ކުޑަކުދިންގެ ހިޔާގައި ޖިންސީ ގޯނާ ލިބުނު ކުއްޖާ ބަލަހައްޓާ ގޮތް އިތުރަށް ހަރުދަނާކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުންދާ ކުއްޖަކު ގްރޫމުކޮށް، ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުއްޖާ ބަލަހައްޓަމުންދާ ގޮތް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފި އެވެ.

މި މައްސަލައިގައި އެ ކުއްޖާ ގްރޫމްކޮށް، ކުޑަކުދިންގެ ހިޔާއިން ބޭރަށް ގެންގޮސް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 25 އަހަރުގެ ދިވެހި ފިރިހެނެއް މި މަހުގެ 12ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ވަނީ ޖަހައިދީފަ އެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނީ މިފަދަ ހާލަތްތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ ނަފްސާނީ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެކުދިންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެކަމާ ގުޅުންހުރި ހިދުމަތްތައް ދޭފަރާތްތަކާ ގުޅިގެން ކުއްޖާއަށް ބޭނުންވާ ހިދުމަތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ސާވިސްއިން ބުނެ އެވެ.

ހަމައެއާއެކު އެކުދިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ކުދިންގެ ނަފްސާނީ ހާލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ، އެ މަސައްކަތްތަކަށް ހީނަރުކަން އަންނަ ކަމެއް ކަމަށާއި އެހެންކަމުން ކުދިންގެ މައުލޫމާތު ނުވަތަ ކުދިންނަށް އަމާޒުވާ ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް އެ ސާވިސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ، ޖިންސީ ގޯނާ ލިބުނު ކަމަށް ބެލެވޭ ކުއްޖާ ފެނިފައި ވަނީ އެމީހާގެ ކޮޓަރިން ކަމަށެވެ. އަދި ކުއްޖާއާ އެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ހަމައެއާ އެކު އެކުއްޖާއަށް އެ ފިރިހެން މީހާ ކަންތައްތަކެއް ކޮށްދޭ ކަމަށާއި ކުއްޖާ ގްރޫމް ކުރުމަށް މަސައްކަތް ކުރާކަމަށް ބެލެވޭ ފަދަ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ކޯޓުގައި އޭނާ ބުނެފައި ވަނީ، އެކުއްޖާއަކީ ކުޑަ ކުއްޖެއްކަން އެނގޭ ކަމަށާއި ކުއްޖާއާމެދު ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކުއްޖާއަކީ ހިޔާއިން ނުކުމެގެން އެހެން ތަންތަނަށް ދާ ކުއްޖެއް ކަމަށާއި ހިޔާގެ މުވައްޒަފުންނަށް ވެސް އެކަންކަން އެނގޭނެ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑު އޮވެ އެވެ.

comment ކޮމެންޓް