ރައީސް ވިދާޅުވީ ބިލާ ގުޅޭ ކަންބޮޑުވުންތައް ހައްލުކޮށްދެވާނެ ކަމަށް: އަދާލަތު

އަދާލަތު ޕާޓީން ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އަދާލަތު

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް އަދާލަތު ޕާޓީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފި އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެ ބިލާ ގުޅިގެން އަދާލަތު ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީން ބުނީ ނަފްރަތުގެ އަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމައުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމައުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަހުލާގީ ހަމަތައް ހިފަހައްޓަން ކަމަށެވެ.

އެހެން ނަމަވެސް، ގާނޫނުލްއުގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން، އެ މަގުސަދު ހާސިލްކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރަން ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ ޕާޓީ އިން ބުންޏެވެ.

އެ ކަންބޮޑުވުންތައް އެ ޕާޓީން މިއަދު ވަނީ ރައީސް ސޯލިހާ ހިއްސާކޮށްފަ އެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމަށްފަހު އަދާލަތު ޕާޓީން ބުނީ ރައީސްގެ ފަރާތުން އުންމީދީ ޖަވާބެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"މި ބިލު ގާނޫނަކަށް ވެގެން އަންނަ އިރު، ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވާނެ ކަމުގެ ޔަގީންކަން [ރައީސް] ދެއްވި،" އަދާލަތުން ބުންޏެވެ.

އަދާލަތުން ބުނީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ނަތީޖާއެއްގެ ގޮތުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމިއްޔާ ޖަމާއަތްތަކަށް ދީނާ ގުުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ކަމަށާއި، އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

އެ ބިލު ފާސްކުރަން ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ އިރު، އެ ބިލާ ދެކޮޅަށް 101 އިލްމުވެރިއަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އެ ބިލު އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ވަނީ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު، ގޯސް ކަންތައްކަމާއި އެކަންކަމުގެ ތެރެއަށް ނުވަދުމަށް އާންމުން ހޭލުންތެރިކުރުމަށް އިލްމުވެރިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލައިފަ އެވެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު، 22 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް އޮންނަނާނެ އެވެ.

ހިޔާލު މެއިލް ކުރާނީ [email protected] އަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ފޮނުވޭނެ އެވެ.

comment ކޮމެންޓް