މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިބި 15 މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި މިސްކިތުގައި ތިބި ބައެއް -- ފޮޓޯ/ ސޯޝަލް މީޑިއާ

މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ، ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށެވެ. އަދި ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ 15 މީހުން ހައްޔަރުކޮށްފައި ވަނީ ރޭގަ އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތް މީހަކު ރިމާންޑް ސެންޓަރެއްގައި 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެން ހައްޔަރު ކުރި އަށް މީހުން ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކަމުގެ ޝަކުވާ މިސްކިތްތަކުގެ އިމާމުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިސްކިތު ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް ނާޗަރަންގީ ކުޅުމަކީ ކޮންމެ ދުވަހަކު ހިނގާ ކަންކަން ކަމަށް އިމާމުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން މީގެކުރިން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދާ، އެއްޗެހި ދޮވެ މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނޫން އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފުލުހުން ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށެވެ.

ހަމައެއާ އެކު އެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ވެސް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް