ޗައިނާއިން ފަޒާގައި ބިނާކުރި ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" މަސައްކަތް މުޅިން ފުރިހަމަ ކުރުމަށްޓަކައި އެސްޓޭޝަނަށް އެސްޓްރޮނޯޓުން ގޮވައިގެން ޖައްވީ މަސައްކަތުގެ ދަތުރެއް ކުރަން އެގައުމުން ނިންމައިފި އެވެ.
ޗައިނާގެ ފަޒާއާބެހޭ އިދާރާ "ޗައިނާ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން" އިންބުނީ މިއީ ތިން މަސްދުވަހުގެ ދަތުރެއްކަމަށާ މިދަތުރުގެ ބޭނުމަކީ ދުނިޔޭގެ ޖައްވުގައި މިހާރު ދަތުރުކުރަމުން ގެންދާ ޗައިނާގެ ޖައްވީ ސްޓޭޝަންގައި ތިބެގެން ފުރިހަމަ ކުރަންޖެހޭ އެކި ކަންކަން ފުރިހަމަ ކުރުމެވެ. މިއީ މިކަންކަން ކުރަން ރާވާފައިވާ ދަތުރުތަކުގެ ތެރެއިން ތިންވަނަ ދަތުރެވެ. މީގެކުރިން އެ ސްޓޭޝަނަށް ދަތުރުތައް ކޮށްފައިވަނީ އެސްޓްރޮނޯޓުން ނުހިމެނޭ ގޮތަށެވެ.
އެސްޓްރޮނޯޓުން ނާއެކު ޗައިނާކުރާ މިދަތުރުގައި އެގައުމުގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" އަށް ތިން އެސްޓްރޮނޯޓުން ދާނެއެވެ. އެތިން އެސްޓްރޮނޯޓުންނަކީވެސް އެސްޓޭޝަންގައި ފަޒާއާބެހޭ ތަހްލީލްތަކާއި ދިރާސާތައް ފުރިހަމައަށް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންޖިނޭރިންގް މަސައްކަތްތަކާއި ލެބޯޓްރީ ފަދަ ތަންތަނުގެ މަސައްކަތާއި އިރުން ހަކަތަ ހޯދުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީންތަކެއް ދީފައިވާ ފަޒާގެ އިންޖިރޭނުންނެވެ.
ޗައިނާގެ ޖައްވީ ސްޓޭޝަންގެ ހުރިހާ މަސައްކަތެއް އަންނައަހަރު ފުރިހަމަކުރާނެ
ޗައިނާގެ ފަޒާއާބެހޭ އިދާރާ އިން ރާވާފައިވާގޮތުން އެގައުމުގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" ގެ ހުރިހާ ބައިތަކެއް މުޅިން ފުރިހަމަކުރުމަށްފަހު ޖައްވީ ދިރާސާތަކުގެ މަސައްކަތް ފެށޭވަރުވަނީ އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ ލަސްވެގެން އަންނަ ހަރުގެ މެދެއްހާ ހިސާބުގައެވެ.
ޗައިނާއަކީ އެއްވެސް އެހެން ގައުމެއްގެ އެހީތެރިކަމާނުލައި އަމިއްލަ ޓެކްނޮލޮޖީގައި ފަޒާގައި ޖައްވީ ސްޓޭޝަނެއް ބިނާކުރި ދެވަނަ ގައުމެވެ. ޖައްވީ ސްޓޭޝަނެއް ފުރަތަމަ ބިނާކުރި ގައުމަކީ ކުރީގެ ސޮވިއެޓް ޔުނިޔަން (ރޫސީވިލާތް) އެވެ. އެއީ މީރު ގެ ނަމުގައި 1986 ވަނަ އަހަރު ސޮވިއެޓް ޔުނިޔަންއިން ބިނާކުރި ސްޓޭޝަނެކެވެ.
ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން ހަލާކުވަނީ
2001 ވަނައަހަރު އެ ސްޓޭޝަން ހަލާކުވުމުން މިހާރުގެ ރަޝިއާއިންވަނީ އެމެރިކާއާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކާ ގުޅިގެން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން ގެ ނަމުގައި ޖައްވީ ސްޓޭޝަނެއް (އައިއެސްއެސް) ބިނާކޮށް 2001 ވަނައަހަރު އެސްޓޭޝަން ބޭނުންކުރަން ފަށާފައެވެ. ނަމަވެސް މިހާރު އެ ސްޓޭޝަން ބައުވެ 2027 ގައި އެސްޓޭޝަން ބޭނުން ނުކުރެވޭވަރުވާނެތީ ރަޝިއާ ވަނީ އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް ފަށާފައެވެ. މިސްޓޭޝަންގެ މަސައްކަތް 2026 ގައި ނިންމުމަށް ރަޝިއާ ވަނީ ޕްލޭންކޮށް ފައެވެ.
އެމެރިކާއަކީ ޖައްވީ ސްޓޭޝަނެއް ނެތް ގައުމެއް
އެމެރިކާއަކީ އެއް ދުވަސްވަރެއްގައިވެސް ޖައްވީ ސްޓޭޝަނެއް ބިނާކޮށްފައިވާ ގައުމެއް ނޫނެވެ. ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް އެސްޓްރޮނޯޓުންނާއި ކާބޯތަކެއްޗާއި ދިރާސާކުރާ ސާމާނު ފޮނުވުމުގައި ކުރިން އެމެރިކާގެ ޖައްވީ އުޅަނދުތައްވެސް ބޭނުންކުރިއެވެ.
ނަމަވެސް އެތަކެތި ބައުވެ ހަލާކުވުމުން ފާއިތުވި ދިހަ އަހަރު ތެރޭގައި ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ކުރާ ހުރިހާ ދަތުރުތަކެއް ކުރަނީ ރަޝިއާގެ ސޮޔޯޒް ރޮކެޓް ބޭނުންކޮށްގެންނެވެ.
އެމެރިކާގައި އެސްޓްރޮނޯޓުން ގޮވައިގެން ޖައްވަށް ދަތުރުކުރާނެ އުޅަނދެއްނެތްތާ ދިހަ އަހަރު
އެމެރިކާގައި އެސްޓްރޮނޯޓުން ގޮވައިގެން ޖައްވަށް ދަތުރުކުރާނެ އުޅަނދެއްނެތްތާ ދިހަ އަހަރުވަނީ ވެފައެވެ. އެންމެފަހުން އެމެރިކާގައި އޮތް ޖައްވީ އުޅަނދުކަމަށްވާ އެޓްލާންޓިސް ގެ އެންމެ ފަހުދަތުރު ކޮށްފައިވަނީ 2011 ވަނައަހަރުގެ ޖުލައިމަހުގައެވެ. އެއަށްފަހު އެއުޅަނދުގެ މުއްދަތު ހަމަވުމުން މިހާރު އަމިއްލަ އުޅަނދެއްގައި އެމެރިކާއަށް ޖައްވަށް އެސްޓްރޮނޯޓަކު ނުފޮނުވޭތާ ވަނީ ދިހައަހަރު ވެފައެވެ.
މިއީ ޗެލެންޖިން ދަތުރެއް
ޗައިނާގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" އަށް ތިން އެސްޓްރޮނޯޓުން ގޮވައިގެން މިހަފްތާގައި ފަށާ މިދަތުރަކީ ފާއިތުވި ފަސް އަހަރުތެރޭގައި އެސްޓްރޮނޯޓުން ގޮވައިގެން ޗައިނާ ފަޒާއަށް ކުރާ ފުރަތަމަ ދަތުރުކަމުން މި ދަތުރަކީ ޗެލެންޖިން ދަތުރެއްކަމަށް ޗައިނާ ދެކެއެވެ. ތިން އެސްޓްރޮނޯޓުންނާއި ބައެއް ސާމާނު ހިފައިގެން ޗައިނާގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" އަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ޗައިނާގެ ބިޔަ ޖައްވީ ރޮކެޓް ކަމަށްވާ ޝެންޒޫ-12 އެވެ.
ޗައިނާގެ ފަޒާގެ ކުރިއެރުމަށް އެމެރިކާއާއި ޔޫރަޕުން ބޮޑެތި ހުރަސްތަކެއް އަޅަމުން ގެންދޭ
މިދަތުރުގައި އެ ތިން އެސްޓްރޮނޯޓުން، ޗައިނާގެ ޖައްވީ ސްޓޭޝަން ގައި ތިން މަސްދުވަސް ހޭދަކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ޗައިނާގެ ކުރިއެރުމަށް ހުރަސްއެޅުމުގެ ގޮތުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތައްވަނީ ފަޒާގެ ރޮނގުގައި ޗައިނާއަށް އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އެންމެ ކުރީއްސުރެވެސް ނިންމާފައެވެ.
މިގޮތުން އެމެރިކާއި ޔޫރަޕްގެ ބޮޑު ތިންބާރާއި ރަޝިއާ ބައިވެރިވެގެން ބިނާކޮށްފައިވާ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުން ދުއިސައްތަ ސާޅީހަށްވުރެ ގިނަ އެސްޓްރޮނޯޓުންނަށް ދަތުރު ކުރުމުގެ ފުރުސަތު ދީފައިވާއިރު ޗައިނާވަނީ މިފުރުސަތުން މަހްރޫމްކޮށްފައެވެ.
ޗައިނާގެ އެސްޓްރޮނޯޓަކަށް ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނުންވެސް ޖާގަ ދީފައެއް ނުވޭ.
ޗައިނާގެ އެންމެ އެސްޓްރޮނޯޓަކަށްވެސް ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ދަތުރު ކުރުމުގެ ފުރުސަތެއް އަދި އޭގައި އިލްމީ ދިރާސާއެއް ކުރުމުގެ ފުރުސަތުވެސް ދީފައެއް ނުވެއެވެ. އެމެރިކާއަކީ ޗައިނާފަދަ އެމެރިކާ އަށް ކުޑަކަކޫ ނުޖަހާ ގައުމުތައް އިލްމާއި ހުނަރާ އަދި ޓެކްނޮލޮޖީން މަހްރޫމްކޮށް ނިއުކްލޮޔާ ޓެކްނޮލޮޖީ މޮނޮޕޮލީ ކުރިގޮތަށް ފަޒާގެ ޓެކްނޮލޮޖީވެސް މޮނޮޕޮލިކޮށް ބައްކުރުމުގެ ބޯދާ ވިސްނުން ގެންގުޅޭ ގައުމެކެވެ. އެމެރިކާގެ ގާނޫނުތައް ބުނާގޮތުން އެމެރިކާގެ ޖައްވީ ދިރާސާތަކާބެހޭ އިދާރާކަމަށްވާ ނާސާ ގުޅޭ އެއްވެސް ކަމެއްގައި އަދި ނާސާ ބައިވެރިވެސްވަ އެއްވެސް އިލްމި ކަމެއްގައި ޗައިނާގެ ރައްޔިތަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.
އެމެރިކާއަކީ ވާދަވެރިން ހޯދާ ސައެންސްގެ ކާމިޔާބުތަކަށް ޖޯކުޖަހައި މަލާމަތްކުރުމުގެ ބޯދާ ވިސްނުން ގެންގުޅޭ ގައުމެއް
އެމެރިކާއަކީ އެގައުމު ފިޔަވައި އެހެން ގައުމަކުން ހޯދާ ސައެންސާއި ޓެކްނޮލޮޖީ އާއި އިލްމީ ކާމިޔާބުތަކާއި ކުރިއެރުންތަކަށް ޖޯކުޖަހައި މަލާމަތް ކުރުމުގެ ބޯދާ ވިސްނުން މިހާރުވެސް އިންތިހާއަށް ގެންގުޅޭ އިސްތިއުމާރީ އަދި ނަސްލީ އިމްތިޔާޒުގެ ވިސްނުމުގެ ގައުމެކެވެ. އެމެރިކާ ކުޑަކަމަކުން ކާމިޔާބު ހޯދިއަސް އެއީ މާބޮޑުކަމެއް ކަމަށް ހަދައިގެން ޕްރޮޕަގެންޑާ ކުރުމުގެ ސިޔާސަތެއް ވެސް އެމެރިކާ ގެންގުޅެއެވެ. ބަލިކަށިވެފައިވާ ކުރީގެ އިސްތިއުމާރީ ބާރުތަކުގެ ގޮތުގައި ހިމެނޭ ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ވިސްނުންވެސް މިއާ ދާދި އެއްގޮތެވެ.
އެމެރިކާއާއި ޔޫރަޕްގެ މި ފިއްތުންތަކާ ގުޅިގެން ޗައިނާ އެގައުމުގެ ފަޒާއާބެހޭ ޕްރޮގްރާމް ތަރައްގީ ކުރަމުން ގެންދަނީ އެމެރިކާ އާއި ޔޫރަޕްގެ އެއްވެސް ބައިވެރިވުމަކާނުލައި އަމިއްލަ ޓެކްނޮލޮޖީގައި ޗައިނާގެ ރައްޔިތުން ބޭނުންކޮށްގެންނެވެ.
ނަމަވެސް ޗައިނާއިންވަނީ އެގައުމުގެ ޖައްވީ ސްޓޭޝަން ގެ މަސައްކަތް ފުރިހަމަވުމުން އެހެން ގައުމުތަކުގެ އެސްޓްރޮނޯޓުންނަށް އެ ސްޓޭޝަނަށް ދިޔުމުގެ ފުރުސަތު ދޭނެކަމަށް ބުނެފައެވެ. އަދި ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ޚާއްސަ ގޮތެއްގައި ފަޒާގެ ސައެންސާއި ރީސާޗް ގެ ދާއިރާގައި އެހީތެރިވާނެކަމަށް ބުނެއެވެ.
ފަޒާގެ ރޮނގުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި ޗައިނާ، އެމެރިކާގެ މައްޗަށްކުރި ހޯދަނީ
އެމެރިކާއަކީ 1958 ވަނައަހަރު ފަޒާއާ ބެހޭ އިދާރާއެއް އުފައްދައިގެން ފަޒާގެ ދިރާސާތައް ފެށި ގައުމެކެވެ. ޗައިނާއިން ފަޒާއާ ބެހޭ އިދާރާއެއް އުފައްދައިގެން ޖައްވާބެހޭ ދިރާސާތައް ކުރަންފެށީގެ 1993 ވަނަ އަހަރު ގެ އެޕްރީލް މަހުގައެވެ. ނަމަވެސް ޗައިނާގެ ފަޒާގެ ޓެކްނޮލޮޖީ މިހާރުވަނީ ގާތްގަނޑަކަށް އެމެރިކާއާ އަރައި އެމެރިކާއާ ފައި ހަމަކޮށްފައެވެ. އެމެރިކާއަށް އަމިއްލައަށް ޖައްވީ ސްޓޭޝަނެއް ބިނާކުރެވިފައިނުވާއިރު ޗައިނާ މިވަނީ ޖައްވީ ސްޓޭޝަނެއްވެސް ބިނާކޮށްފައެވެ.
ޗައިނާގެ ފަޒާއާ ބެހޭ އުޅަނދެއް ދާދިފަހުންވަނީ މާސްއަށްވެސް ތިރިކޮށްފައި
ޗައިނާގެ ފަޒާއާ ބެހޭ އުޅަނދެއް މިދިޔަ މޭ މަހުގެ ތެރޭގައި ވަނީ މާސްއަށްވެސް ކާމިޔާބު ކަމާއެކު ގޮސް މާސްގެ ބިމަށް ތިރިކޮށްފައެވެ. މިއާއެކު ޗައިނާއަށްވަނީ މާސް ގެ ބިމަށް ޖައްވީ އުޅަނދެއް ކާމިޔާބު ކަމާއެކު ތިރިކުރުވި ދެވަނަ ގައުމުގެ މަގާމު ލިބިފައެވެ. މާސް އަށް އެންމެ ފުރަތަމަ އުޅަނދެއް ފޮނުވީ އެމެރިކާއިންނެވެ.