންޖެހޭނެކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ދިނުމަށް ކައުންސިލުތަކުން އިސްކަންދޭން ޖެހޭ ޖެހޭ ކަމަށެވެ.

"މިވަގުތަކީ އަޅުގަނޑުމެން ބޭނުންވިޔަސް, އަޅުގަނޑުމެން ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެންވެސް ދަންނަންޖެހޭނެ. މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް މިވަނީ ބޮޑުތަނުން ދަށަށް ދާން ފަށާފައި. 2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި ކޮންމެ ހަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ އިގުތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން. 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މި [ކަންތައް]،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް