އޮފީސްތައް އިތުރު ހަފްތާއަކަށް ބަންދު

މާލޭގެ މަގެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން އިތުރު ހަފްތާއެއްގެ މުއްދަތަށް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން މިހާރު ވަނީ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އަދި މި މުއްދަތުގައި ސަރުކާރު މުވައްޒަފުން ގޭގައި ތިވެގެން ކުރެވޭ މަސައްކަތްތައް ގޭގައި ތިބގެނެ ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އަދި ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ހުހިހާ މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.

އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތައް ނޫންކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން އޮފީސްތައް ބަންދުކޮށް, އަދި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ މުއްދަތު އިތުރުކޮށްފައިވާ އިރު, އެޗްޕީއޭއިން މިއަދު ވަނީ ބައެއް އެހެނިހެން ފިޔަވަޅުތަކަށް ކުދި ކުދި ލުއި ދީފައެވެ.

އެގޮތުން މީގެ ކުރިން މާލޭގައި އޮތް 16 ގަޑިއިރުގެ ކާފިއު ވަނީ 8 ގަޑިއިރަށް ކުރުކޮށްފައެވެ. އެގޮތުން ކާފިއު ދެން ކުރިއަށް ގެންދާނީ ހަވީރު 4 އިން ފަތިހު 4 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ފަތިހު 4 އިން ހެނދުނު 8 އަށް ބޭރަށް ނުކުމެވޭނީ އެކަނި ކަސްރަތުކުރުމަށް ނުކުންނަން އެދޭ މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކަސްރަތަށް ހެނދުނު ނުކުންނަ މީހުން ފުލުހުންގެ ޕާމިޓު ބޭނުމެއް ނުވާނެއެވެ. އެހެން ނަމަވެސް ހެނދުނު 8 އިން ހަވީޜު 4 އަށް ބޭރަށް ނުކުމެ އުޅެވޭނީ މިހާރެކޭވެސް އެއްގޮތަށް ފުލުހުންގެ ޕާމިޓާއެކުގައެވެ.

މީގެ އިތުރުން އެކަނި ނަމާދުކުރުމަށް މިސްކިތްތައްވެސް މާދަމާއިން ފެށިގެން ހުޅުވާލާނެއެވެ. އެހެން ނަމަވެސް ޖަމާއަތުގައި ނަމާދު ނުކުރާނެއެވެ.

comment ކޮމެންޓް