ޔޫރޯ 2020: ސްވިޑަންއިން ވަރުގަދަ ސްޕެއިން ހިފަހައްޓައިފި

ސްޕެއިނާއި ސްވިޑަން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ލައިވްސްކޯ

ޔޫއެފާ ޔޫރޯގައި ރޭ ކުޅުނު މެޗުގައި ސްވިޑަނުން މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ ސްޕެއިން ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފި އެވެ.

ސްޕެއިންގެ ސެވިލްގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ގައުމަކަށް ގޯލެއް ނުޖެހި 0-0ގެ ނަތީޖާއަކުންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްޕެއިން އެންމެ ފަހުން ލަނޑެއް ނުޖެހި މެޗަކުން އެއްވަރުވެގެން މުބާރާތް ފެށީ 1980 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތް ހޯސްޓްކުރި އިޓަލީއާ ދެކޮޅަށް ސްޕެއިން ވީ އެއްވަރެވެ.

އަނިޔާގެ ސަބަބުން ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ނުލައި ކުޅުނު އެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބާސެލޯނާއަށް ކުޅެމުން އަންނަ ޖޯޑީ އަލްބާއެވެ. އެ މެޗުގައި ޑެބިއުޓް ކުރި ޕެޑްރީ ވަނީ ސްޕެއިނުގެ ތާރީހުގައި ވެސް އެންމެ ޒުވާން އުމުރުގައި ޔޫރޯގައި ކުޅުނު ކުޅުންތެރިއާއަށް ވެފަ އެވެ.

ރޭގެ މެޗު ފަށައިގެން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނޫ ސްޕެއިނުންނެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް އެ ޓީމުން ވަނީ 419 ޕާސް ފުރިހަމަކޮށްފަ އެވެ. މިއީ ޔޫރޯ މެޗެއްގެ 45 މިނިޓްގެ ހާފެއްގެ ތެރޭގައި ޕާސް ފުރިހަމަ ކުރުމުގެ ރެކޯޑެެކެވެ.

އެ ހާފުގައު ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ސްޕެއިނަށް ލިބުނު އިރު އެނެމް ރަނގަޅު ފުރުސަތުތަކެއް މުޅި މެޗުގައި ވެސް ލިބުނީ އަލްވާރޯ މޮރާޓާއަށެވެ. އެހެން ނަމަވެސް މޮރާޓާ ހުސްކޮށް ހުރެ ފޮނުވާލި ދެހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ސްވިޑެން އަށް ލީޑުނަގަން ލިބުނު ފުރުސަތު ނަގާލީ މާކަސް ބާގް އެވެ. މެޗުގެ 60 ވަނަ މިނިޓްގައި އޭރިއާތެރެއިން އީސާކް ނަގައިދިން ހުރަހަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ބާގް ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

މެޗުގެ ފަހު މިނިޓްގައި އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެފައި މޮރޭނޯ ބޮލުން ޖެހި ބޯޅަ ކީޕަރު އޮލްސަން ވަނީ މަތަކޮށްފަ އެވެ. ފަހުން ސަރާބިއާ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުވެ ދިއުމުން ފުރުސަތު ގެއްލުނީ އެވެ.

comment ކޮމެންޓް