ލޯނު ލިބޭ 449 ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސުކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ލޯނުގެ 770 ފުރުސަތު ހުޅުވާލި އިރު، 1،176 ދަރިވަރުން ވަނީ ލޯނަށް ކުރިމަތިލައިފަ އެވެ.

ލޯނު ލިބުނު ދަރިވަރުން އިއުލާނުކޮށް، ޝަކުވާ އަށް ހުޅުވާލި އިރު، ލޯނު ދޭން ނިންމާފައި ވަނީ 417 ކުއްޖަކަށެވެ. ނަމަވެސް ލިސްޓު ފައިނަލް ކުރި އިރު، 449 ކުއްޖަކަށް ލޯނު ދޭން ވަނީ ނިންމައިފަ އެވެ.

ލޯނަށް ހުޅުވާލި ފުރުސަތުގެ ތެރެއިން، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ފުރުސަތުތަކުގައި، އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލޮޓް ކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން އޮތީ ނިންމައިފަ އެވެ.

ލޯނު ސްކީމުގައި ބައެއް ދާއިރާތަކުން ކުރިމަތިލީ އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން އެކައުންޓިން، އިންޖިނިއަރިން އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހާއްސަ ކުރި ނަމަވެސް ތަރުހީބު ކުޑަ އެވެ. އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ އެމްބީބީއެސް، ޕައިލޮޓް އަދި ޕީއެޗްޑީ ކޯސްތަކަށެވެ.

މިއަހަރު ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ކުދިންނަށް ކިޔެވުން ފެށުމަށް 18 މަސް ދޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެެވެ.

ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

މަތީ ތައުލީމާއި ތަމްރީނަށް ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 137 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފަ އެވެ.

comment ކޮމެންޓް