"މިހާރު ސަބަބު އެނގިއްޖެއެއްނު... ދެން އަހަރެން ފަހަތުން ނާންނާތި!" އެހެން ބުނެލާފައި ފަހު ފަަހަރަށް ސަފީނާއާ ކުރިމަލުމަށް ރިއުމާން ފަސްއެނބުރުނުއިރު އޭނާގެ ލޮލުގައި އަޅައިގަތީ ކޮފީ ޝޮޕްގެ ދޮރުފަތް ހުޅުވައިގެން ހުރި އަންހެން ކުއްޖާއެވެ. ހުއްޓުން އަރާފައި ރިއުމާންއަށް ބަލަން އެ ކުއްޖާ ހުރުމުން އެދެމީހުން ދެންމެ ދެއްކި ހުރިހާ ވާހަކައެއް އެ ކުއްޖާއަށް އެނގިއްޖެކަމުގައި ރިއުމާންއަށް ޔަޤީން ކުރެވުނެވެ.

އައިސްފައިހުރި ރުޅިއާއި ވެފައި ހުރި ދެރައިގެ ސަބަބުން, ވޮލެޓަށް ވެސް އޭނާއަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ކަރުނަތައް އޭގެ މަޤާމުދޫކޮށް ފައިބަން ތައްޔާރުވެފައިވާއިރު, ރިއުމާންގެ ދެލޮލުގައި ހުރި ވޭން އެ އަންހެން ކުއްޖާއަށްވެސް ސިއްރެއް ނުވިއެވެ. އެއްޗެއް ބުނަން ނޭނގިފައި އެ އަންހެން ކުއްޖާއަށް ހުރެވުނެވެ. ރިއުމާން އެނބުރިލާފައި ހިނގައިގަތުމުން ސަފީނާވެސް ކުރިއަށް ދެ ފިޔަވަޅު އަޅައިލިއެވެ. އޭނާއަށް މަޑުޖެހިލެވުނީ ރިއުމާން ބުނި ވާހަކަ ހިތަށް އެރުމުންނެވެ. އަތް މުށްކަވާލުމަށްފަހު, އޭނާއަށް ފަަހަތަށް ޖެހިލެވުނެވެ.

"އަޒޫ... އޭތް އަޒޫ... ކިހިނެއްވީތަ؟" ދޮރު ދޮށުގައި ހުއްޓުން އަރާފައި ހުރި އަޒްހާއަށް ސިހުން ލިބުނީ އޭނާއާއެކު, މަސައްކަތް ކުރާ ކުއްޖާ ގޮވައިލުމާއެކުއެވެ. އޭނާ ފަހަތަށް އެނބުރުނުއިރު އެ އަންހެން މީހާއާއެކު އައި ފިރިހެންމީހާވެސް ބޭރަށް ނުކުންނަނީއެވެ. އޭނާ އަތުގައި އޮތް ވެލެޓަށް ބަލައިލަމުން އަނެއްފަހަރު ދުރަށް ހިނގަމުންދިޔަ ޒުވާނާއަށް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު , އޭނާ ވޮލެޓަށް ބާރުކޮށްލަމުން ގޮސް ކައުންޓަރު ދޮށުގައި ހުއްޓުނެވެ. އެ ޒުވާނާގެ ނަން ނޭނގުނު ނަމަވެސް އޭނާއަށް އެ ޒުވާނާ މަސައްކަތް ކުރާ އޮފީސް އެނގޭތީ އޭނާގެ ޝިފްޓު ނިންމާލާފައި އެ އޮފީސްކައިރިއަށް ދާން އަޒްހާ ނިންމިއެވެ. އޭނާ ވޮލެޓް އެތާ ކައުންޓަރު ކައިރީގައި ބާއްވަމުން ކުރަން ހުރި މަސައްކަތަށް އަވަސްވިއެވެ. އެތެރޭގައި ފުދޭވަރަކަށް މީހުން ގިނަކަމުން ދެން ހުރި ކުއްޖާވެސް އާކަމުން އެ ކުއްޖާއާ ހުރިހާކަމެއް ޙަވާލުކޮށްފައި ދާކަށް އަޒްހާއަކަށް ނުކެރުނެވެ. އެތަނުގައި އެހެން ކުއްޖެއް ހުރިނަމަ އޭނާ ދިޔައީހެވެ.

މަސައްކަތް ނިމޭވަރުވީ އެގާރަޖަހަން އުޅެނިކޮށެވެ. ކޮފީޝޮޕް ބޮޑުމީހާ އައިސް އޭނާ ކުޑަ ކަމަކު މަޑުކޮށްލަނީކަމަށް ބުނުމުން އަޒްހާއާއި އޭނާގެ އެކުވެރިޔާއާ ދެމީހުން އެތަނުން ނުކުމެގެން ދާން ވެގެން އަވަސްވެގަތެވެ. އަޅާފައިހުރި އޭޕްރޮން ބައިލަމުން އޭނާ ދާން ތައްޔާރުވެލިއެވެ. ކޮފީ ޝޮޕުން ނުކުތްއިރު ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހިގަތެވެ. އަތުގައި އޮތް ވޮލެޓަށް ބަލައިލަމުން އަޒްހާ އޭނާ އިތުރު ތަނަކަށް ދާން ޖެހޭ ކަމުގައި އެކުވެރިޔާ ކައިރީގައި ބުނެލިއެވެ.

"ކޮންތާކަށް؟"

"މާ ބޮޑުކަމަކު ނޫން. މީ ފްރެންޑަކާ އެއްޗެއް ހަވާލުކޮށްލަންވެގެން..." އެކުވެރިޔާ އިތުރު ސުވާލުތަކެއް ނުކުރާނޭ ގޮތަކަށް ވާހަކަ ބައްޓަން ކުރެވޭތޯ އަޒްހާ ބެލިއެވެ. ނަސީބަކުން އެކުވެރިޔާވެސް މާގިނަ ސުވާލެއް ނުކުރެއެވެ. އެކަމުން އަޒްހާއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ދަނީކަމަށް ބުނެ ވައިޓްލިލީ އެންޓަޕްރައިޒަސްގެ މައި އޮފީހާ ދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ.

"އަޅެ އޭނަ އުޅޭނެތަ އެތަނުގަ؟ އަޒްހާ! މޮޔަވީތަ؟ ދިޔަޔަސް އެތަނަށް ވަދެވޭނީއެއް ނޫނޭ... މިރޭ ހަތަރުދަމު އެތާ މަޑުކުރަންތަ ތިއުޅެނީ؟" އަޒްހާ އޭނާގެ އަމިއްލަ ހިތާ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލީ އެތަނުގައި ފަނަރަ މިނިޓް މަޑުކޮށްލުމަށްފަހު, ގެއަށް ދިޔުމަށެވެ. ދެން އެ ޒުވާނާ ކޮފީ ޝޮޕަށް އައުމުން ވޮލެޓް ދޭނީ އޭ ހިތަށް އެރިނަމަވެސް އެ ޒުވާނާ ހާސްވެދާނެހެން ހީވާތީ އޭނާ ބޭނުންވީ ވީހާވެސް އަވަހަލަށް ވޮލެޓް ހަވާލުކޮށްލާށެވެ.

އޭނާގެ ނަސީބުވެސް ރަނގަޅީއެވެ. އެ ހިސާބާ އަރާ ހަމަވީއިރު އެ ޒުވާނާ ނުކުމެ އޮފީސް ޕާކިން އޭރިޔާއާ ދިމާލަށް ހިނގައިގަންނަނީއެވެ.

"އެކްސް ކިޔުޒް މީ" އަޒްހާ ބާރަށް ގޮވައިލިއެވެ.

އިސްޖަހާލައިގެން ހުރެ ހިނގަމުންދިޔަ ރިއުމާންއަށް މީހަކު ބާރަށް ގޮވައިލިހެން ހީވެ ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އޭނާ އަޑު އައި ދިމާލަށް ބަލައިލިއިރު އަންހެން ކުއްޖަކު އޭނާއާ ދިމާލަށް އަންނަމުން ދިޔައެވެ. އޭނާ ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލިއެވެ. ކައިރިއަށް އަންނަމުން ދިޔަ ވަރަކަށް އެއީ އޭނާއާ ކޮފީ ޝޮޕުން ދިމާވާ އަންހެން ކުއްޖާކަން ރިއުމާންއަށް އެނގުމާއެކު އޭނާއަށް ހިސާބެއްގެ ހައިރާންކަމެއް ލިބުނެވެ.

"ކިހިނެއްވީ؟" އެ އަންހެން ކުއްޖާ އައިސް ހުއްޓުމާއެކު ރިއުމާން ސުވާލުކޮށްލިއެވެ. ރިއުމާންގެ އެ ފިރިހެންވަންތަ އަޑާއެކު އަޒްހާއަށް ބަލައިލެވުނީ ރިއުމާންގެ މޫނަށެވެ. ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު, އަޒްހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އޭނާއަށް ރިއުމާންގެ ރަތްވެފައިވާ ދެލޯ ފެނުމާއެކު , ނޭނގޭ ރިހުމެއް އޭނާގެ ހިތުގައި ވެސް އުފެދުނެވެ. ރިއުމާންގެ ލޮލުން އޭނާ އެ ހުރީ ވަރަށް ގަދަޔަށް ރޮއިފައިކަން އަޒްހާއަށް ދެނެގަނެވުނެވެ. ހިނދުކޮޅަކަށް އޭނާ ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާ ހުއްޓާ ކުއްލިއަކަށް ސިހުން ގެނުވީ އަނެއްކާވެސް ރިއުމާންގެ އަޑުންނެވެ. އެއާއެކު އޭނާ ދެފަރާތަށް ބޯ ހޫރައިލަމުން އަމިއްލަ ނަފްސާ ވާހަަކަ ދެއްކިއެވެ.

"ކަމް ބެކް ޓު ޔޯ ސެންސަސް އަޒްހާ!"

"ކީކޭ ތި ބުނީ؟" އޭނާއަށް އެ ބަސްތައް ބޭރުކޮށްލެވުނުކަން ވެސް ރޭކާނީ ރިއުމާން ވާހަކަ ދެއްކުމާއެކުގައެވެ.

"ނަތިންގް މީ އަނެއް... މިއަދު ވޮލެޓް ބާއްވާފަ އައީ... އެހެންވެ..." އެ އަންހެން ކުއްޖާ އެހެން ބުނެލިއެވެ. އެއަށްފަހު އޭނާގެ އަތުގައި އޮތް ވެލެޓް ނަގާ ރިއުމާންއަށް ދައްކައިލިއެވެ. ރިއުމާން އޭގައި ހިފަމުން ޝުކުރު އަދާކޮށްލިއެވެ.

"ބަޓް، ކިހިނެއް އަހަރެން މަސައްކަތްކުރާ ތަން އެނގުނީ؟" ރިއުމާންގެ ދެވަނަ ސުވާލާއެކު އަޒްހާއަށް ކީކޭ ހޭ އަހައިލެވުނެވެ. އެއާއެކު ރިއުމާން އޭނާ ބުނި ޖުމްލަ ތަކުރާރު ކޮށްލިއެވެ.

"މީ އަނެއް... އަހަރެން ކޮފީ ޝޮޕަށް އަންނައިރު ފެންނާތީ... ހިތަށް އެރީ ވޮލެޓް ނުފެނިގެން ވަރަށް ހާސްވާނެޔޭ..." އަޒްހާ ބުނެލިއެވެ.

"ބައިދަވޭ... އައި އެމް ސޮރީ..." ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ތެރެއިން އަޒްހާ ބުނެލިއެވެ.

"ކޮންކަމަކަށް؟" ރިއުމާން ސުވާލުކޮށްލިއެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ފެނުނު އަސަރުތަކުން އެހެން ބުނީ ކީއްވެގެންކަން ރިއުމާންއަށް އެނގުނުނަމަވެސް އޭނާ ބޭނުންވީ އެވާހަކަ އެ ކުއްޖާގެ އަނގައިން ބުނުވާށެވެ. އޭނާ އެހެން ބުނީވެސް އެހެންވެއެވެ.

"މީ... އަނެއް... އަހަންނަށް އެވާހަކަ އަޑު އެހުނީމަ... އަސްލުހުރީ އަޑު އަހާކަށް ނޫން، އެ ގަޑީގައި ނިކުތީ ވޮލެޓް ދޭންވެގެން..." އަޒްހާ ބުނެލިއެވެ. އޭނާ ވީ ގޮތް އޮޅުން ފިލުވައިދިނެވެ.

"އެވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް. އެއީ ނީވޭ ވާހަކައަކަށް ހަދާލާ!" ރިއުމާން ބުނެލިއެވެ. އޭނާ އެހެން ބުނިއިރު އެ އަޑުގައިވި އަސަރުން އެކަނިވެސް އަޒްހާއަށް އަސަރުކުރިއެވެ. ރިއުމާންގެ ހިތާމަތައް ގުޅިފައިވަނީ ސަބަބު އެނގުމުން، އޭނާއަށް ރިއުމާންއާ މެދު ޙަމްދަރުދީވެވުނެވެ.

"ކިހިނެއްވީ؟ އަހަންނާ މެދު ޙަމްދަރުދީވަނީތަ؟" އޭނާގެ ހިތުގައި އޮތް އެއްޗެއް އެހާ ފަސޭހައިން ރިއުމާން ދެނެގަތުމުން އަޒްހާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނޫނެކޭ ވެސް ބުނަން ނޭނގިފައި އޭނާއަށް ހުރެވުނީ އެވާހަކަތަކުގައި ވެސް ކޮންމެވެސް ވަރަކަށް ތެދު ވީތީއެވެ.

"ދަނީ..." ރިއުމާން އެހެން ބުނެލާފައި ހިނގައިގަތުމުން އަޒްހާއަށް ހުރިތަނުގައި ހުރެވުނެވެ. އޭނާއަށް އަނގަޔަށްވެސް ގޮތެއް ހަދައިލެވުނެވެ.

"ފޮނި މީހެއް. އަހަރެން ނޫޅެން އެއްވެސް މީހެއް ކައިރީގައި އެއްވެސް ވާހަކައެއް ދައްކާކަށް؟ އެކަމަކު... ހާދަ ދެރަވެފައޭ އެހުރީ....ވެދާނެ އެހެންވެގެންކަމަށް އެހެން އެބުނީ... ޑޯންޓް ޖަޖް ޕީޕަލް އަޒްހާ!" ދެފަރާތަށް ބޯ ހޫރައިލަމުން، އެ ޚިޔާލުތަކާ ދުރަށް ދާން އަޒްހާ މަސައްކަތްކުރިނަމަވެސް، އޭނާގެ ހިތުގެ ލޯގަނޑަށް ސިފަވަނީ އެ ގަޑީގައި ރިއުމާން އޭނާއަށް ބަލައިލިއިރު އެ ދެލޮލުގައިވީ ރިހުމާއި ކަރުނައެވެ. އެ މޫނުމަތީގައިވި ހިތްދަތި އަސަރުތަކެވެ. އޭނާ ހިނގައިގަތީ އަތުގައި އަޅާފައިއޮތް ގަޑިއަށް ބަލައިލަމުންނެވެ. ފިޔަވަޅުތަކަށް ބާރުލަމުން އޭނާ ހިނގައިގަތީ ގެއާ ދިމާލަށެވެ.

***

ގެއަށް ގޮސް ފެންވަރާލައިގެން ނިދަން އޮށޯވެލި ސަޖަލްގެ ފޯނަށް މެސެޖެއް އައުމާއެކު އޭނާ ފޯނު ނަގާ ބަލައިލިއެވެ. ޒާމިންގެ މެސެޖަކަށް ވުމާއެކު އޭނާ އަވަސް އަވަހަށް ފޯނު ހުޅުވައިލާ ބަލައިލިއެވެ. އޭގައި ލިޔެފައި އޮތްއެއްޗެއް އޭނާ މަޑުމަޑުން ކިޔައިލިއެވެ.

"މާދަމާވެސް އަހަރެން ބޭނުން އެ މަސައްކަތްކުރަން ދާން! ސަޖަލް ބިޒީ ނޫނިއްޔާ އަހަންނަށް ކުޑަކޮށް ހެލްޕެއް ވެލަން އަންނަންވީނު. ޕްލަސް ސަޖަލްގެ އެ މަސައްކަތްވެސް އަދި ނުނިމެއެއްނު." ޒާމިންގެ މެސެޖުގައި އޮތީ އެހެންނެވެ. ސަޖަލް ވިސްނާލުމަށްފަހު އާއެކޭ ބުނުމަށްފަހު މެސެޖް ކޮށްލިއެވެ. އެއާއެކު ޒާމިންގެ ދެވަނަ މެސެޖެއް އޭނާއަށް ލިބުނެވެ.

"ކީއްކުރަނީ؟" ޒާމިން އަހައިފައި އޮތެވެ. ސަޖަލް އޭނާ ނިދަން އުޅެނީ ކަމަށްބުނުމުން ޒާމިން އެހެންހެއްޔޭ ބުނެފައި އޭގެ އިރުކޮޅެއް ފަހުން ގުޑްނައިޓް މެސެޖެއް ފޮނުވައިލިއެވެ. ސަޖަލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ވެސް ރައްދުގައި ޒާމިންއަށް ވެސް މެސެޖެއް ފޮނުވައިލަމުން ފޯނު ސައިޑު ކަބަޑު މަތީގައި ބޭއްވިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭވެސް ސަޖަލް ކަންތައްތައް ނިންމައިލުމަށްފަހު އެންޖީއޯގެ އޮފީހަށް ދިޔައެވެ. އޭރު ޒާމިންވެސް އައިސް މަޑުކޮށްލަނީއެވެ. ދެމީހުން އެކުގައި ގޮސް އޮފީސްތެރެއަށް ވަނެވެ. އެއްކޮށް އަނދިރިކޮށްފައި ހުރި އޮފީސް ދިއްލައިލަމުން ސަޖަލް މީޓިން ރޫމާ ދިމާލަށް މިސްރާބުޖެހިއެވެ. ޒާމިންވެސް މެއެވެ. އޭރުވެސް އެތެރޭގައި އެމީހުން ކުރީގައި މަސައްކަތްކުރި އެއްޗެހިތައް ބަހައްޓާފައި ހުއްޓެވެ.

ސަޖަލް ގޮސް އިށީނުމާއެކު ޒާމިންވެސް ގޮސް އޭނާ މަސައްކަތްކުރަން ކުރިންވެސް އިން ގޮނޑީގައި އިށީނެވެ. ޒާމިންއަށް އައި ފޯނު ކޯލަކާއެކު އޭނާ މީޓިން ރޫމުން ނުމެލީ އޭނާގެ ކްލައިންޓަކަށް ވީތީއެވެ. އެ ފޯނު ކޯލު ނިންމާލާފައި އައިއިރު ސަޖަލް ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.

"ކިތައް ފަހަރުތަ ބުނަންވީ ނުދަންނަ ނަންބަރުން އަހަންނަށް ނުގުޅާށޭ..." ސަޖަލް އެފަހަރުވެސް ފޯނު ނެގީ އެ ނަންބަރުން ކެނޑި ނޭޅި ގުޅަން ފެށުމުންނެވެ. އޭނާ ފޯނު ކަނޑައިލަމުން އެ ނަންބަރު ބްލޮކް ކޮށްލިއެވެ. އަދި މޭޒުމަތީގައި ފޯނު ބޭއްވިއެވެ. އަނެއްކާވެސް އޭނާއަށް އެހެން ނަންބަރަކުން ފޯނެއް އައެވެ. އެއީ ރިއުމާންކަން އެނގޭތީ އޭނާ ފޯނު ނަގާކަށްވެސް ބޭނުމެއް ނުވިއެވެ.

"ޔޫ އޯކޭ؟" ސަޖަލްއަށް ބަލައިލަމުން ޒާމިން ސުވާލުކޮށްލިއެވެ.

"އޭނާގެ އުނދަގޫތަ؟" ޒާމިން އަހައިލިއެވެ. ސަޖަލް ބޯ ޖަހައިލިއެވެ.

"މައްސަލަ ފުލުހަކަށް ނުލަންތަ؟" ޒާމިން އަނެއްކާވެސް ސަޖަލް ކުރެން އަހައިލިއެވެ.

"ތިހެން އެބަ ޚިޔާލުކުރަން އެކަމަކު..."

"ކުރަން ކުރަން ހުއްޓަކަސް ނުވާނެ ދޯ... ކުރީމަ ވާނީ" ޒާމިން ސަޖަލްއަށް މާނަފުން ނަޒަރަކުން ބަލައިލިއެވެ.

"އަހަރެން ބޭނުން މިރޭ މި ނިންމާފަ ޝައުއަށް މެއިލް ކުރަން. އިހަށް އެވާހަކަ ބާއްވާފަ މަސައްކަތް ފަށަމާ" ސަޖަލް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. ޒާމިން ވެސް ބޯ ޖަހައިލިއެވެ. އޭނާގެ ހިތުގައި އެ ވަގުތު އުތުރިއަރަން ފެށި ސުވާލު ކުރަންވީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

(ނުނިމޭ)

comment ކޮމެންޓް