ކޮވިޑުގެ ޑެލްޓާ ވޭރިއެންޓުގައި މާބަނޑުމީހުންގެ ހާލު ބޮޑުވޭ: ޑރ. ފައިސަލް

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ޑެލްޓާ ވޭރިއަންޓު (އިންޑިއާ ވޭރިއަންޓު)ގައި މާބަނޑު މީހުންނާ ކުޑަކުދިންގެ ހާލު ބޮޑުވާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިޔުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ ބަލީގެ ވޭރިއަންޓުތައް އަންނަ ވަރަކަށް ބަލި ޖެހިގެން ބޮޑުވަރުވާ ކުޑަކުދިންނާ މާބަނޑު މީހުންގެ އަދަދު އިތުރުވާ ކަމަށެވެ.

"މިސާލަކަށް މިހާރު މިއުޅޭ ޑެލްޓާ ވޭރިއަންޓު. ޑެލްޓާ ވޭރިއަންޓުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަފެނޭ މާބަނޑު މީހުންނާ އަދި ކުޑަކުދިންނަށް އޭގެ ނުރައްކާތެރިކަން ފެންނަ މިންވަރު. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭ މިއުޅޭ ވޭރިއަންޓުތަކުގައިވެސް، މިއައި ރާޅު ތެރޭވެސް ފެނިގެން ހިނގައްޖެ ކުޑަކުދިންނަށާއި މާބަނޑު މީހުންނަށް ވެސް އޭގެ ގެއްލުން ބޮޑުވެގެން ހިނގައްޖެ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި އުޅެނީ ކޮވިޑުގެ ކޮން ވޭރިއަންތުތަކެއްތޯ ބެލުމަށް ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވާފައި ވީނަމަވެސް އޭގެ ނަތީޖާ ލިބުނުކަމެއް ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ސާމްޕަލްތަކެއް ނަގައި ޓެސްތު ކުރަން ފޮނުވާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން، ދެން ބާއްވާ ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދޭނެ ކަމަށެވެ.

"އޭރު އެފޮނުވުނު ސާމްޕަލްތަކުގެ ނަތީޖާ ލިބި މިހާރު އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ޑޮކްޓަރަކު ވަޑައިގެން [މައުލޫމާތު ދެއްވާނެ]" މަބްރޫކު ވިދާޅުވި އެވެ.

ކޮވިޑް19ގެ ހަތަރުވަނަ ރާޅުގައި ބަލިޖެހޭ މާބަނޑު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލީގައި ބޮޑުވަރުވާ މާބަނޑު މީހުންގެ އަދަދުވެސް އިތުރުވެ، ބައެއް މީހުން ބަނޑަށް ދުވަސް ހަމަނުވަނީސް އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަންވެސް ޖެހިފައި އެބަހުއްޓެވެ.

ބަލީގައި ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދޭންޖެހުނު މީހަކު އިއްޔެ މަރުވެފައިވާއިރު އެއީ ރާއްޖޭގައި ކޮވިޑާ ގުޅިގެން ރެކޯޑު ކުރެވުނު ފުރަތަމަ މެޓާނަލް ޑެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. 25 އަހަރުގެ މީހާ މަރުވިއިރު އޭނާގެ އޮޕަރޭޝަންކޮށްގެންް ދަރިފުޅު ނެގިތާ ވީ އަށް ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް