އެއްވެސް އެއާޕޯޓެއް ޕްރައިވަޓައިޒްކުރުމުގެ ވިސްނުމެއް ނެތް: ފައްޔާޒު

(އައިއެލްއޯ)އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން

ސަރުކާރުން އޮޕަރޭޓު ކުރަމުންދާ އެއްވެސް އެއާޕޯޓެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސައްތައިން ސައްތަ ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ފުރުސަތު ލިބޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި އިސްލާހަކާ ގުޅިގެން ގިނަ ބަޔަކު ދިޔައީ އިކޮނޮމިކް މިނިސްޓްރީއާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް މިރޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ އިސްލާހަކީ އިހު އޮތް ގޮތަށް ފޮރިން އިންވެސްޓްމެންޓް ޕޮލިސީ އިޔާދަކުރުމެއް ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ސަރުކާރުގައިވެސް އެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުގެ ގޮތުގައި 100 ޕަސަންޓު ހިއްސާ އޮތް ބޭރު ކުންފުނިތަކަށް އެއާޕޯޓު ހިންގަން ދީޛައި ހުރިކަމަށާއި ނަމަވެސް އެ ސިޔާސަތު ކަރުދާހުގައި ލިޔެ, އެއާޕޯޓެއްގައި ބޭރުގެ ހިއްސާ އޮންނާނީ 75 ޕަސަންޓަށް ކަމަށް ކުޑަކޮށް ލިޔުނީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަރުކާރުން މިހާރު އަޅަން ރާވާފައިވާ ބައެއް އެއާޕޯޓުތަކަށް އިންވެސްޓަރުން ހޯދާ އިރު އެތަނުގެ 100 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ބޭއްވުމަށް ބައެއް އިންވެސްޓަރުން އެދެމުން ގެންދާތީ, ހިއްސާގެ ނިސްބަތް އިހު އޮތް ގޮތަށް އިޔާދަކުރީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ހިންގަމުންދާ އެއްވެސް އެއާޕޯޓެއްގެ އެންމެ ހިއްސާއެއް އެއްވެސް ޕްރައިވެޓް ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އެއްވެސް އެއާޕޯޓެއް އިންޑިއާއެއް ވިޔަސް، އެހެން ސަރުކާރަކަށްވެސް ޕްރައިވެޓް ކުންފުންޏަކަށްވެސް މި ސަރުކާރުން އޮޕަރޭޓު ކުރަމުންދާ އެއާޕޯޓެއް ދިނުމުގެ ވިސްނުމެއް ނެތް... އިތުރަށް ވަރުގަދަކޮށް ބުނާނަމަ، މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ އިންޑިއާއަށް ނޫނީ އެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް ނެތޭ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިވަގުތު ގިނަ އެއާޕޯޓުތައް ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި އެހެން ނަމަވެސް އެތަންތަން ވެސް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގެއްލުމުގައި ގިނަ އެއާޕޯޓުތައް ހިންގަމުން މިދަނީ، އެތަންތަން ވެސް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް. އަލަށް އަޅުގަނޑުމެން ހަދާ އެއާޕޯޓުތައް ހެދުމަށް ޓެންޑަރަށް ހުޅުވާލައިގެން ބޭރު ފަރާތްތަކުން އެބައޮތް އެތަންތަން ޑިވެލޮޕް ކުރުމުގެ އިންޓްރެސްޓް ދީފައި. ހާއްސަކޮށް އެކަމަށް ހުށަހަޅާފައިވަނީ ރާއްޖޭގައި މިހާރުވެސް އުޅޭ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާގައި އޮޕަރޭޓްކުރާ ބައެއް ބޭފުޅުން," މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓު ޕޮލިސީއަށް ގެނައި އިސްލާހާ ގުޅިގެން ރާއްޖޭގައި އެއާޕޯޓުތައް ފަސް މިލިއަން ޑޮލަރަށް ވިއްކާލަން ސަރުކާރުން އުޅޭކަމަށް ބުނާ ވާހަކަތަކަށް ވެސް މިނިސްޓަރު ވަނީ ރައްދު ދެއްވާފަ އެވެ.

އެފްޑީއައި ޕޮލިސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ބުނޭ ފަސް މިލިއަން ޑޮލަރަށް އެއާޕޯޓު ވިއްކާލަނީއޭ. ނޫން، މި ކަންކަން އޮންނަ ގޮތް ބައްލަވާލެއްވީމަ ރަނގަޅުވާނެ. ފަސް މިލިއަން ޑޮލަރަކީ އެންމެ ކުޑަކޮށް ބޭރު މީހަކަށް އިންވެސްޓް ކުރެވޭނެ ވަރު. ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރީމަ 70 ޕަސެންޓް ހިއްސާއެއް ނޯންނާނެ. ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރީމަ އެ ވެދާނެ ފަސް ޕަސެންޓް ހިއްސާ ކަމަށްވެސް. އެންމެ ދަށްކޮށް ކުރަން ޖެހޭނީ ފަސް މިލިއަން ޑޮލަރު. އެއަށް ވާވަރުގެ ހިއްސާއެއް ލިބޭނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެފްޑީއައި ޕޮލިސީ އަށް ސަރުކާރުން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށް ވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެއެވެ.

އެފްޑީއައި ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ފަރާތްތަކަށް ކުރެވޭ ގޮތަށް އޮތް އޮތުމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ގެނެސްފައިވާ އިސްލާހުގައި، އެއާޓްރެފިކް އޮޕަރެޝަން އަމިއްލަ ބަޔަކަށް ދޭނެ ވާހަކަ ނޯންނާނެ ކަމަށާއި އޮޅުން އަރާތީ އިސްލާހުގެ އިބާރާތް ބަދަލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް