އިންޑިއާގެ އެހީ ލިބެނީ އަޅުވެތިކަމާ އެކީއެއް ނޫން: ފައްޔާޒް

ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް އަންނަނީ އަޅުވެތިކަމާ އެކު ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ސައްތައިން ސައްތަ ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ފުރުސަތު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި އިސްލާހަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އިކޮނޮމިކް މިނިސްޓްރީއާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި މިއީ އިންޑިއާގެ ކުންފުންޏަކަށް ހަނިމާދޫ އެއާޕޯޓު ދިނުމަށް ގެނައި ބަދަލެކެވެ. މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެއާޕޯޓެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ވިސްނުން ގެންގުޅޭތޯ ސުވާލުކޮށްފަ އެވެ.

ފައްޔާޒް މިރޭ ވިދާޅުވީ، އިންޑިއާ ނުވަތަ އެހެން ގައުމެއްގެ ވެސް ކުންފުންޏަކަށް ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ދޭން ނޫޅޭ ކަމަށެވެ. މިނިސްޓަރު ވަނީ އިންޑިއާ އިން ރާއްޖެއަށް އެހީވަނީ ރާއްޖެ އަޅުވެތި ކުރުމަށް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ފެން ތަށްޓެއް ބޯލިޔަސް އިންޑިއާ އާ ގުޅުވަން އުޅެނީ އެހެން ގޮތެއް ނެތީމަ. ދައްކާނެ އެހެން ވާހަކައެއް ނެތީމަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮންނަ ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ބޮޑެތި އެހީތައް ލިބެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެއީ އަޅުވެތި ކަމާއެކު އަންނަ ކަންކަން ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، އަދި ޑިމޮކްރެޓިކް ދެ ގައުމުގެ ގޮތުގައި އުފެދޭ ގުޅުންތަކުގެ ގޮތުގައި ލިބޭ އެހީ ކަމަށެވެ.

"އަދި އެބޭފުޅުންގެ [އިންޑިއާގެ] ސްޓްރެޓީޖިކް އިންޓްރެސްޓް އެބަހުރި އެބޭފުޅުންގެ ދުޝްމަނުން މިތާ ތެރޭގައި ބާރުގަދަ ނުވުން. އަޅުގަނޑު ދެކޭގޮތުގައި. އެ ހުރިހާ ކަމަކާ ވެސް އެއްކޮށް އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް އެހީތެރިވެގެން އެ ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ އެހީ ދިނުމުގައި އިންޑިއާގެ ސްޓްރެޓީޖިކް ޝައުގުވެރިކަން ރާއްޖެއަށް ހުރިކަމަށް ސަރުކާރުން ބުނި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ދުޝްމަނުންގެ ބާރު މި ސަރަހައްދުގައި ގަދަވިޔަ ނުދިނުމުގެ ޝައުގު އިންޑިއާ އިން ހުރިކަމަށް މިނިސްޓަރު އެއްބަސްވެވަޑައިގެންނެވި އިރު، އިންޑިއާ އާއި އެންމެ ކޯޅުން ބޮޑު ގައުމަކީ ޗައިނާ އެވެ.

ޗައިނާ އިން ވަނީ ކުރީ ސަރުކާރުގައި ރާއްޖޭގައި ވަރުގަދަ މަޝްރޫއުތަކެއް ހިންގައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ ގުޅުން ބަދަހިކުރުމުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރި އެވެ.

އިންޑިއާ އާއި ޗައިނާގެ ކޯޅުމުގެ ނިވާފަތްގަނޑަކަށް ރާއްޖެ ވެފައިވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

އިންޑިއާއިން ރާއްޖެ އަޅުވެތިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑު އަނެއްކާ ވެސް ގަދަވެފައި މިވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި އިސްލާހާ އެކު އެވެ. ނަމަވެސް އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް އަޅަން އިންޑިއާއިން ނިންމުމާ ގުޅިގެންނާއި އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ހެލިކޮޕްޓަރުތަކުގެ މައްސަލައިގައި ވެސް އަބަދުވެސް ކަންބޮޑުވުން އޮވެ އެވެ.

ހަމައެއާއެކު، މި ސަރުކާރުން މާބޮޑަށް އިންޑިއާއަށް ބަރޯސާވުމަކީ އެގައުމުގެ އަޅުވެތިކަމަށް ދާންޖެހިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް