މިޝްކާގެ އެއްވެސް ރިޕޯޓެއް ހެލްތުން އެޗްއާރްސީއެމް އާ ހިއްސާ ނުކުރޭ 

ހެލްތް މިނިސްޓަރު ނަސީމް -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19ގައި މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ ތަހުގީގު ރިޕޯޓުވެސް އަދި ރިވިއު ރިޕޯޓުވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ހިއްސާކޮށްފައި ނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން އެންމެ ފުރަތަމަ ތައްޔާރުކުރީ ރިވިއު ރިޕޯޓެކެވެ. ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އާންމުކުރި އެ ރިޕޯޓުން ބޮޑެތި މައްސަލަތަކެއް ފާހަގަވި އެވެ. ނަމަވެސް އެއީ ފުރިހަމަ ރިޕޯޓު ނޫން ކަމަށާއި، ފުރިހަމަ ތަހުގީގު ރިޕޯޓެއް ވެސް ތައްޔާރުކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އޭރު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ތަހުގީގު ރިޕޯޓުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް، މިހާތަނަށް އެ ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ.

ރޭ ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރު މޫމިނާ ވަހީދު ވިދާޅުވީ ފުރަތަމަ އާންމުކުރި ކޭސް ރިވިއު ހިއްސާކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި ލިޔުމުން އެދިފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރާ އެކު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި، އެ ރިޕޯޓު ހިއްސާކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވެސް ވިދާޅުވި ކަމަށެވެ.

"އެހެން ނަމަވެސް އަދާ ހަމައަށް ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން އަޅުގަޑުމެންނަކަށް ރިޕޯޓެއް ހިއްސާކޮށްފައެއް ނުވޭ،" މޫމިނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޖޫން 13 ވަނަ ދުވަހު އައިޖީއެމްއެޗްގެ ފަރާތުން، އެބޭފުޅުންގެ ރިވިއު ރިޕޯޓެއް ހއްސާކޮށްފައިވާ ކަމަށް މޫމިނާ ވިދާޅުވި އެވެ. މޫމިނާ ވިދާޅުވީ ރިޕޯޓެއް ހިއްސާކޮށްފަިއ ވީނަމަވެސް، އައިޖީއެމްއެޗް އިން ބޭނުންވާ އިތުރު މައުލޫމާތު ތަކެއް އެބަހުރި ކަމަށާއި، އެ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދިނުން އަވަސްކުރުމަށް ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ކުރަމުން އާދޭތޯ ވެސް އެޗްއާރްސީއެމް އިން ވަނީ ސާފުކޮށްފަ އެވެ. ނަމަވެސް ފުލުހުން ތަހުގީގެއް ނުކުރާ ކަމަށް އޭރު ބުނުމުން، އެޗްއާރްސީއެމް އިން މި މަހުގެ 14 ވަނަ ދުވަހު މައްސަލަ ތަހުގީގު ކޮށްދިނުމަށް ޕޮލިސްގައި އެދިފައިވާނެ ކަމަށް މޫމިނާ ވިދާޅުވި އެވެ.

ވުޒާރާތަކާއި އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތައް ލަސްވާކަން އެޗްއާރްސީއެމް އިން ރޭ ވަނީ ފާހަގަކޮށްފަ އެވެ. މޫމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގެ ރިޕޯޓު އަވަހަށް ހިއްސާކޮށްދީފިނަމަ، ކޮމިޝަންގެ ތަހުގީގު ވެސް އަވަހަށް ނިންމޭނެ ކަމަށާއި، އިންސާނީ ހައްގު ނިގުޅައިގަނެފައިވާނަމަ، އެޗްއާރްސީއެމްގެ ރެކޮމޮންޑޭޝަންތައް ފޮނުވުން އަވަސްވާނެ ކަމަށެވެ.

"މިވަގުތަށް ދަންނަވާލެވޭނީ މައްސަލައިގައި އަޅުގަނޑުމެންނަށް އެންމެ ބޭނުންވާ އެންމެ މުހިންމު އެއް ރިޕޯޓު އަޅުގަނޑުމެންނަށް ލިބިފައި ނުވާކަން. އަދި އަޅުގަނޑުމެން އެދިފައިވާ އެހެން މައުލޫމާތު އައިޖީއެމްއެޗް އިން ލިބެންޖެހޭކަން ފާހަގަކޮށްލަން،" މޫމިނާ ވިދާޅުވި އެވެ.

މިޝްކާގެ ފަރުވާ ލަސްވެ، އެ މަރުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓަރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އަދި ރިވިއު ރިޕޯޓުން ވެސް އެކަން ވަނީ ހާމަވެފަ އެވެ. އހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް އިހުމާލުވި އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅިކަން އަދިވެސް ސާފެއް ނޫނެވެ.

comment ކޮމެންޓް