އައްޑޫއިން ދޫކޮށްލި 5 މީހުންނަށް ނުރައްކާތެރި ބޮޑެތި ތުހުމަތުތަކެއް، އަލުން ހައްޔަރަށް

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސީޓީން މި މަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ފުލުހުން އޮޕަރޭޝަންގައި މިދިޔަ މަހު 15 ވަނަ ދުވަހު އަށް މީހަކު އައްޑޫ ސީޓީން ހައްޔަރު ކުރި އެވެ. އެމީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ދިން ނަމަވެސް، މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ:

އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި

މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި

ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ

އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ

އާއި މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި

އެމީހުން ދޫކޮށްލަން އަމުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ އެ ފަސް އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުން ދޫކޮށްލަން އަމުރު ކުރި އިރު، ފުލުހުން އެމީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ތުހުމަތުތަކެެކެވެ.

އަބްދުﷲ ހައިޝަމް އާއި މަފްތޫހް ސައީދު އާއި ހަސަން ޝިހާނު އިބްރާހީމް ހައްޔަރުކުރީ އައްޑޫ ސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތު ކުރެވިގެން މެއި 15 ވަނަ ދުވަހު އެވެ.

މުހައްމަދު ތަސްލީމް ހައްޔަރުކުރީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އަމަލީ ގޮތުން މަސައްކަތް ކޮށް ހަރުކަށި ފިކުރު ފެތުރުމަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދީ، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ ތުހުމަތުގައި މެއި 17 ވަނަ ދުވަހު އެވެ. ހަމަ އެދުވަހު އިއުތިސާމް މުހައްމަދު ސަޢީދު ހައްޔަރުކުރީ ތަސްލީމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ވެސް ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ.

އެ ފަސް މީހުން ވެސް ބަންދުކުރަން ދެ ފަހަރެއްގެ މަތިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާ އާއި އިންޓެލިޖެންސް ރިޕޯޓަށް ބެލުމަށްފަހު އެވެ. ނަމަވެސް ބަންދުގެ އިތުރުކުރަން ތިން ވަނަ ފަހަރަށް ހުށަހެޅުމުން، އެއްވެސް ޝަރުތަކާ ނުލައި ދަށު ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. އެމީހުން ދޫކޮށްލަން އަމުރުކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ ކުށެއް ކުރަން އުޅުމާއި، އެފަދަ ކުށެއް ކުރުމަށް އެހީތެރިވުމާއި، އަދި ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ވެސް މުޅިން ފުރިހަމަ ނުވާ ކުށްތައް ކަމަށެވެ.

އެގޮތުން ކުށް ކުރުމަށް މަގުފަހިކުރުމާއި ކުށެއް ކުރުމަށް އެދުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށް ކުރުމަށް ހިތްވަރުދީ ހެއްލުމާއި ކުށެއް ކުރަން އުޅުން ފަދަ ކޮންމެ ކުށަކީ ވެސް އޭގެ ޒާތުގައި ގާނޫނުގައި ބަޔާންކުރާ މާއްދީ ނުވަތަ މައުޟޫޢީ ކުށްތައް ކަމަށާއި އެ ބާވަތުގެ ކުށްތަކުގައި އަމާޒުކުރެވޭ ކުށްތައް ފުރިހަމަވާން ނުޖެހޭ ކަމަށް ހައިކޯޓުން ބުންޏެވެ.

"އެހެންކަމުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށުގެ އަމަލީ އެކަމެއް ތަންފީޒުވެގެން ދިއުން ކަމުގައި ބަލައިގެން ނުވާނެ އެވެ. މިސާލަކަށް އައިއީޑީއެއް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ ހުށަހަޅާ މައްސަލައެއްގައި އައިޑީއެއް ހަދަނިކޮށް ނުވަތަ އޭގެ ބައިތަކާއެކު ހެކީގެ ގޮތުގައި ހުށަހެޅުން ލާޒިމެއް ނޫނެވެ. ނަމަވެސް އެ ބޭނުމަށްޓަކައި، ކެމިކަލް ހޯދާނެ ގޮތް، ނުވަތަ އެ ހަދާނެ ތިއަރީ ނޫންނަމަ، އެ މަގުސަދުގައި އެފަދަ އެއްޗެއް ހަދަން ހިތްވަރުދީ ހެއްލުން ވެސް އެއީ ކުށެކެވެ."

އެހެންކަމުން ތުހުމަތުކުރެވޭ މައްސަލައިގައި ބައިވެެރިވުމެއް އޮތްކަމަށް ނުބެެވޭ ކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ހުށަހެޅުންތަކަށް ބަލާއިރު، ރަނގަޅު ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އައިއީޑީއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތު ކުރިން ވެސް ކޮށްފައިވޭ!

ދެހާސް ސަތާރަ ވަނަ އަހަރު، އައިއީޑީއެއް ތައްޔާރުކުރަން ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ރައްކާކޮށް އައިއީޑީއެއް ހަދާ ގޮއްވާލަން ރާވަމުންދާކަމުގެ ތުހުމަތު، އިއުތިސާމް މުހައްމަދާއި މުހައްމަދު ތަސްލީމްގެ މައްޗަށް ކުރި އެވެ. އެ މައްސަލައިގައި އެ ދެމިހުން ހައްޔަރުކުރި އެވެ. އިއުތިސާމް އާއި ތަސްލީމް އާ އަދިވެސް ގުޅުން އޮންނަކަން އެމީހުން ދީފައިވާ ބަޔާނުން ހާމަވެ އެވެ.

އެ ދެމީހުންގެ މައްޗަށް މިފަހަރު ވެސް ތުހުމަތު ކުރެވެނީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ބަޔާންކުރާ ތަނުގައި ކެމިކަލް ބޭނުންކޮށްގެން އައިއީޑީއެއް ހަދައި ގޮއްވާލަން އުޅޭ ކަމުގެ ތުހުމަތެވެ.

މަފްތޫހު ސައީދު އާ ގުޅިގެން ބަލައިފާސްކުރި އިރު، އަތުލިޔުމުން، އިނގެރޭސިބަހުން ލިޔެފައި އޮތް ޑޮކިއުމެންޓަށް ފުލުހުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގައި "އެބައިމީހުންގެ ލޭއޮހޮރުވާލެވޭ ހިނދު، އެބައިމީހުންގެ ފާފަތައް ފޮހެވިގެންދެއެވެ." ފަދަ އިބާރާތްތަކެއް ހުއްޓެވެ.

ހަސަން ޝިހާން އިބްރާހީމް އާ ގުޅުންހުރި ކަމަށް ބެލެވޭ ދިވެހި ލިޔުމެއް ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ހައިކޯޓުން ބުނީ އެއީ އޭނާ އިލްމު އުނގެނެން ގެންގުޅޭ އެއްޗެއް ކަމަށް ކުރިން ބުނެފައިވާ ކަމަށެވެ. އެހެންކަމަށް ވާނަމަ އެއީ ނަފީކުރަންޖެހޭ ލިޔުމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އޭނާޔާ ބެހޭ ލިޔުމެއް ނޫން ކަމަށް ބުނުމުން ސުވާލު އުފެދޭ ކަމަށެވެ.

އަބްދުﷲ ހައިޝަމް އަކީ ކުށުގެ ރެކޯޑު ގިނަ މީކެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން އެކި ކުށުގެ ތުހުމަތު ކުރެވިފައި ވާއިރު، ނުރައްކާތެރި އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތު އެކި ފަހަރުމަތިން ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން ފަދަ ކުށްތައް ހިމެނެ އެވެ.

މިހާރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ފޯނުން ހަރުކަށި އަމަލު ހިންގުމަށް ތާއީދުކުރާކަން ހާމަކޮށްދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ޓެރަރިޒަމް އަކީ ޖިނާއީ ބޮޑު ކުށެއްކަން ފާހަގަކޮށް ހައިކޯޓުން ބުނެފައި ވަނީ އެ ހަތަރު މީހުންނާ ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭ ކޮންމެސް މަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި މުހައްމަދު ތަސްލީމަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކިތައް ހުރިކަން ސާފުކޮށް އެނގޭ ކަމަށެވެ.

ހައިކޯޓުން ބުނީ މައްސަލައިގައި ހޯދާފައިވާ ހެކީގެ ތަހުލީލު ނުވަތަ އެނަލިސިސްގެ ނަތީޖާ ލިބިފައިނުވާ ހާލަތުގައި ވެސް ބަންދުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި ބަންދުން ދޫކޮށްލި ފަސް މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް އެކިއެކި އިލެކްޓްރޯނިކް ސާމާނުތައް ފުލުހުން ވަނީ ނަގައިފަ އެވެ. ނަމަވެސް އެތަކެތީގެ އެނަލިސިސް ރިޕޯޓު އަދި ނުލިބެ އެވެ.

ހައިކޯޓުން ބުނީ، އެނަލިލިސް ނަތީޖާ ލިބިފައި ނުވަނީސް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތް ކަމަށާއި، ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެމީހުން ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރުތަކަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ބެލެވޭނެ ގާނޫނީ އަސާސެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެހެންކަމުން ފަސް މީހުންނަށް ތުހުމަތު ކުރެވޭ ކޮންމެސް މިންވަރެއްގެ ހެކި ހުރުމާއެކު، އެމީހުންނަށް ތުހުމަތު ކުރެވޭ ކުށަކީ ގައުމީ ސަލާމަތާއި ގައުމުގެ އަމަންއަމާން ކަމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަޖެހުން ނެތި، ބިރުވެރިކަން ފެތުރޭފަދަ ނުރައްކާތެރި ބޮޑު ކުށަކަށް ވާތީ އެމީހުން ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އަދި އެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެ ހުކުމް ކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް