ކޮވިޑް19: ހާލަތު ގޯސްވެ، ހިތަދޫ ލޮކްޑައުނަކަށް

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑް19 ފެތުރުން އިތުރުވެ ހާލަތު ގޯސްވަމުން ދާތީ، އެ އަވަށް އެއްކޮށް ބަންދުކޮށްފި އެވެ.

ރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން، އިތުރު ލުއިތައް ދިނުމަށް މަސައްކަތް ކުރަމުން އައި ކަމަށެވެ.

"އެހެން ނަމަވެސް ފާއިތުވެދިޔަ ދެތިން ދުވަސް ތެރޭގައި އަޅުގަނޑުމެންގެ ހާލަތު އުންމީދުކުރި ގޮތަކަށް ނޫން މިދިޔައީ. މާ ގޯސްކޮށް މި ދިޔައީ. އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާ ހާލަތުގައި މިތިބީ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމުގެ ބިރު އަބަދުވެސް އޮންނަ ކަމަށާއި، އަދި މިހާރު އައްޑޫގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އައްޑޫ އިން 18 ބިދޭސީއަކުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ފަސް ބިދޭސީއަކު ހިމެނެ އެވެ.

"ހާލަތަށް ބަލާއިރު ވަރަށް ސީރިއަސް ހާލަތެއްގައި އަޅުގަނޑުމެން މިތިބީ މިވަގުތު. ހާއްސަ ފިޔަވަޅުތަކެއް، އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅުތައް އެޅިގެން ނޫނީ، އަޅުގަނޑުމެންނަށް މިވަގުތު މި ފެތުރިފައި އޮތް ހާލަތަށް ބަލާއިރު ކޮންޓްރޯލް ނުކުރެވޭނެ،" ނިޒާރު ވިދާޅުވި އެވެ.

ލޮކްޑައުން ކުރުމަކީ އުނދަގޫކަމެއް ކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ހާލަތު ގޯސްވަމުންދާނަމަ އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ. ނިޒާރު ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި އެންމެންނަކީ ވެސް ހިތަދޫގައި ދިރިއުޅޭ މީހުން ކަމަށެވެ. އަދި މިވަގުތު ހާލަތު ގޯސްފައި ވަނީ ހިތަދޫގައި އެކަނި ކަމަށާއި އެހެން އަވަށްތައް މިވަގުތަށް ބަލާއިރު ހާލަތު ރަނގަޅު ކަމަށެވެ.

ނަމަވެސް ހިތަދޫގައި ފިޔަވަޅުތައް ހަރުކަށިކުރުން މަޖުބޫރު ހާލަތަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން، ހިތަދޫއާ އެހެން އަވަށްތަކާ ދެމެދު ދަތުރުކުރުން ހުއްޓުވައި، މާލޭގައި އަޅާފައިވާ ފަދަ ފިޔަވަޅުތަކެއް ހިތަދޫގައި ވެސް މިހާރު އަޅާފައިވާ ކަމަށެވެ.

އެގޮތުން ކާފިއު ނޫން ގަޑިތަކުގައި ވެސް ހާއްސަ ހުއްދައެއް ނެތި ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

"ޒަރޫރީ ކަމެއްގައި ވެސް ބޭރަށް ނުކުތުމަކީ ހުއްދަ ކަމެއް ނޫން. ހުއްދައެއް ނެތި އެއްވެސް ތަނަކަށް ދިއުމަކީ އެއްގޮތަކަށް ވެސް ހުއްދަ ކުރެވޭ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

މާލެއާ އެއްގޮތަށް، ހިތަދޫގައި ވެސް ބޭރަށް ދިއުމަށް ހުއްދަ ދޭނީ ކޮންމެ ގޭބިސީއަކަށް ދެ ފާހެވެ. ފާސް ބޭނުންކުރެވޭނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓުތަކުން ރޭގަނޑު ނުވަޔަކާ ހަމައަށް ޑެލިވަރީ ކުރެވޭނެ އެވެ. ޑިއުޓީއަށް ދާ ފަރާތްތަކަށް ވެސް ފުލުހުންގެ ހުއްދަ ބޭނުންވާނެ އެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ 82 އެކްޓިވް ކޭސް އެބަ އުޅެ އެވެ. އޭގެ ތެރެއިން 77 މީހުންނަކީ ހިތަދޫގައި ދިރިއުޅޭ މީހުންނެވެ. މަރަދޫފޭދޫ، ގަން އަދި މީދޫގައި މިވަގުތު އެކްޓިވް ކޭސް އެއް ނެތެވެ. ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަށް ބެލުމަށްފަހު އެ އަވަށްތަކުން އިތުރު ކޭސްތަކެއް ނުފެންނަ ނަމަ، ލުއިތައް ދެމުންގެންދާނެ ކަމަށެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެނީ އެންމެ މީހަކަށެވެ. އައްޑޫ އިން ކޮވިޑުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އައްޑޫގައި މިވަގުތު ޑައިރެކްޓް ކޮންޓެކްތުންގެ ގޮތުގައި 465 މީހަކު އެބަތިބި ކަމަށެވެ.

comment ކޮމެންޓް