މަހުުލޫފު މައްސަލަ ފޮނުވާނުލާ، އެދުނީ އިތުރުކަންތައް ފުރިހަމަކުރަން: ޕީޖީ

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާނުލާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިޔުޓަރު އަހުމަދު ޝަފީއު "ސަން" އަށް މިއަދު ވިދާޅުވީ މަހުލޫފުގެ މައްސަލަ އޮތީ ޕީޖީ އޮފީހުގައި ކަމަށާއި އެ މައްސަލަ އަނބުރާ ފޮނުވާނުލާ ކަމަށެވެ.

"އަޅުގަނޑުމެން އެދުނިީ ޑިޔުޓީ ޕްރޮސެކިޔުޝަން މަރުހަލާގެ ތެރެއިން ސާފުކުރަންޖެހޭ ބައެއްކަންތައް ސާފުކޮށް ހުށަހެޅުމަށް. ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށް. މައްސަލަ އަނބުރާ ފޮނުވައެއް ނުލާ،" ޝަފީއު ވިދާޅުވި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށް މީގެ ކުރިން އޭސީސީ އިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އޭސީސީ އިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އަށް ފޮނުވުމުން މަހުލޫފު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭނާއާ މެދު އަބަދުވެސް އަމަލުކުރަމުން އަންނަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށެވެ.

އެ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފު ސަސްޕެންޑުކުރި އެވެ. ނަމަވެސް އޭނާގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތްކަމަށް އޭސީސީ އިން ރައީސް އޮފީހަށް އެންގުމުން ފަހުން ވަނީ އަލުން މިނިސްޓަުރކަމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފަ އެވެ.

އެ މައްސަލާގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން އަނެއްކާވެސް މަހުލޫފު ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްފި ނަމަ، މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނަވާނެ ކަމަށް މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް