ނަފުރަތުގެ ބިލާ ދެކޮޅަށް އިލްމުވެރިންގެ ޕެޓިޝަނެއް ރައީސަށް

އެމްޑީއެންގެ ރިޕޯޓްއާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ބޭއްވި ޕްރެސްއެއްގެ ތެރެއިން---- ސަން ފޮޓޯ: ފަޔާޒު މޫސާ

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 101 އިލްމުވެރިއަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ ބިލު އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އުންމަތް ހަމަ މަގަށް އަޅުވައި، ހެޔޮކަންތައް އާންމުކޮށް ނުވބައިކަންތައް މުޖުތަމައުން ނައްތާލުމަކީ އެ ބަޔެއްގެ އިސްވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް ކަމަށެވެ.

ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު، ގޯސް ކަންތައްކަމާއި އެކަންކަމުގެ ތެރެއަށް ނުވަދުމަށް އާންމުން ހޭލުންތެރިކުރުމަށް އިލްމުވެރިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.

އެ ޕެޓިޝަނުގައި ބުނެފައިވަނީ ނަފުރަތުގެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް، އިސްލާމީ މުޖުތަމައަކުން އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލައިފަ އެވެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު، 22 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް އޮންނަނާނެ އެވެ.

ހިޔާލު މެއިލް ކުރާނީ [email protected] އަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ފޮނުވޭނެ އެވެ.

ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލި އިރު، އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން ވަނީ ނިންމައިފަ އެވެ.

އަދި 23 ޖޫން ވާ ބުދަ ދުވަހު ކޮމިޓީގެ މަސައްކަތް މުޅިން ނިންމުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު މެމްބަރުންނާއި އެހެން ބައެއް މެމްބަރުން ވެސް ބުނަމުން އަންނަނީ ނަފުރަތުގެ އަމަލު ކުށަކަށް ހެދުމަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް މިހާރު ބިލު އޮތް ގޮތް ކަމުނުދާ ކަމަށެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް