މެއި މަހު މީރާއަށް 783 މިލިއަން ރުފިޔާގެ އާމްދަނީއެއް

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސްވި މެއި މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 783.88 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މެއި މަހު އެ އިދާރާ އަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 32.79 މިލިއަން ވެސް ހިމެނެ އެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ މެއިމަހާ އަޅާބަލާއިރު މި އަހަރުގެ މެއި މަހު އެ އިދާރާ އަށް ލިބުނު ޓެކްސް އާމްދަނީ 283.6 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އެ އިތުރުވުމަކީ އިންކަމް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީންޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން އައި ކުރިއެރުމެއް ކަމަށްވެސް މީރާ އިން ބުންޏެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ މެއި މަހަކީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓާލާފައި އޮތް މުއްދަތު ކަމަށްވުމުން، މިދިޔަ އަހަރު ލިބުނު އާމްދަނީ ދަށްވެފައިވާކަން މީރާ އިން ފާހަގަ ކުރެ އެވެ.

މީރާ އިން ބުނީ މެއި މަހު ލިބުނު އާމްދަނީ އަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަށްވުރެ 16.7 ޕަސެންޓު އިތުރު އާމްދަނީ އެއް ކަމަށެވެ. އާމްދަނީ އިތުރުވި އެއް ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށާއި އިންކަމްޓެކްސް އާއި ޓޫރިޒަމް ލޭންޑް ޓެކްސްގެ ގޮތުގައި މެއި މަހު ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ނަމަވެސް ގްރީންޓެކްސް އާއި އެއާޕޯޓު ސާވިސްޗާޖު އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ފަދަ ޓެކްސް ދެއްކުމުގެ ސުންގަޑި ލަސްކުރުމުން އެ ޓެކްސްތަކުންް ލިބުނު އާމްދަނީ ލަފާކުރި ވަރަށްވުރެ ދަށްވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން މިދިޔަ މަހު ބަލައިގަތް ޓެކްސް އާމްދަނީގެ 63.3 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި ޖުމްލަ 496.19 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައި ވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި 52.6 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 70.9 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި 32.7 މިލިއަން ރުފިޔާ މެއި މަހު މީރާ އިން ބަލައިގެންފައި ވެއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 33.4 މިލިއަން ރުފިޔާ މީރާ އަށް ބަލައިގެންފައިވާއިރު، ބިޒްނަސް ޕާމިޓު ދޫކޮށްގެން 2.7 މިލިއަން ރުފިޔާ މީރާ އަށް ވަނީ ލިބިފަ އެވެ. ޓުއަރިޒަމް ބިމު ކުލީގެ ގޮތުގައި 15 މިލިއަން ރުފިޔާ މެއި މަހު މީރާ އަށް ލިބިފައިވާއިރު މުދަލު ޒަކާތުގެ ގޮތުގައި 10 މިލިއަން ރުފިޔާ ބަލައިގެންފައި ވެއެވެ.

comment ކޮމެންޓް