ކޮންމެ ހަފްތާއަކު ވެސް ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ ފުލުހުންނަށް ހުށަހަޅާ

ކޮންމެ ހަފްތާއަކު ވެސް، ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ ރިޕޯޓުކުރާ ކަމަށް، ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މީހެއްގެ ނުރުހުމުގައި ވަކިކަމެއް ކުރުމަށް އޭނާއަށް އަންގައި، އެކަން އޭނާ ނުކޮށްފިނަމަ އޭނާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭނެ ޒާތުގެ އަމަލެއް ހިންގާނެކަމުގެ ބިރު ދެއްކުން ނުވަތަ މީހަކު ކުރި ކުށެއް އަންގަންވާ ފަރާތަށް ނާންގައި، އެކަމުގެ މައުލޫމާތު ބޭނުންކޮށްގެން އޭނާގެ ކިބައިން އޭނާގެ ނުރުހުމުގައި މަންފާ ހޯދުމުގެ މައްސަލަތއް މިހާރު އާންމުވެފައިވާ ކަމަށެވެ.

ބްލެކް މެއިލް ކުރުމުގެ މައްސަލަތައް މިހާރު ދިވެހި މުޖުތަމައުގައި ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި އެކަމުގެ މަޅީގައި އަންހެނުންނާއި ފިރިހެނުންގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންވެސް ޖެހެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮންމެ ހަފްތާއަކު ވެސް އެފަދަ ދެ މައްސަލަ ހުށެހެޅޭ ކަމަށާއި، ބްލެކްމެއިލް ކުރާ ނަމަ އެކަން ސިއްރުނުކޮށް ވީހާވެސް އަވަހަކަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމައެއާއެކު، އިތުރު މީހަކާ ހިއްސާކުރަން ނުޖެހޭ ޒާތީ މައުލޫމާތު، އިތުބާރު ކުރެވޭ މީހަކާ ވެސް ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އެފަދަ ކަމެއް ހިނގާފާނެ ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ފަދަ ކަންކަމުން ކޮންމެ މީހަކުވެސް ދުރުހެލިވަމާ ހިނގާށެވެ. އަދި ވިސްނާނުލާ ކުރެވޭ ކަމަކުން ނަމަވެސް އެފަދަ ކަމެއް ހިނގައިފިނަމަ އެކަމެއް ސިއްރުނުކޮށް އެ މައްސަލައެއް ކަމާގުޅުންހުރި އިދާރާއާކަށް ހުށަހަޅާށެވެ."

ފުލުހުން ބުނީ އަމިއްލައަށް މައްސަލަ ހުށަހަޅަން ނުކެރޭނަމަ އިތުބާރުކުރެވޭ މީހަކާ އެކަމެއް ހިއްސާކޮށް އެމީހެއްގެ އެހީތެރިކަމާއެކު ވެސް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

ބޮޑެތި މީހުންގެ އިތުރުން، ކުޑަކުދިންވެސް ބްލެކްމެއިލްގެ މައްސަލަތަކަށް ހުށަހެޅެމުން އަންނަކަން ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމުގައި ބެލެނިވެރިންގެ ޒިންމާ ބޮޑު ކަމަށާއި، ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ކުދިންކުރާ ކަންކަން ބަލައި، ކުދިންގެ އުމުރާ އެކަށީގެންނުވާ ވަރުގެ މިނިވަންކަން ކުދިންނަށް ދެވިފައި ވޭތޯ ބެލުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

މީހުންނާ ހިއްސާކޮށްގެން ނުވާނެ މައުލޫމާތާއި ކަންކަން ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދީ، ވަކި ބާވަތެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމަށް މީހަކު އެދުނުކަމުގައި ވިޔަސް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވުމަށާއި އެފަދަ ކަންކަމުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާ ކުދިންގެ އުމުރާގުޅޭގޮތަށް ބުނެދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަކިން ހާއްސަކޮށް، ފުރާވަރު އުމުރުގެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބްލެކްމެއިލް ކުރުމުގެ ކަމެއް ހިނގާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއަށް ރިޕޯޓު ކުރައްވާ: 3034417، 3000600، 9790163

comment ކޮމެންޓް