ސެލޫންތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ސެލޫންތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރެއްވުން --

މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ސެލޫންތައް ހިންގާ ފަރާތްތަކުން ވަނީ ބަލިމަޑުކަމުގެ މިހާލަތުގައި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސެލޫންތައް ހިންގުމަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހިއްސާ ކުރައްވައިފަ އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭއިރު، ސެލޫންތަކަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ރިއާޔަތްކޮށް އެކަންތައްތަކަށް ވިސްނައިގެން ލުއިދިނުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް، ސެލޫންތަކުގެ ވެރިންނަށް ރައީސް ޔަގީންކަން ދެއްވި ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާ ބޯކޮށާ ތަންތަނާއި ސެލޫންތައް ބަންދުކުރަން އެޗްޕީއޭ އިން އެންގީ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާރު މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުންނަ އިރު ހާއްސަ ހުއްދަ އެއް ބޭނުންވުމާއި، ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގުން ހިމެނެ އެވެ.

comment ކޮމެންޓް