ނަތީޖާ މުހިއްމު، ކުޅުމުގެ ސްޓައިލަށް ގެނައި ބަދަލަށް ތައުރީފް ހައްގު: ކޫޕްމަން

ގައުމީ ޓީމުގެ ޕްރެސްކޮންފަރެންސް --- ފޮޓޯ// އެފްއޭއެމް

ދިވެހި ސަޕޯޓަރުންނަށްޓަކައި ކުރިއަށް އޮތް މެޗުން މޮޅުވުން މުހިއްމު ކަމަށާއި، އަދި އެއާ އެކު އުނދަގޫ ހާލަތެއްގައި ވެސް ކުރި ފަރިތަކުރުންތަކާ އެކު ޓީމުގެ ކުޅުމުގެ ސްޓައިލަށް ގެނައި ބަދަލަށް ތައުރީފް ހައްގު ކަމަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ސެންޓްރަލައިޒްކޮށްގެން މިހާރު ދުބާއީގައި ކުރިއަށްދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ރާއްޖެ ވަނީ މިހާތަނަށް ކައިރި ކައިރީގައި ދެ މެޗެއް ކުޅެ، ބަލިވފަ އެވެ. އެއީ މި މަހު ހަތަރު ވަނަ ދުވަހު 4-0 އިން ސީރިއާ އަތުން ބަލިވި މެޗާއި 11 ވަަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވި މެޗެވެ.

މިހާތަނަށް ރާއްޖެ ކޮލިފައިންގައި ކުޅުނު ހަތް މެޗުން ހަ ޕޮއިންޓް ހޯދައިގެން އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. މި ގްރޫޕް އެއް ވަނައިގައި ސީރިއާ އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ޗައިނާ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ތިން ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހުރިހާ މެޗެއް ނިމުނުއިރު ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗު މާދަމާ ރޭ ފިލިޕީނާ ދެކޮޅަށް ކުޅޭ އިރު، އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނީ، މިއީ ފަހު މެޗު ކަމަށްވެފައި ކޮލިފައިން ނިންމާލަން ބޭނުންވަނީ މޮޅަކުން ކަމަށާއި، ދިވެހި ސަޕޯޓަރުންގެ ހައްގުގައި މި މޮޅު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެެވެ.

"އަހަރެން އުންމީދަކީ ސަޕޯޓަރުންނަށްޓަކައި މި މެޗުން މޮޅުވުން. އަދި އެއާ އެކު ކުރީ މެޗުގައި ޗައިނާ އަތުން ބަލިވި ނަމަވެސް، ކުރީ ފަހަރު ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ކިޔާލައިފި ނަމަ ކުޅުމުގެ ސްޓައިލަށް އައި ބަދަލުތައް ފެންނާނެ. އެކަމަށް ޓީމުގެ ކުޅުންތެރިންނަށް ތައުރީފް ހައްގު،" ކޫޕްމަން ބުންޏެވެ.

އޭނާ ހަވާލުވި ފަހުން މި ފަހަރުގެ ކޮލިފައިން ތެރޭގައި ޓީމު ދަސްކުރަން ލިބުނު ވަގުތުގައި ފެނުނު ކަންކަމަށް ބަލާއިރު، ކުޅުންތެރިންގެ ގުޅުން ބަދަހިކަން ފެނިއްޖެ ކަމަށާއި މަހެއްހާ ދުވަހު ހޮޓަލެއްގައި މި ގޮތަށް ތިބެފައި މެޗުތަކެއް ކުޅުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ގައުމީ ޓީމުން މިހާތަނަށް ވަނީ ފިލިޕީންސާ ދެކޮޅަށް ހަތަރު މެޗު ކުޅެ އެއް މެޗުން މޮޅުވެފަ އެވެ. ރާއްޖެ މޮޅުވީ 2009 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 3-2 އިންނެވެ.

comment ކޮމެންޓް