ހަނިމާދޫ އެއާޕޯޓު ހިންގަން ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނެފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު -- ސަން ފޮޓޯ// ފަރީހާ އަބްދުﷲ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނެގި ނަމަވެސް އެ އެއާޕޯޓު ހިންގާނީ ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާއިރު، އެ އެއާޕޯޓުގެ ހިންގުން އިންޑިއާ ކުންފުންޏަކާ ހަވާލު ކުރަން އުޅޭކަމުގެ އަޑުތައް ގަދަވި އެވެ. އަދި އިއްޔެ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓު ޕޮލިސީ އަށް ގެނައި އިސްލާހުގައި، ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ހިމަނާފައި އޮތުމުން އެކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފަ އެވެ.

އިއްޔެގެ އިސްލާހާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުންތައް ހުއްޓައި، މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފެސިލިޓީގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރި ނަމަވެސް އެ އެއާޕޯޓުގެ އޯނާޝިޕް އޮޕަރޭޝަން އަދި މެނޭޖު ކުރުން ކުރިއަށްގެންދާނީ ސަރުކާރުގެ ބެލުމުގެ ދަށުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

ކަންބޮޑުވުންތައް ހުރުމުން "އެކަން ސާފުކޮށްދިނީ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://sun.mv/153299

އެފްޑީއައި ޕޮލިސީ އަށް ސަރުކާރުން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށް ވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެފްޑީއައި ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ފަރާތްތަކަށް ކުރެވޭ ގޮތަށް އޮތް އޮތުމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީ އަށް ގެނެސްފައިވާ އިސްލާހުގައި، އެއާޓްރެފިކް އޮޕަރެޝަން އަމިއްލަ ބަޔަކަށް ދޭނެ ވާހަކަ ނޯންނާނެ ކަމަށާއި އޮޅުން އަރާތީ އިސްލާހުގެ އިބާރާތް ބަދަލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް