ގެދޮރުވެރިޔާ ލޯނުގެ މަގުސަދަކީ މާލެއަށް ހިޖުރަކުރުމުގެ ޝައުގު ކުޑަކުރުން: އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި މަރާމާތު ކުރުމަށް ހާއްސަކޮށްގެން ރޭ ތައާރަފުކުރި ގެދޮރުވެރިޔާ ލޯން ސްކީމުގެ މަގުސަދަކީ އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް ހިޖުރަކުރުމުގެ ޝައުގުވެރިކަން ކުޑަކުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

އަލަށް ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯއްޗެއްގައި އަލަށް ތަނެއް އިމާރާތް ކުރަން ނުވަތަ ހުރި އިމާރާތް މަރާމާތު ކުރުމަށް ނުވަތަ ނުނިމިހުރި މަސައްކަތެއް ނިންމުމަށާއި ހުރި އިމާރާތަށް ބައެއް އިތުރު ކުރުމަށެވެ.

ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހު ކުރުމަށް އޮންލައިންކޮށް ބޭއްވި އިވެންޓުގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ އަތޮޅުތެރޭގައި ނަމަވެސް، އަތޮޅުތަކުން މާލެއަށް ހިޖުރާކުރާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ.

އަތޮޅުތެރެއިން ގިނަ ބަޔަކު މާލެއަށް ހިޖުރަކުރުމުގެ ސަބަބުން މާލޭގެ އާބާދީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތަށް އެކަން ދިމާވާ ސަބަބުތައް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ ތެރޭގައި ވަޒީފާގެ ފުރުސަތު ނުލިބުމާއި، ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހަނިވުމާއި، ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ނުލިބުމާއި ބޯހިޔާވަހިކަން ވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މި ތައާރަފުކުރާ ލޯނު ސްކީމުގެ އަމާޒަކީ އަތޮޅުތެރޭގެ ރައްޔިތުން އެމީހަކު ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ ދިރިުޅުމަށް އިހްތިޔާރު ކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ބޯހިޔާވަހިކަން ބިނާކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ފަސޭހަގޮތުގައި ލިބެން ނެތުމެވެ. ރާއްޖޭގެ ބޭންކުތަކުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނުތަކަކީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ލޯނުތަކެއްކަަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި އިމާރާތްކުރެވޭ ގެދޮރަކީ އޭގެ ކޮމާޝަލް ވެލިއު، މާލެއާ އާޅާބަލާ އިރު ވަރަށް ބޮޑުތަނުން ވެސް ކުޑަ ތަންތަން ކަމަށާއި އެހެންކަމުން އިމާރާތް ކުރުމަށް ހޯދާ ލޯނަކީ އަތް ފޯރާ ފަށުގައި އޭގެ ހަމަ އަގުގައި ލިބޭ ލޯނަކަށް ވުން މުހިންމު ކަމަށެވެ.

އަދި މިހާރު ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓުތައް ބޮޑުތަނުން ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މި ފަށާ ސްކީމު ހާއްސަވެގެން ދަނީ އަތޮޅުތަކުގެ ރައްޔިތުން އަތޮޅުތަކުގައި ދިރިއުޅެ، އެތަންތަން އާބާދުވެ ކުރިއަރައި ގޮސް މާލެއަށް ހިޖުރަކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަކުރުމަށް ކުރެވޭ ކަމަކަށް ވާތީ، މިއަދު އަޅުގަނޑުމެން މި ފަށާ ހައުސިން ލޯނު ސްކީމުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއީ މިހާރު އާންމުކޮށް ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓަރެސްޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ މިންވަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީއިންނެވެ. އެހެން ނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.

ގެދޮރުވެރިޔާ ލޯން ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅާނެ ތާރީހާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި އިތުރު މައުލޫމާތު އެޗްޑީއެފްސީ މެދުވެރިކޮށް ފަހުން އިއުލާނު ކުރާނެ އެވެ.

comment ކޮމެންޓް