ޗައިނާގެ އާ ޖައްވީ އިދާރާއަށް ފޮނުވާ ފުރަތަމަ ކުރޫގެ ދަތުރު ފަށައިފި

ޗައިނާގެ އެސްޓްރޮނޯޓުންނާ އެކު ޖައްވީ އުޅަނދު ވަނީ ލޯންޗުކޮށްފަ -- ފޮޓޯ: ގެޓީ

ބެއިޖިން (ޖޫން 17): ޗައިނާގެ އާ ޖައްވީ އިދާރާއަށް ފޮނުވާ ފުރަތަމަ ތިން އެސްޓްރޮނޯޓުންނާ އެކު މިއަދު އެގައުމުން ޖައްވީ އުޅަނދެއް ލޯންޗުކޮށްފި އެވެ.

ޗައިނާގެ ޝެންޖޯ-12 ޖައްވީ އުޅަނދު ލޯންޗު ކުރީ އެގައުމުގެ ހުޅަނގު އުތުރުގައި އޮންނަ ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ. އެ އުޅަނދުގައި ތިބީ އެސްޓްރޮނޯޓުން ނިއެ ހައިޝަންގް، ލިއު ބޯމިން އަދި ޓަންގް ހޮންބޯ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ޗައިނާގައި ހުންނަ، އިންސާނުން ޖައްވަށް ފޮނުވާ ޕްރޮގްރާމްގެ ޑެޕިއުޓީ ޑިރެކްޓަރު ޗެން ޝަންގުއަންގް ވިދާޅުވި ގޮތުގައި އެ އުޅަނދު ލޯންޗު ކުރުމުގައި އެއްވެސް މައްސަލައެއް ނުޖެހެ އެވެ. ނަމަވެސް އެއީ އަދި ފުރަތަމަ ފިޔަވަޅު ކަމަށާއި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ޗައިނާއިން 2016 ވަނަ އަހަރުގެ ފަހުން އިންސާނުން ޖައްވަށް ފޮނުވި ފުރަތަމަ ފަހަރެވެ. އަދި އެންމެ ދިގު މުއްދަތަކަށް އިންސާނުން ޖައްވުގައި ބައިތިއްބަން ރާވާފައިވާ މިޝަން އެވެ. އެގޮތުން އެމީހުން އެގައުމުގެ ޖައްވީ އިދާރާ ޓިއަންގޮންގުގައި އެމީހުން ތިން މަސް ހޭދަ ކުރާނެ އެވެ.

ޗައިނާއިން އާ ޖައްވީ އިދާރާއަށް ފޮނުވި ތިން އެސްޓްރޮނޯޓުން -- ފޮޓޯ: ރޮއިޓާސް

ޗައިނާއިން ޓިއަންގޮންގް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާ، އޭގެ ފުރަތަމަ މޮޑިއުލް ލޯންޗު ކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އަދި މިއަދު އެގައުމުން ދަތުރު ފެށި އެސްޓްރޮނޯޓުން ދިރިއުޅޭނީ އެ މޮޑިއުލްގަ އެވެ. އޭގައި ކޮންމެ އެސްޓްރޮނޯޓަކު ދިރިއުޅޭނެ ވަކި ކޮޓަރިތަކާއި، ކަސްރަތު ކުރަން ބޭނުން ކުރާނެ ޓްރެޑްމިލްއަކާއި ދުނިޔެއާ މުވާސަލާތު ކުރަން ބޭނުން ކުރާނެ ކޮމިއުނިކޭޝަން ސެންޓަރެއް ހުރެ އެވެ.

އެ މިޝަންގެ މައިގަނޑު މަގްސަދަކީ ޓިއަންހޭ މޮޑިއުލްގައި މަސައްކަތްތައް ފެށުމެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ޖައްވުގައި ހުރި އަޅުގަނޑުމެންގެ އާ ގެ ތައްޔާރުކޮށް، އާ ޓެކްނޮލޮޖީތަކެއް ޓެސްޓު ކުރަން. ވީމާ މިއީ ގޮންޖެހުންތައް ގިނަ، އުނދަގޫ މިޝަންއެއް. އަޅުގަނޑުމެން ތިން މީހުން އެއްކޮށް މަސައްކަތްކޮށް، އޮޕަރޭޝަންތައް ފުރިހަމައަށް ކުރިއަށް ގެންދިޔުމުން ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ގަބޫލު ކުރަން،" އެސްޓްރޮނޯޓު ނިއޭ ވިދާޅުވި އެވެ.

ޗައިނާއިން އެ މިޝަން ލޯންޗު ކުރީ އެގައުމުގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުން އަންނަ މަހުގެ އެކެއްގައި ފާހަގަ ކުރަން ތައްޔާރު ވަމުންދާ ދަނޑިވަޅެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް