އުމުރުން 18 އަހަރުވުމުގެ ކުރިން ކުރާ ކުށްތައް މީޑިއާގައި ރިޕޯޓު ނުކުރެވޭގޮތަށް އުސޫލު ހަދައިފި

ކުޑަކުދިންތަކެއް: އުމުރުން 18 އަހަރުވުމުގެ ކުރިން މީހަކު ކުރާ ކުށެއްގެ މައުލޫމާތު ހާމަ ނުކުރެވޭނެ--

އުމުރުން 18 އަހަރުވުމުގެ ކުރިން މީހަކު ކޮށްފައިވާ ކުށެއް މީޑިއާގައި ރިޕޯޓު ނުކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އުސޫލެއް އެކުލަވާލައި, މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

އެމްއެމްސީން މިއަދު ވަނީ, "ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު" ގެޒެޓްކޮށްފައެވެ.

އެ އުސޫލުގެ މަގްސަދަކީ, އެފަދަ މައްސަލަތަކުގައި މީޑިއާތަކުން އަމަލުކުރަން ޖެހޭ ހަމަތައް ވަކި އުސޫލެއްގެ ދަށުން ކަނޑައެޅިފައި އޮތުން ކަމަށް އެ އުސޫލުގައި ބުނެ އެވެ. އަދި އެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް މީޑިއާގައި ޝާއިއުކުރާ ކޮންޓެންޓުގެ މައްސަލަތައް ބަލައި ފިޔަވަަޅު އެޅުން ކަމަށްވެސް އުސޫލުގައި ބުނެ އެވެ.

ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުޅޫމާތު މީޑިއާތަކުން ހާމަކުރާއިރު, މީހަކު 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވާތަ އެނޫންވެސް ވަސީލަތެއްގައިވެސް ހާމަކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ބުނެ އެވެ.

އުސޫލު ބުނާ ގޮތުން, ކުޑަކުއްޖަކަށް ކުށެއްގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމްުގެ އެންމެހައި މަރުހަލާއެއްގައިވެސް އަދި އެއަށްފަހުވެސް ކުއްޖާގެ ޒާތީ މައުލޫމާތު މީޑިއާތަކުން ހާމަ ކުރުމަކީ މަނާކަމެކެވެ.

އެގޮތުން ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާތަކުން ޝާއިއުކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ބުނެއެވެ.

އޭގެ އިތުރުން ކުއްޖާއަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށްވެސް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ މައުލޫމާތެއް ހާމަ ކުރުމަކީވެސް މަނާކަމެއް ކަމަށް އުސޫލުގައި ބުނެ އެވެ.

އުސޫލުގައި އެހެން އޮތް ނަމަވެސް, މިހާރުވެސް ހުރި ގާނޫނުތަކުން ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަނާކަމެވެެ.

ކުށުގެ ތުހުމަތުވާ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަ ނުކެރެވޭނެ ކަމަށް އުސޫލުގައި އޮތް ނަމަވެސް, ކުއްޖާގެ މަސްލަހަތަށްޓަކައި ކަނޑައެޅިފައިވާ ހާލަތްތަކުގައި ލިޔުމުން ރިކޯޑުކުރެވި ސަބަބުތަކަށްޓަކައި ކޯޓުން ހުއްދަ ކުރާ މިންވަރަށް މިޑީއާތަކުން މައުލޫމާތު ހާމަކުރަން ހުރަހެއް ނެތް ކަމަަށް އުސޫލުގައި ބުނެ އެވެ.

އެ އުސޫލާ ހިލާފަށް މިޑިއާތަކުން ކޮންޓެންޓް އާންމުކޮށްގެން އެމްއެމްސީގެ ސަމާލުކަމަށް ގެނައުމުން, އެ މައްސަލައެއް ބަލާ ނިމެންދެން އެ ކޮންޓެންޓެއް ނެގުމަށް ނުވަތަ ނުފެންނަ ގޮތް ހެދުމަށް އެންގުމުގެ އިހްތިޔާރު އެ އުސޫލުގެ ދަށުން އެމްއެމްސީއަށް ލިބިގެންވެއެވެ.

އޭގެ އިތުރުން އުސޫލާ ހިލާފުވެއްޖެނަމަ, އެމްއެމްސީގެ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

މިފަދަ މައްސަލަތަކުގައި މިޑީއާގެ ދައުރުވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުށްކުރުމަށް ކުޑަކުދިން ރައްކާތެރިކުމަށް ދުރެހިލިވުމަށާއި ތުހުުމަތުވާ ކުޑަކުދިން ހައްގުތައް ރައްކާތެރިކުރުމުގައި އަދި ކުށުގެ ތުހުމަތުވާ ކުއްޖާ މުޖުތަމައުއަށް ހެޔެގޮތުގައި އަހުރުވެރިކުރުމަށް މީޑިއާތަކުން މަސައްކަތް ކުރަން ވާނެ ކަމަށް އުސޫލުގައި ބުނެ އެވެ.

އޭގެ އިތުރުން ކުށުގެ ތުހުމަތުވާ ކުޑަކުދިންގެ މައްސަލަތައް ރިޕޯޓުކުރާއިރު, ވަކިފަރާތަކަށް ނުޖެހި, ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ. އަދި ކުއްޖާގެ މަސްލަހަތައް އިސްކަންދީ, ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަންވާނެ ކަމަށްވެސް އުސުލުގައި ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް