ޗައިނާގެ އެހީގައި ލަންކާގައި ބިނާކުރި ކިޑްނީ ހޮސްޕިޓަލަކީ ދެކުނު އޭޝިއާގައިވެސް ނެތްވަރުގެ ހޮސްޕިޓަލެއް

ސްރީލަންކާގައި އަލަށް ހުޅުވި ކިޑްނީ ހޮސްޕިޓަލް

ކޮލޮމްބޯ (ޖޫން 14): ސްރީލަންކާގެ ޕޮލޮންނަރުވާގައި މިދިޔަ ހަފްތާގެ ބަންދުގައި ހުޅުވި ކިޑްނީގެ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް ނެތްވަރުގެ ބޮޑު އަދި ފެންވަރު ރަނގަނޅު ހޮސްޕިޓަލް ކަމަށް ސްރީލަންކާގެ ނޫސްތައް ބުނެފިއެވެ.

ސްރީލަންކާގެ ސިއްހަތާބެހޭ ވުޒާރާއާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނާގޮތުން ގާތްގަނޑަކަށް 270,000 އަކަ މީޓަރުގެ ބޮޑު ބިމެއްގައި ބިނާކޮށްފައިވާ މިހޮސްޕިޓަލަކީ އިމާރާތާއި އެނދުގެ ގޮތުންނާއި ސިއްހަތާބެހޭ މެޝިނަރީގެ ފެންވަރާއި އަދަދު އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ބަލާއިރު މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ނެތްވަރުގެ ފުރިހަމަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ބިނާކޮށްފައިވަނީ ޗައިނާ ސަރުކާރުން ލޯން އެހީއާއި ހިލޭ އެހީގެ ގޮތުގައި ދިން 60 މިލިޔަން ޑޮލަރުގެ އިތުރުން ސްރީލަންކާ ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުތަކެއް ކޮށްގެންނެވެ.

ހޮސްޕިޓަލް ހުޅުވައި ދެއްވުމަށްފަހު ސްރީލަންކާގެ މިހާރުގެ ރައީސް ގޮތަބަޔާ އާއި ކުރީގެ ރައީސް ސިިރިސޭނާ ހޮސްޕިޓަލް ބައްލަވާލައްވަނީ

200 އެނދުގެ މި ހޮސްޕިޓަލަކީ މައިގަނޑު ގޮތެއްގައި ކިޑްނީގެ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގައި ކިޑްނީގެ ބަލިތަކައް ޚާއްސަ ރީސާޗް ސެންޓަރެއްވެސް ހުރެއެވެ. ނަމަވެސް ކިޑްނީ ނޫން ބަލިތަކަށްވެސް މިހޮސްޕިޓަލުން ފަރުވާދޭގޮތަށްވަނީ ހަމަޖެހިފައެވެ. "ޗައިނާ-ސްރީލަންކާ ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަމުން ނަންދީފައިވާ މިހޮސްޕިޓަލް ހުޅުއްވައި ދެއްވީ ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އެވެ. މި ހޮސްޕިޓަލް ޑިޒައިން ކޮށްފައިވަނީ ސްރީލަންކާގެ ތާރީޚާއި ސަގާފަތުގެ އިތުރުން ޗައިނާގެ ސަގާފީ ތަރިކަވެސް ހާމަކޮށްދޭ އާކިޓެކްޗަރަލް ޑިޒައިނަކަށެވެ.

ސްރީލަންކާގައި ބިނާކުރި ކިޑްނީ ހޮސްޕިޓަލް

ސްރީލަންކާއަކީ ކިޑްނީގެ ބަލިތައް ގިނަގައުމަކަށާ އެބައްޔަށް ދުނިޔޭގެ އެންމެ މަތީފެންވަރުގެ ފަރުވާދޭނެ ހޮސްޕިޓަލެއް ސްރީލަންކާގައި ނެތުމަކީ އެގައުމަށް ޒަމާނުއްސުރެ އޮތް ގައުމީ ފެންވަރުގެ ބޮޑު ގޮންޖެހުމެއްކަން ބަޔާން ކުރައްވަމުން ސްރީލަންކާގެ ސިއްހަތާބެހޭ ވަޒީރު ޕަވިތުރާ ވަންނިއަރައްޗި ވަނީ މި ހޮސްޕިޓަލްގެ ސަބަބުން މި ގޮންޖެހުން ހައްލުވެގެންދާނެކަމަށް ވިދާޅުވެފައެވެ. މި ހޮސްޕިޓަލަށް ޚާއްސަ ސްރީލަންކާގެ ސްޕާ ސްޕެޝަލިސްޓުން ތަމްރީންކުރުމަށް ޗައިނާގެ ފަންނީ އެހީ ލިބޭނެކަމަށްވެސް ވަންނިއަރައްޗި ވިދާޅުވިއެވެ.

ޗައިނާގެ އެހީގައި ސްރީލަންކާގައި ބިނާކުރި ކިޑްނީ ހޮސްޕިޓަލް

"ޗައިނާ-ސްރީލަންކާ ފްރެންޑްޝިޕް ހޮސްޕިޓަލު"ން އެންމެ ފުރަތަމަ ދޭ ޚިދުމަތްތަކުގެ ތެރޭގައިވެސް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމާއި، ކިޑްނީގެ ބަލިތައް ދެނެގަތުމުގެ ލޭޒާ ތަހުލީލުތަކާއި އޮޕަރޭޝަންތައް ހިމެނެއެވެ. މި ހޮސްޕިޓަލް މިހާރު ހުޅުވަފައިވީ ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ހޮސްޕިޓަލު ހިނގައި ގަތުމަށް އަދި މުއްދަތެއްނަގާނެކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ މެދު އުތުރު ޕްރޮވިންސްގައި ހިމެނޭ ޕޮލޮންނަރުވަ އަވަށުގައި ބިނާކޮށްފައިވާ "ޗައިނާ-ސްރީލަންކާ ފްރެންޑްޝިޕް ހޮސްޕިޓަލް" ގައި މިހާރުވެސް ސަތޭކަ މެޝިން ހިމެނޭ ކިޑްނީ ޑަޔަލަސިސް ޔުނިޓަކާއި، އޮޕަރޭޝަން ތިއޭޓަރުގެ ފަސް ތިއޭޓަރާއި ވިހި އެނދުގެ އިންޓެންސިވް ކެއާ ޔުނިޓެއް ހިމެނެއެވެ. ކިޑްނީގެ ބަލިމީހުންނަށް ޚާއްސަ ސިއްޙީ އެތަށް ޚިދުމަތްތަކެއް ގިނަ ޔުނިޓްތަކެއް ހިމެނޭ ކޮންޕައުންޑަކާއި ތަފާތު ލެބޯޓްރީތަކާއި، ރޭޑިއޭޝަން، ސީޓީ ސްކޭންގެ އެމްއާރުއައި ފަދަ ޚިދުމަތްތައްދޭ ޔުނިޓްތައްވެސް ހިމެނެއެވެ.

މީގެއިތުރުން ޑޮކްޓަރުންގެ މަދުގައި މަޝްވަރާ ބައްދަލުވުންތައް ބައްވާނެ އޮޑިޓޯރިއަމަކާއި ކޮޕީ ޝޮޕްތަކާއި ރެސްޓޯރެންޓެއްވެސް ހިމެނެއެވެ. މި ހޮސްޕިޓަލުގައި މުވައްޒަފުންނަށް އާއިލާއާއެކު ދިރިއުޅުމަށް ޚާއްސަ އެޕާޓްމަންޓް އިމާރާތެއްވެސް ހިމެނެއެވެ.

comment ކޮމެންޓް