މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލީ މީހަކު ސަލާމަތްވެއްޖެ

ހައިކޯޓު --- ސަން ފޮޓޯ

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ހައިކޯޓުން ބާތިލްކޮށްފި އެވެ.

އެމީހާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކެނެރީމަގުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު، އޭނާ އެސަރަހައްދުގައި މަސްތުގެ ހާލަތުގައި ހުއްޓައި ފެނިގެން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާ ލައިގެންހުރި ޖަންގިޔާ ތެރެއިން މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު މައްސަލައިގަ އެވެ.

ތަހުގީގު މަރުހަލާ އަދި ދަށު ކޯޓުގެ ޝަރީއަތުގައިވެސް އޭނާ ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ބުނެ ކުށަށް އިއުތިރާފުވެފަ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. ދައުވާ ލިބުނު ފަރާތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މައްސަލަ އިސްތިއުނާފުކޮށް ބުނެފައި ވަނީ،އޭނާގެ މަައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ފެނުނު ތަކެތީގެ ބަރުދަން ބަލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނު މާނަކޮށްފައި ވަނީ އޭނާގެ ހައްގު ގެއްލޭ ގޮތަށް ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނެފައި ވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 14 ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗާ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެއްޗެއް އޭނާގެ އަތުގައި ހުރީ އެ އެއްޗެއް ޓްރެފިކް ކުރަންކަމުގައި ބެލެވޭނެ ކަމަށެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 17.2872 ގްރާމެވެ.

ދައުވާ ލިބޭ ފަރާތުން ހައިކޯޓުގައި ބުނީ، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 12 ގްރާމް ކަމަށް އިންކާރު ނުކުރާ ކަމަށާއި، ނަމަވެސް މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ހުރީ އެ އެއްޗެހި އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅުވެސް ހިމަނައިގެން ކަމަށެވެ.

އެހެންކަމުން އެއީ އޭނާގެ ހައްގު ގެއްލިފައިވާ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

ނަމަވެސް އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ވަނީ އިންކާރު ކޮށްފަ އެވެ. ދައުލަތުން ބުނީ ބަރުދަން ބަލާފައި ވަނީ ދަޅު ނުހިމަނާ ކަމަށާއި އޭނާގެ ހައްގު ގެއްލިފައި ނުވާނެ ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ހިސާބެއްގައި، މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ބަލާފައިވަނީ ދަޅުގެ ބަރުދަން ހިމަނައިގެންކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އޭނާގެ އަތުން ފެނިފައި ވަނީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށާއި، އެ ދެބާވަތުގެ ބަރުދަން އެއްކޮށްލުމުން ޖުމްލަ ބަރުދަނަކީ 12.4008 ގްރާމްކަން އެނގޭ ކަމަށެވެ. އޭގެ އިތުރުން ފެނުނު މަސްތުވާ ތަކެއްޗާ އެކުވެފައިވާ އެއްވެސް މާއްދާއެއް ހުރިކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިނުވެ އެވެ. އަދި އެ ރިޕޯޓުގައި ޖުމްލަ ބަރުދަން ބަލާފައިވަނީ އެފަދަ މާއްދާއަކާ އެކުކަން ބަޔާންކޮށްފައިނުވާ ކަމަށް ވެސް ހައިކޯޓުން ފާހަގަކުރި އެވެ.

ހައިކޯޓުން ބުނީ، ތަހުލީލު ރިޕޯޓާއި ހެކިންގެ ހެކިބަހުން ވެސް، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 17.2872 ގްރާމްކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ނުކުރެވޭ ކަމަށެވެ.

ތަހުލީލުކުރެވުނު މަސްތުވާތަކެތި ހުރީ އެހެން އެއްޗަކާ އެއްކޮށްފައިކަން ނުވަތަ ނޫންކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައި ނުވާތީ، އެ ތަކެތީގެ ބަރުދަނާ ގުޅޭގޮތުން ދަށު ކޯޓުން ރިއާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ބެލެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

ހަމައެއާއެކު ދައުވާ ލިބޭ މީހާ ކެނެބިސް ޓްރެފިކް ކުރިކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭ މިންވަރަށް ދަށުކޯޓަށް ހެކި ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

އެހެންކަމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް