ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ހިޔާލުތަފާތުވުން ބޮޑުވެފައިވާ، ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު ވަނީ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެން 55 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު، 22 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ހިޔާލު މެއިލް ކުރާނީ [email protected] އަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ފޮނުވޭނެ އެވެ.

ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލި އިރު، އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން ވަނީ ނިންމައިފަ އެވެ.

އަދި 23 ޖޫން ވާ ބުދަ ދުވަހު ކޮމިޓީގެ މަސައްކަތް މުޅިން ނިންމުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު މެމްބަރުންނާއި އެހެން ބައެއް މެމްބަރުން ވެސް ބުނަމުން އަންނަނީ ނަފުރަތުގެ އަމަލު ކުށަކަށް ހެދުމަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް މިހާރު ބިލު އޮތް ގޮތް ކަމުނުދާ ކަމަށެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް