ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުމުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ޖުލައި މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، ފްލެޓު ލިބުނު މީހުންގެ ގުރުނެގުން މުޅިން ނިންމާލާނެ ކަމަށާއި، އަގު ދެއްކުމާ ގުޅޭ އުސޫލު ވެސް އާންމުކުރާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޖުލައި 14 ގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިމ ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ.
ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ލިބޭ އެޕާޓްމެންޓު ކަށަވަރު ކުރުމަށް ނަގާ ގުރުއަތު ނެގުން ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން މެދުކަނޑާލައިފަ އެވެ. އެޗްޑީސީ އިން ބުނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން ގުރުއަތު ނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.
ހިޔާ މަޝްރޫގެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޖޫން މަހުގެ ނިޔަލަށް ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ހަވާލުކުރަން ގޮވާލައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާތަކުގެ ދޮރު ހަރުކުރުމާއި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.
ފްލެޓު ހަވާލު ކުރުމަށް ފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ވަނީ ނިންމައިފަ އެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކައި ވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. ޑައުންޕޭމަންޓް ނުދައްކާ ނަމަ، މަހު ކުއްޔަށް 7500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް ޑައުންޕޭމަންޓަކީ ކިހާވަރެއް ކަމެއް އަދި ޑައުންޕޭމަންޓް ދައްކާ ފަރާތްތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ ކިހާވަރެއް ކަމެެއް ހައުސިން މިނިސްޓްރީއަކުން ނުބުނެ އެވެ.