މާލޭ ސިޓީކައުންސިލުގެ ހުރިހާ ކައުންސިލަރުންނަށް ގޮނޑިމޭޒު ނެތް: އެމްޑީޕީ ކައުންސިލަރުން

މާލޭ ސިތީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުންނަށް ހަމަވާ ވަރަށް އެތަނުގައި ގޮނޑި އާއި މޭޒާއި ކޮމްޕިޔުޓަރު ނެތް ކަމަށް އެ ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރާ މެންބަރުން ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ ހަ ކައުންސިލަރުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންސާނީ ވަސީލަތްތައް ނެތުމާއި ޖާގައިގެ ދަތިކަމަކީ މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ސިޓީއެއް ހިންގަން ބޭނުންވާ އަސާސީ އިލްމުހުރި ފަންނީ މީހުން ވެސް ކައުންސިލުގައި ނެތް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރެއް ނެތެވެ. ކައުންސިލްގެ ހިދުމަތްތަކާއި، މުވައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތަން މިތަނުގައެވެ." އެމްޑީޕީގެ ކައުންސިލަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އެހެން ބުނެފައިވާއިރު މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މާލޭ ސިޓީ ކައުންސިލުގެ އޮފީސް ރޫޅާ، ގޮނޑިމޭޒު ފޮރުވާ ހެދިކަމަށް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރޭ އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިތާ، ދޭއްބައި އަހަރު މިހާރު ވަނީ ވެފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވޭނެ ގޮތަށް، ހުރިހާ ކައުންސިލަރުން އެކީ އިށީނދެ ތިބެ މަސައްކަތް ކުރެވޭނެ ޖާގަ ހުރި އިމާރާތެއް ކައުންސިލުގެ ހިދުމަތަށް ހަމަޖެހެން ޖެހޭ ކަމަށް އެމްޑީޕީގެ ކައުންސިލަރުން ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލަށް އާބަން ޕްލޭނަރުންނާއި، އިންޖިނިއަރުން، ސާވެޔަރުންނާއި، އައިޓީ ސްޕެޝަލިސްޓުން އަދި އެހެނިހެން ފަންނީ މީހުންނާއި ސަޕޯޓް ސްޓާފުންވެސް ހަމަޖެހޭން ޖެހޭ ކަމަށާއި އެކަންތައް ހަމަޖެއްސުމަށް މާލޭ ސިޓީ މޭޔަރާ އެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ. އަދި އެމަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންކުރާ ކަމަށް ބުނެފައިވެ އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ މާލޭގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ބާއްވާ ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

https://sun.mv/153200

comment ކޮމެންޓް