ހަތް ލައްކަ ރުފިޔާއިން އަތޮޅުތެރޭގައި ރަނގަޅު ބޯހިޔާކަމެއް އެޅޭނެ: އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި މަރާމާތު ކުރުމަށް ހާއްސަ ގެދޮރުވެރިޔާ ލޯނުން އަތޮޅުތެރޭގައި އެކަށީގެންވާ ފެންވަރެއްގެ ބޯހިޔާވަހިކަމެއް އެޅޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަލަށް ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯއްޗެއްގައި އަލަށް ތަނެއް އިމާރާތް ކުރަން ނުވަތަ ހުރި އިމާރާތް މަރާމާތު ކުރުމަށް ނުވަތަ ނުނިމި ހުރި މަސައްކަތެއް ނިންމުމަށާއި ހުރި އިމާރާތަށް ބައެއް އިތުރު ކުރުމަށެވެ.

ސްކީމްގެ ތަފްސީލު:

  • ގިނަވެގެން ނެގޭނީ 700،000 ރުފިޔާ
  • އަނބުރާ ދައްކަން ދީފައިވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް
  • އިންޓްރެސްޓް ރޭޓް: ހަ ޕަސެންޓް
  • ލޯނުގެ މޯގޭޖަކަށް ނަގާނީ އިމާރާތް ކުރެވޭ ތަން އެކަނި
  • އިމާރާތްކުރަން ދޭ ގްރޭސް ޕީރިއަޑް: 12 - 15 މަސް
    ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ހިމެނެންވާނެ

މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 ޕަސެންޓަށްވާ ފައިސާ އެވެ. އަދި ބާކީ 20 ޕަސެންޓަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެކެވެ. އެ 20 ޕަސެންޓަކީ މަޝްރޫއުއަށް ކޮށްފައިވާ ހަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ އިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެ އެވެ.

ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހު ކުރުމަށް އޮންލައިންކޮށް ބޭއްވި އިވެންޓުގައި އަސްލަމް ވިދާޅުވީ މި ލޯނު ސްކީމުގެ ދަށުން އަތޮޅުތެރޭގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ގެދޮރު އިމާރާތްކޮށް، ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ބޯހިޔާވަހިކަން ބިނާކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ފަސޭހަގޮތުގައި ލިބެން ނެތުމެވެ. ރާއްޖޭގެ ބޭންކުތަކުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނުތަކަކީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ލޯނުތަކެއްކަަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި އިމާރާތްކުރެވޭ ގެދޮރަކީ އޭގެ ކޮމާޝަލް ވެލިއު، މާލެއާ އާޅާބަލާ އިރު ވަރަށް ބޮޑުތަނުން ވެސް ކުޑަ ތަންތަން ކަމަށާއި އެހެންކަމުން އިމާރާތް ކުރުމަށް ހޯދާ ލޯނަކީ އަތް ފޯރާ ފަށުގައި އޭގެ ހަމަ އަގުގައި ލިބޭ ލޯނަކަށް ވުން މުހިންމު ކަމަށެވެ.

ގެދޮރުވެރިޔާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯނު ދޫކުރާނީ 700،000 ރުފިޔާއާ ހަމައަށެވެ.

"އަޅުގަނޑުމެން ގަބުލުކުރާ ގޮތުގައި، މީހަކު އެމީހަކު ދިރިއުޅޭނެ ގެ އިމާރަތް ކުރުމަށްޓަކައި އަތޮޅުތެރޭފައި ފަސް ލައްކަ ރުފިޔާ އާއި ހަތް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ބޯހިޔާވަހިޔާވަހިކަމެއް، ރަނގަޅު ފެންވަރެއްގެ ބޯހިޔާވަހިކަމެއް ލިބިގަނެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ލޯނުގެ ޝަރުތުތައް:

  • ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮތުން
  • ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައި ވުން
  • ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ ތިން އަހަރު ވެފައިވުން

ލޯނު ދިނުމުގައި އިސްކަންދެވޭނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށެވެ.

މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީއިންނެވެ. އެހެން ނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.

ގެދޮރުވެރިޔާ ލޯން ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅާނެ ތާރީހާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި އިތުރު މައުލޫމާތު އެޗްޑީއެފްސީ މެދުވެރިކޮށް ފަހުން އިއުލާނު ކުރާނެ އެވެ.

comment ކޮމެންޓް