މަސްތުވާތަކެއްޗާ އެކު މިސްކިތެއް ކައިރިން މީހަކު ހައްޔަރުކޮށްފި

މެއި 24، 2020: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެއްވޭ އެއްޗެއް ހުރި ކޮތަޅުތަކަކާ އެކު، މާލޭގެ މިސްކިތެއް ކައިރިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ކަމަށެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮތަޅުތަކެއް އެމީހާގެ އަތުން ފެނިފައިވާ ކަމަށެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކަމުގެ ޝަކުވާ މިސްކިތްތަކުގެ އިމާމުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިސްކިތު ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް ނާޗަރަންގީ ކުޅުމަކީ ކޮންމެ ދުވަހަކު ހިނގާ ކަންކަން ކަމަށް އިމާމުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދާ، އެއްޗެހި ދޮވެ މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނޫން އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފުލުހުން ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށެވެ.

ހަމައެއާ އެކު އެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ވެސް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް