ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ގެދޮރުވެރިޔާ ލޯނު ތައާރަފުކޮށްފި

ގެދޮރުވެރިޔާ ލޯނު ތައާރަފުކުރަން ބޭއްވި ވާޗުއަލް އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި މަރާމާތު ކުރުމަށް ހާއްސަ ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހުކޮށްފި އެވެ.

ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހު ކުރުމަށް އޮންލައިންކޮށް ބޭއްވި އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިއީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދިގު މުއްދަތަކުން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ފަރުމާކޮށްފައިވާ ލޯން ސްކީމެއް ކަމަށެވެ.

"މި ލޯން ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެ," ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ދޫކުރާ ލޯން ސްކީމެއް ކަމަށާއި މީގެ އިތުރުން މާލެ ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތައް ގެދޮރުވެރިކުރުމުގެ މަޝްރޫއުވެސް ކުރިއަށްދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އަލަށް ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯއްޗެއްގައި އަލަށް ތަނެއް އިމާރާތް ކުރަން ނުވަތަ ހުރި އިމާރާތް މަރާމާތު ކުރުމަށް ނުވަތަ ނުނިމިހުރި މަސައްކަތެއް ނިންމުމަށާއި ހުރި އިމާރާތަށް ބައެއް އިތުރު ކުރުމަށެވެ.

ސްކީމްގެ ތަފްސީލު:

  • ގިނަވެގެން ނެގޭނީ 700،000 ރުފިޔާ
  • އަނބުރާ ދައްކަން ދީފައިވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް
  • އިންޓްރެސްޓް ރޭޓް: ހަ ޕަސެންޓް
  • ލޯނުގެ މޯގޭޖަކަށް ނަގާނީ އިމާރާތް ކުރެވޭ ތަން އެކަނި
  • އިމާރާތްކުރަން ދޭ ގްރޭސް ޕީރިއަޑް: 12 - 15 މަސް
  • ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ހިމެނެންވާނެ

މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 ޕަސެންޓަށްވާ ފައިސާ އެވެ. އަދި ބާކީ 20 ޕަސެންޓަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެކެވެ. އެ 20 ޕަސެންޓަކީ މަޝްރޫއުއަށް ކޮށްފައިވާ ހަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ އިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެ އެވެ.

ގެދޮރުވެރިޔާ ލޯނުގެ ޝަރުތުތައް:

  • ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮތުން
  • ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައި ވުން
  • ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ ތިން އަހަރު ވެފައިވުން

ލޯނު ދިނުމުގައި އިސްކަންދެވޭނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށެވެ.

މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީއިންނެވެ. އެހެން ނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.

ގެދޮރުވެރިޔާ ލޯން ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅާނެ ތާރީހާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި އިތުރު މައުލޫމާތު އެޗްޑީއެފްސީ މެދުވެރިކޮށް ފަހުން އިއުލާނު ކުރާނެ އެވެ.

comment ކޮމެންޓް