އާބާދީ ބޮޑު ހަ ރަށް ހިމެނޭހެން 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ

ލ. ގަން: މުންޑޫ ފިޔަވައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފެއްދުމުގެ ނިޒާމް ގާއިމް ކުރުމަށް ވަނީ ހުޅުވާފައި --- ފައިލް ފޮޓޯ/ ވިޒިޓް ލާމު ފޭސްބުކް ޕޭޖް

އާބާދީ ބޮޑު ހަ ރަށެއް ހިމެނޭ ގޮތަށް ރާއްޖޭގެ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ, ލ. އަތޮޅުގެ 10 ރަށް ހިމެނޭހެން ޖުމްލަ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަން އިންވެސްޓަރުންނަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދިޔުމަށް ހަމަޖެހިފައި 14 ރަށެއްގެ ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމަކީ, އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓްގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕޮރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫގެ ދަށުން, 14 ރަށުގައި 11 އިން 14އާ ދެމެދުގެ މެގަވޯޓް ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ސޯލާ ހަކަތައިގެ ނިޒާމް ގައިމްކުރުމަށް ހުޅުވާލި ރަށްތައް:

  1. ގއ. ވިލިނގިލި
  2. ދ. ކުޑަހުވަދޫ
  3. ށ. ފުނަދޫ
  4. ޅ. ނައިފަރު
  5. ލ. ފޮނަދޫ
  6. ލ. ގަން
  7. ލ. ހިތަދޫ
  8. ލ. މާމެންދޫ
  9. ލ. ކުނަހަންދޫ
  10. ލ. މާބައިދޫ
  11. ލ. ދަނބިދޫ
  12. ލ. މާވަށް
  13. ލ. އިސްދޫ
  14. ލ. ކަލައިދޫ

މީގެ ތެރެއިން ގއ. ވިލިނގިލި, ދ. ކުޑަހުވަދޫ, ށ. ފުނަދޫ, ޅ. ނައިފަރު އަދި ލ. އަތޮޅުގެ ފޮނަދޫއާއި ގަމަކީ އާބާދީ ބޮޑެތި ރަށްރަށެވެ.

ލިސްޓުކުރި 14 ރަށުގެ ތެރޭގައި ލ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން 10 ރަށެއް ހިމަނާފައިވެއެވެ. ނުހިމަނާ އޮތީ 290 މީހުންގެ އާބާދީއެއް އޮންނަ މުންޑޫ އެކަންޏެވެ.

މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެމްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރީންނެވެ. އެ މަޝްރޫއަށް ބީލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫއުގެ މައޫލޫމާތު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މިއަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫއިން ޖުމްލަ 36 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމްންޓް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން 40 މެގޮވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫއުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށް ރާވާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ, ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށެވެ.

ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައި ނިސްބަތް ބޭނުންކުރާ މިންވަރު 20 ޕަސަންޓު އިތުރު ކުރުން ހިމެނެއެވެ. އޭގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓް ޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.

comment ކޮމެންޓް