ލަންކާ ކައިރީގައި ރޯވި ބޯޓާ ހެދި 70 ވެލާ މަރުވެއްޖެ

ކޮލަމްބޯ (ޖޫން 20): މިދިޔަ މަހުގެ 20ގައި ސްރީލަންކާ ކައިރީގައި އޮއްވާ ރޯވި ކޮންޓެއިނަރު ބޯޓުގެ ސަބަބުން މިހާތަނަށް 70އަށް ވުރެ ގިނަ ވެލާ މަރުވެފައިވާ ކަމަށް އެގައުމުގެ ޑިޕާޓްމެންޓް އޮފް ވައިލްޑްލައިފްއިން ބުނެފި އެވެ.

ލަންކާގެ ސަންޑޭ އައިލެންޑް ނޫހުން ރިޕޯޓު ކުރި ގޮތުގައި، އެކްސް-ޕްރެސް ޕާލްގައި ރޯވި ހާދިސާއާ ގުޅިގެން 70 ވެލާގެ އިތުރުން ގިނަ އަދަދެއްގެ ދޫންޏާއި އަށް ކޯމަހާއި ޅަ ބޮޑުމަހެއް މަރުވެފައިވާ ކަމުގެ މައުލޫމާތު ވައިލްޑްލައިފް ޑިޕާޓްމެންޓަށް ލިބިފައިވެ އެވެ.

"މަދު ހަފްތާތަކެއްގެ ތެރޭގައި އެހާ ގިނަ ކަނޑުގެ ދިރުންތައް މަރުވިތަން މީގެ ކުރިން އެއްވެސް އިރެއްގައި އަޅުގަނޑުމެންނަކަށް ފެނިފައި ނުވޭ،" ވައިލްޑްލައިފް ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ޑިޕާޓްމެންޓުން ދަނީ އެ ހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް އިތުރަށް ދިރާސާ ކުރަމުންނެވެ. އަދި ކަނޑުގެ ދިރުންތައް މަރުވަނީ ބޯޓުން ލީކުވާ ކެމިކަލްތަކެއްގެ ސަބަބުން ކަމަށް ލަފާކޮށްފަ އެވެ.

ސިންގަޕޫރުގައި ރެޖިސްޓާ ކޮށްފައިވާ އެކްސް-ޕްރެސް ޕާލްގައި ރޯވީ ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ދުރުގައި އޮއްވަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިންޑިއާއިން ކެމިކަލާއި ކޮސްމެޓިކްސްގެ ބާވަތްތައް އަރުވައިގެންނެވެ. އަދި ކަނޑުގެ ސިފައިން ލަފާ ކުރާ ގޮތުގައި އަލިފާން ރޯވީ އެ ކެމިކަލްތަކުގެ ސަބަބުންނެވެ.

އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި 25 ކުރޫ މެމްބަރުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ފިލިޕީންސް، ޗައިނާ، އިންޑިއާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އަދި ލަންކާއިން ހާދިސާ ތަހުގީގު ކުރަމުންދާ އިރު ބޯޓުގެ ކެޕްޓަނާއި އިންޖިނިއަރާއި އެސިސްޓެންޓު އިންޖިނިއަރު އެގައުމުން ފުރައިގެން ދިޔުން ކޯޓުން ވަނީ މަނާކޮށްފަ އެވެ.

އެކްސް-ޕްރެސް ޕާލްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ބޯޓުގައި ހުރި ގިނަ ކާގޯ ވަނީ އަނދާފަ އެވެ. އަދި އޭގެ ކުނިބުނި ލަންކާގެ ގޮނޑުދޮށްތަކަށް ލައްގާފައިވާ އިރު، ބޯޓު މިހާރު ވަނީ އެއްކޮށް އަޑިއަށްގޮސްފަ އެވެ.

comment ކޮމެންޓް