މި އަހަރުވެސް ރާއްޖެއިން ހައްޖަށް ނުދެވޭނެ

ހައްޖުގެ އަޅުކަމުގެ ތެރެއިން

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށް ސައުދީ ސަރުކާރުން ނިންމުމާ ގުޅިގެން، މި އަހަރު ރާއްޖެއިން ހައްޖަށް މީހުންނަށް ނުދެވޭނެ ކަމަށް ނިންމައި، އިސްލާމިކް މިނިސްޓްރީން އެކަން އިއުލާނުކޮށްފި އެވެ.

މި އަހަރު ހައްޖުގައި ބައިވެރިވެވޭނީ ސައުދީ އަރަބިއާގައި ދިރިއުޅޭ 60،000 މީހަކަށްކަން އެގައުމުން ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް މުޅި ޖުމްލަ 60،000 މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ސައުދީގެ ނިންމުމާ ގުޅިގެން ރާއްޖެއިން ހައްޖަށް މީހުން ނުގެންދާނެ ކަމަށެވެ.

ސައުދީ ސަރުކާރުގެ ނިންމުމަކީ، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި، އެކަމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިއަހަރުގެ ހައްޖުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެމީހުން ތިބެން ޖެހޭނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ވެސް ރާއްޖެ އިން ހައްޖަށް މީހުން ގެންގޮސްފައެއް ނުވެ އެވެ. މިދިޔަ އަހަރު ހައްޖުގައި ބައިވެރިކޮށްފައި ވަނީ ސައުދީގައި ދިރިއުޅޭ 10،000 މީހެކެވެ. އޭގެ ތެރެއިން 70 ޕަސެންޓު މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

comment ކޮމެންޓް