ޑާކްރެއިންގެ އުފެއްދުންތަކެއް މަލްޓި ސްކްރީނަށް

ގުޅުން ގެ ޕޯސްޓަރެއް---

ރާއްޖޭގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އުފެއްދުންތަކެއް މީޑިއާނެޓް މަލްޓި ސްކްރީނަށް ގެންނަން ނިންމައިފި އެވެ.

މަލްޓި ސްކްރީނަށް ގެންނަން ނިންމީ ގުޅުން، ޑާކްރެއިން ޝޯޓްސް، ގޮށްރާޅު އަދި މާމުއި އެވެ. ގުޅުން މި މަހު 30 ވަނަ ދުވަހު ދައްކަން ނިންމިއިރު ޑާކްރެއިން ޝޯޓްސް ވެސް ދައްކާނީ ހަމަ އެ ތާރީޚުގަ އެވެ. ގޮށްރާޅު ޖުލައި މަހުގެ ހަތް ވަނަ ދުވަހު ދައްކަން ނިންމިއިރު މާމުއި ދައްކާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގަ އެވެ.

ގޮށްރާޅުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ) އެވެ. އެ ފިލްމަކީ މިދިޔަ އަހަރުގެ ފުރަތަމަ ބޮލޮކްބަސްޓާ އެވެ. ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖެއްގެ ސަބަބުން ދެ މީހެއްގެ ދެމެދު ހިނގާ ހަމަނުޖެހުންތަކެވެ.

ބޮޑު ކާސްޓެއް ހިމެނޭ މާމުއި އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ކޮމެޑީ އެ ފިލްމު ރަހުމަތްތެރިންނާ އެކު ބަލައިލަން "މާމުއި" ވަރުގެ ފިލްމެއް ނެތްކަން ގިނަ ބަޔަކު އިއްތިފާގުވެ އެވެ. "މާމުއި" އަކީ ބަނޑަށް ހީހީ ހަލާކުކޮށްލި ކޮމެޑީއެކެވެ.

comment ކޮމެންޓް