ސްމާޓް ސިޓީ އާއި އިގްތިސާދީ ކުރިއެރުން

ވިޔަފާރީގެ ދުނިޔޭގައި މިހާރު އެންމެ ގިނައިން ބޭނުންކުރެވޭ އެއް ލަފުޒަކަށް ވާނީ ޑިޖިޓަލް އިކޮނޮމީކަން ކަށަވަރެވެ. ޒަމާނަށް އަންނަ ހަލުވި ބަދަލުތަކާއެކު، ވިޔަފާރީގެ އެކި އެކި ހަރަކާތްތައް މިވަނީ އިންޓަނެޓަށާއި ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު ބޮޑުވެގެން ގޮސްފައެވެ. މިސާލަކަށް ދަންނަވަނީނަމަ، ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުދަލުގެ އިޝްތިހާރުކުރުމަށް މިހާރު ބޮޑަށް ބަލަނީ ޒަމާނީ ވަސީލަތްތައް އިސް ކުރެވޭތޯއެވެ. އެހެންނަމަވެސް، ވިޔަފާރިތަކުން އިޝްތިހާރު ކުރުމަށް އިންޓަނެޓް އަދި ޓެކްނޮލޮޖީގެ ބޭނުން ކުރާ މިންވަރަށް ވިޔަފާރީގެ އެހެނިހެން ހަރަކާތްތަކުގައި މިވަސީލަތްތަކުގެ ބޭނުން ނުހިފަނީ ކީއްވެގެންތޯ އެއީ ކުރެވޭ ސުވާލެކެވެ. މިކަމާމެދު ވިސްނާ ފިކުރުކޮށްލައިފި ނަމަ، އިހުގައި ނަގުދު ފައިސާއިން އަތުން އަތަށް ކުރި ވިޔަފާރިއަށްވުރެ، ޓެކްނޮލޮޖީ މެދުވެރިކޮށް އައިސްފައިވާ ލުއިފަސޭހަތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން އެތައް ގުނަ އެއް ފަސޭހައެވެ. ނަމަވެސް، މިއީ ހަމައެކަނި އެއްކަންތަކެވެ. މީގެ އިތުރުން ލިބޭނޭ ލުއި ފަސޭހަ ތަކާއި ތަރައްގީއަކީ ކޮބައިބާއެވެ؟

ހަމަ ޔަގީނުންވެސް ޑިޖިޓަލް އިކޮނޮމީއަކާ ދިމާލަށް މިސްރާބު ޖެހުމަށް ދުރު ރާސްތާގެ ތަސައްވުރަކާއި ވިސްނުން ބޭނުންވެއެވެ. ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށް މަގު ދައްކައިދޭނޭ އާރުކާޓީއެއް ބޭނުންވެއެވެ. އަދި ޑިޖިޓަލް އިކޮނޮމީއާއި ދިމާލަށް މިސްރާބުޖެހުމަށް ވިޔަފާރިތަކަށް ހިތްވަރުލިއްބައިދޭ ފުރުސަތުތަކާއި ކަންތައްތައް މަގުފަހި ކޮށްދޭން ޖެހެއެވެ. މީގެން ހުރިހާ ކަންތައްތަކަކީވެސް އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ކަންތައްތަކެވެ. ހަމައެފަދައިން، ސްމާޓް ސިޓީތަކަކީވެސް މިގޮތަށް މުހިއްމު އެތައް އަސާސްތަކާއި ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެން އުފެދިގެން އަންނަ ތަންތަނެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ގައުމަކުން، ޒަމާނުއްސުރެ މަރުކަޒީކޮށް ދެމުން އަންނަ ހިދުމަތްތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއިން އަދާކުރެވިދާނޭ ދައުރު ވަރަށް ބޮޑެވެ. މިސާލެއްގެގޮތުން، އިންޓަރނެޓް މެދުވެރިކޮށް މަރުކަޒީ ވުޒާރާތަކުން ދެމުން އަންނަ ހިދުމަތްތައް ރައްޔިތުންނާއި ގާތުން އިދާރީ ދާއިރާތަކުން ލިބުމަށް މަގުފަހިކޮށްދިނުމުގެ ބާރު އިންޓަރނެޓަށް ލިބިގެންވެއެވެ. އަދި ހިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު މަތިކޮށްދީ، ހިދުމަތްތައް އަވަސްކޮށްދީ، އަގުތައް ދަށްކޮށްދިނުމަށް އިންޓަރނެޓަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. ޓެކްނޮލޮޖީގެ ތަޖުރިބާކާރުން ދެކޭގޮތުގައި، ބިގް ޑޭޓާ މެދުވެރިކޮށް މިހާރު ވިޔަފާރިކުރާ އުސޫލުތަކާއި، ބެންކިންގ އަދި އާންމު ހިދުމަތްތައް ދެމުން އަންނަ އުސޫލުތަކަށް ބޮޑެތި އިންގިލާބުތަކެއް ގެނެވިދާނެއެވެ. މިސާލަކަށް، އޯޕަން ކޮންޓްރެކްޓިންގ ޑޭޓާ ސްޓޭންޑަރޑްސް ފަދަ އުސޫލުތައް ބޭނުންކޮށްގެން ކޮންޓްރެކްޓް ހަވާލުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިދާނެއެވެ. ހަމަ އެފަދައިން، ޕަބްލިކް ޕްރޮކިއުމަންޓް ފަދަ ކަންކަމުގައި ހިމެނޭ މުއާމަލާތުތައް ދެފުށްފެންނަ ގޮތަށް، އަދި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ހިންގުމަށް އިތުރު ބާރެއް ޓެކްނޮލޮޖީއިން ގެނެސްދެވިދާނެއެވެ. މީގެ އިތުރުން، އާންމު ތަންތަނުގައި ފޯރުކޮށްދޭ ވައި-ފައި ގެ ހިދުމަތް ވިޔަފާރިތަކާއި ގުޅާލެވިއްޖެނަމަ، އާންމުންނާއި ވިޔަފާރިތަކާއި ދެމެދު ހިންގާ އެކިއެކި ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ، ދެފަރާތުގެ ދެމެދުގައިވާ ގުޅުން، ރިއަލް ޓައިމް ޑޭޓާ މެދުވެރިކޮށް، އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ.

މިހާރު ދުނިޔެ ތަޖުރިބާކުރަމުން މިދާ ކޮރޯނާ ވައިރަސް ވަބާގެ ތެރެއިން ސާބިތުވެގެން ދިޔަ އެއް ހަގީގަތަކީ މިފަދަ އާދަޔާ ހިލާފު ހާލަތްތަކުގައި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށާއި ދެމެހެއްޓުމަށް ޓެކްނޮލޮޖީ އަދި ހަލުވި އިންޓަރނެޓްގެ މުހިއްމުކަމެވެ. އަޅުގަނޑުމެންގެ މިކުޑަ ގައުމުގައިވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، އެހެނިހެން ބޮޑެތި ވިޔަފާރިތަކެކޭ ދާދި އެއްހަމައެއްގައި، ލޮކްޑައުންތަކުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނެވެ. ސަރުކާރު އޮފީސްތަކާއި ސްކޫލް ތަކެކޭ އެއްފަދައިން، އަމިއްލަ ވިޔަފާރިތަކާއި ކޮލެޖްތަކުގެ ކިޔެވުން އޮންލައިން ސިސްޓަމަށް ބަދަލުކޮށްލިއެވެ. އިހަށް އެއްތަނަކަށް އެއްވެ ބޭއްވި ބައްދަލުވުންތަކާއި މަޝްވަރާތައް ފަސޭހަކަމާއެކު ޒޫމް އަދި ގޫގުލްމީޓް ފަދަ އެކި އެޕްލިކޭޝަންތަކަށް ބަދަލުވެގެން ދިޔައެވެ. މިހުރިހާ ބަދަލެއް މަގުފަހިކޮށްދިނީ އަދި ފަސޭހަ ކޮށްދިނީ ހަމަ ޔަގީނުންވެސް އިންޓަރނެޓް އާއި ޓެކްނޮލޮޖީއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮރޯނާގެ ވަބާއިން ސަލާމަތްވުމަށް ފަހުގައިވެސް، ސަރުކާރު އަދި އަމިއްލަ ވިޔަފާރި އަދި ކިޔެވުމުގެ ކަންކަމުގައި މިފަދަ އައު ގޮތްތައް ބޭނުންކުރާ މިންވަރު އިތުރުވެގެން ދާނެކަމެވެ.

އެކަށީގެންވާ ވަސީލަތްތައް ވާނަމަ، ދިރާގުޕޭ، އީޒީ ޕޭ އަދި ބީއެމްއެލް އޮންލައިން ފަދަ ހިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސް، އޮންލައިން މެދުވެރިކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ލުއިފަސޭހަވެ، އަގުހެޔޮވެ، އަދި ރައްކާތެރިވެގެން ދާނެއެވެ.

ފުރަ މާލޭ ސަރަހައްދު ސްމާޓް ސިޓީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވާނީ ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ބުރަ އަދި އަގުބޮޑު މަސައްކަތްތަކަކަށެވެ. ނަމަވެސް، އޭގެ ސަބަބުން ލިބޭ ،މަންފާއާއި ފޮނިމީރުކަން މިސަރަހައްދުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ދިރިއުޅުމުގެ ހަރަދު ކުޑަވެ، އަމާންކަމާއި، ރައްކާތެރިކަން، ގިނަގުނަ ފުރުސަތުތައް މިފަރާތްތަކަށް ފަހިވެގެން ދާނެއެވެ.

އެޗްޑީސީގެ ތަސައްވަރުގައި ހިމެނޭ ސްމާޓް ސިޓީއަށް ވާސިލުވުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މިފަދަ ވަސީލަތްތައް މެދުވެރިކޮށް އިންޓަރނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް ފަސޭހަކަމާއި ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެވިގެން ދާނެއެވެ. އަދި ޒަމާނީ ޑިޖިޓަލް އިކޮނޮމީއަކަށް ދިވެހިރާއްޖެ ވާސިލުކޮށްދޭނެއެވެ.

comment ކޮމެންޓް