އިޒްރޭލުގެ އެއްވެސް އެއާލައިނަކަށް ހުއްދައެއް ނުދެން: ޓްރާންސްޕޯޓު

ޖުލައި 15، 2020: މިނިސްޓަރު ނަހުލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިޒްރޭލުގެ އެއްވެސް އެއާލައިނަކަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ނުދޭކަަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

އިސްރާއިލާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް ފަށަން އުޅޭކަމަށް ބުނާ ހަބަރެއް ވަނީ އިސްރާއިލުގެ ނޫހެއްގައި ޝާއިއުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިސްރާއިލް އާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އިސްރާއިލާ ރާއްޖެ އާއި ދެމެދު ވައިގެދަތުރު ކުރުމާގުޅޭގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ނުދޭކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރުން ޓްރާންސްޕޯޓުން ބުނީ އިސްރާއިލާއެކު ވައިގެދަތުރުތައް ކުރުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސް ނުވާނެ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ ރާއްޖެ އަށް ދަތުރުކުރުމަށް އިސްރާއިލުގެ އެއްވެސް އެއާލައިނަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވެސް ނުވާނެ ކަމަށާއި ވައިގެ ދަތުރު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވެސް ވިސްނާފައި ނުވާނެ ކަމަށެވެ.

އިސްރާއިލާއެކު ރާއްޖެއިން އެއްވެސް ގުޅުމެއް ގާއިމްކޮށްފައިނުވާއިރު އެގައުމާއެކު ވިޔަފާރީގެ ގުޅުންވެސް ސަރުކާރުން ނުބާއްވަ އެވެ.

comment ކޮމެންޓް