ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާދޭން ޑީއެޗް15

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ ހާއްސަ ކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގެ ހިޔަލަ ވިންގުން ހާއްސަ ކުރި ވޯޑު އޭ ގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދިނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ދެން ފަރުވާދޭނީ ޑީއެޗް15 ގައި ކަމަށެވެ.

ކޮވިޑް19ގެ ހަތަރުވަނަ ރާޅުގައި ބަލިޖެހޭ މާބަނޑު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށް ހިޔަލަ ވިންގުގެ ވޯޑެއް ހާއްސަ ކުރީވެސް އެހެންވެ އެވެ. ބަލީގައި ބޮޑުވަރުވާ މާބަޑު މީހުންގެ އަދަދުވެސް އިތުރުވެ، ބައެއް މީހުން ބަނޑަށް ދުވަސް ހަމަނުވަނީސް އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަންވެސް ޖެހިފައި އެބަހުއްޓެވެ.

ބަލީގައި ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދޭންޖެހުނު މީހަކު އިއްޔެ މަރުވެފައިވާއިރު އެއީ ރާއްޖޭގައި ކޮވިޑާ ގުޅިގެން ރެކޯޑު ކުރެވުނު ފުރަތަމަ މެޓާނަލް ޑެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. 25 އަހަރުގެ މީހާ މަރުވިއިރު އޭނާގެ އޮޕަރޭޝަންކޮށްގެންް ދަރިފުޅު ނެގިތާ ވީ އަށް ދުވަހެވެ.

މިހާރު ފެނިފައިވާ ބަލީގެ ޑެލްޓާ ވޭރިއަންޓުގެ އަސަރު މާބަނޑު މީހުންނަށް ވަރަށް ބޮޑަށް ކުރާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް